" ވަރަށް ލޯބިވޭ" މިއީ ކޮވިޑްގައި ރާއްޖޭގެ ފުރަތަމަ މަރުވި ކުޑަކުއްޖާގެ އެންމެ އާންމު ބަހުރުވައެވެ. އާންމުކޮށް އެންމެންނާ ދިމާލަށް ބުނާ ޖުމްލައެވެ. އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ޑައިމަންޑް ކުލާހުގައި ކިޔަވަމުންދިޔަ ދިހަ އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ކޮވިޑްގެ އާލަމީ ވަބާގައި ނިޔާވީ ހާލުބޮޑުވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއެކު ކަރަންޓީނުގައި ހުރީ ގޭގައެވެ. އޭނާއާއެކު މަންމައާއި ބައްޕަވެސް ހުރީ ކަރަންޓީނުގައެވެ. ބަލި ޖެހުނު ނަމަވެސް އިއްޔެއާ ހަމައަށް ހާލު ރަނގަޅެވެ. ހޮސްޕިޓިލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެންނެވެ. ހޮސްޕިޓަލާ ހަމައަށް އެންބިއުލަންސްގައި ގެންދިޔައިރު، ނޭފަތުން ލޭވެސް ހުރީ އައިސްފައެވެ. ހޮސްޕިޓަލަށް ގެންގޮސްލީ ވެންޓިލޭޓަރަށެވެ. ގިނައިރުތަކެއް ނުވެއެވެ. އެންމެންނަށް ލޯބި ދީފައި މިޝްކާ އެންމެންނާ ވަކިވެދިޔައީއެވެ.


" އެއީ ވަރަށް ޓެލެންޓެޑް ކުއްޖެއް. އަދަބީކަންތައްތަކުގައި ހަރަކާތްތެރި ކުއްޖެއް. މުދައްރިސުންނާއި ކުދިންނާ ވަރަށް ގުޅޭ ހިތްހެޔޮ ކުއްޖެއް" އިމާދުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރު ފައުޒިއްޔާ މުޙައްމަދު ވިދާޅުވިއެވެ. " ލަވަ، ބަނދި، ޅެން، ރައިވަރު ކިޔުމުގައި ހުނަރުވެރި ދަރިވަރެއް އެއީ"
މިޝްކާ އެ ދިޔައީ އެންމެންނަށް ލޯބި ދީފައެވެ. މާތްﷲ އެ ކުއްޖާއަށް ސުވަރުގޭގެ ނިއުމަތް ލައްވާށިއެވެ.


advertisment
ހިޔާލު