ސާނަވީ އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާފައިވާއިރު، ފިއްލަދޫ ސްކޫލަށް މިއަދު މިއީ ތާރީޚީ ދުވަހެކެވެ. އަދި އެއަށްވުރެ ބޮޑަށް އެ ސްކޫލުން ސާނަވީ ނިންމި އައިޝަތު އިނާޝް އާމިރުގެ އެ އުފާވެރިކަން މާބޮޑެވެ. އިނާޝްއަކީ އެ ސްކޫލުން މި އަހަރު ސާނަވީ އިމްތިޙާނު ހެދި ދިހަ ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ހަމައެކަނި ދަރިވަރެވެ. އަދި މިއީ އެ ސްކޫލުގެ ތާރީޚުގައި ވެސް ޤައުމީ ގަދަ ދިހައެއްގައި ދަރިވަރަކު ހިމެނުނު ފުރަތަމަ ފަހަރެވެ.
އިނާޝް ދިޔައީ ސާނަވީން ޤައުމީ ދިހައެއްގެ ދިހަ ވަނައަށެވެ. އޭނާއަށް ލިބުނީ، ދެ އޭ ސްޓަރއާއި ހަތަރު އޭ އާއި އެއްބީ އަދި އެއް ސީއެވެ.

އޭ ސްޓަރ ލިބުނީ އިނގިރޭސި އާއި އިސްލާމުންނެވެ. އޭ ލިބުނީ ދިވެއްސާއި ބިޒްނަސް އާއި އެކައުންޓްގެ އިތުރުން ޓްރެވަލް އެންޑް ޓޫރިޒަމުންނެވެ. ބީ ލިބުނީ އިކޮނޮމިކސްއިންނެވެ. ސީ ލިބުނީ ހިސާބުންނެވެ.
ނަތީޖާ ލިބުމުން އުފާވެފައި ހުރި އިނާޝް ދަރިވަރު ނޫހަށް ބުނީ، ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރި ނަމަވެސް ގަދަ ދިހައެއްގައި ހިމެނިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އެފަދަ ވަނައެއް ލިބިދާނެ ކަމަށް މުދައްރިސުންނަށް އުއްމީދު އޮތް ކަމަށް ބައެއް ފަހަރު ފާހަގަވެސް ކުރި ކަމަށެވެ.
" ބައެއް ފަހަރު މުދައްރިސުން ބުނާނެ ގަދަ ދިހައެއްގައި ހިމެނިދާނެއޭ އެ ހިސާބަށް ދެވިދާނެއޭ. އަޅުގަނޑަށް އެ އުއްމީދު ނުކުރަން" ފާއިތުވި އަހަރު ފިއްލަދޫ ސްކޫލުގެ ކެޕްޓަންކަން ވެސް ކުރި އިނާޝް ބުންޏެވެ.
އިނާޝް ބުނީ، އޭނާއަކީ އަމިއްލައަށް ކިޔަވަން އިސްކަންދޭ، ލިޔެގެން ދަސްކުރާ ކުއްޖެއް ކަމަށާއި މުޅި ސިލަބަސް އެކީގައި ކިޔައި ދަސްކުރަން ލިޔުނީ ކަމަށެވެ.
" ކިޔައިގެން ދަސްކުރަން އުނދަގޫ. ދަސްކުރަންޏާ ލިޔަނީ. އޭރުން ދަސްކުރަން ވެސް ހަނދާނުގައި ބަހައްޓަން ވެސް ފަސޭހައީ" ދަރިވަރު ނޫހަށް އިނާޝް ބުންޏެވެ.

މިއަދު ލިބުނު ނަތީޖާއާއެކު، މަތީ ސާނަވީއަށް ދާކަށް އޭނާގެ ވިސްނުމެއް ނެތެވެ. ބޭނުން ވަނީ ސާނަވި މުދައްރިސެއްގެ ގޮތުގައި ކުރިއަށް ދާން ކޯހުގައި ބައިވެރިވާށެވެ.
އިނާޝާ ބުނީ، އޭނާއަށް ލިބުނު ކާމިޔާބީއަކީ މުދައްރިސުން ކޮށްދިން ބުރަ މަސައްކަތް ކަމަށާއި އެއާއެކު އާއިލާއާއި މަންމައާއި ބައްޕަ އެކަމުގައި ގޮތުން ބައިވެރިވާ ކަމަށެވެ.
" މަންމައާއި ބައްޕަ، ޚާއްޞަކޮށް މަންމަ ކައިރީގައި ހުރެގެން ދިން ހިތްވަރާއި ކޮށްދިން މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަން. ނަތީޖާއަކަށް އެދިގެން މަންމައަކު ކުރާ ދުޢާއަކީ ކާމިޔާބީގެ ސިއްރު" އިނާޝް ބުންޏެވެ.

ފިއްލަދޫ ސްކޫލުގައި މިދިޔައަހަރު ޕްރިންސިޕަލެއް ގޮތުން މަސައްކަތް ކުރެއްވި އަބްދުﷲ ޒުބައިރު ވިދާޅުވީ، ފިއްލަދޫ ސްކޫލަށް ލިބުނީ ކާމިޔާބާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެއީ އޭނާއަށް ވެސް ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށެވެ. މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
advertisment
ހިޔާލު