އުސްތާޛާ ޙައްވާ ލަތީފު: ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހުޠުބާތައް ލިޔުއްވުމުގެ އަޒުމުގައި

މިދިޔަ ހުކުރު ދުވަހަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނާއިބު ވަޒީރު، އަލްއުސްތާޛާ ޙައްވާ ލަޠީފަށް ޚާއްޞަ ދުވަހެކެވެ.

ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ހުޠުބާ ލިޔުއްވި އަންހެން ދަންނަބޭކަނބަލެއްގެ ޝަރަފު ހޯއްދެވީ އޭނާއެވެ. ޙައްވާ ލަތީފު ލިޔުއްވި ހުޠުބާ ބިނާ ކުރެއްވީ އާއިލީ ގުޅުން ދެމެހެއްޓުމުގެ މައްޗަށެވެ.

އެ ހުޠުބާއަށް އެތައް ބަޔަކު ތައުރީފު ކުރިއެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ފުރިހަމަ، އާއިލީ ގުޅުން ވަރަށް ރަނގަޅަށް ތަޞއްވަރުކޮށްދީފައިވާ ހުޠުބާއެކެވެ.

ދަރިވަރު ނޫހަށް ޙައްވަ ވިދާޅުވީ، ހުކުރު ހުޠުބާއެއް ލިޔުއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމުން އެކަމާ ފުރަތަމަ ޖެހިލުން ވި ކަމަށެވެ. މުޅި ޤައުމަށް ހުރިހާ ރައްޔިތުންނަށް އަމާޒުކޮށް އެފަދަ ލިޔުއްވުމެއް ލިޔުއްވިދާނެ ބާވައޭ ހިތާހިތާ ސުވާލު ވެސް ކުރެއްވުނު ކަމަށެވެ.

އެ ފުރުޞަތު ލިބިވަޑައިގެންނެވީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު، އިލްމް ފެތުރެއްވުމަށް، ޚާއްޞަކޮށް ދީނީ އިލްމް ފެތުރުއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުންނެވެ.

" މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ ކީއްވެހޭ އަންހެން އިލްމްވެރިން ހުޠުބާ ނުލިޔުއްވަނީ. ކީއްވެހޭ އަންހެން ބޭފުޅުންނަށް އެ ފުރުޞަތު ނުދެއް ވަނީ. މިނިސްޓަރު އެ ސުވާލު ކުރެއްވީ ހުޠުބާ ކޮމިޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ޝެއިޚް ލަތީފުއާ. ލަތީފު ވިދާޅުވި ހުރަހެއް ނެތޭ. އެ ހިސާބުން އެ ފުރުޞަތު ހުޅުވިގެން ދިޔައީ. އިސްލާމިކް މިނިސްޓްރީގައި ވެސް އެބަތިއްބެވި ދީނީ ޢިލްމްގެ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުން. އެ ހުރިހާ ބޭފުޅުންނަށް ފުރުޞަތު ހުޅުވާލެއްވީ" ހުޠުބާ ލިޔުއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ގޮތް އުސްތާޛާ ޙައްވަ ސާފުކޮށްދެއްވިއެވެ.

" އެ ފުރުޞަތު ލިބުނީމާ ފުރަތަމަ ޖެހިލުން ވެސް ވި ލިޔެވިދާނެ ބާވައޭ. އަޅުގަނޑަކީ ލިޔުންތެރިއެއްގެ ގޮތުން މަސައްކަތް ކުރާ މީހަކަށް ވިޔަސް ހުޠުބާއެއް ލިޔަން ވީމާ ޖެހިލުންވީ، އެތައް ބަޔަކަށް، މުޅިރާއްޖެއަށް ދޭ އިރުޝާދެއް ވީމާ. އެހެން ނަމަވެސް ހުޠުބާ ކޮމިޓީން ވެސް މިނިސްޓަރު ވެސް ހިތްވަރު ދެއްވި" ޙައްވަ ވިދާޅުވިއެވެ.

ޙައްވަ ޤަބޫލު ކުރައްވާ ގޮތުގައި ދީނީ އިރުޝާދު ތަކުގެ ބަދަލުގައި ހުޠުބާތައް ބައްޓަން ކުރަން ޖެހޭނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށެވެ. އެފަދަ ވިސްނުންތަކެއް އޭނާގެ ވެސް އެބަހުއްޓެވެ.

" އަޅުގަނޑަށް ލިބުނު މައުޟޫވީމާ ( އާއިލީ ގުޅުން ދެމެހެއްޓުން) އެ އަށް ލިޔުނީ. އަޅުގަނޑުގެ އެބަހުރި ލިޔަން ބޭނުންވާ ބައިވަރު މުހިންމު މައުޟޫތައް. ޤައުމުގައި ހުރި ވަރަށް ބައިވަރު މައްސަލަތައް" ޙައްވަ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އެޗްއާރު ބެލެހެއްޓުމުގެ ޒިންމާ އޮތީ ޙައްވައަށެވެ. އޭގެ އިތުރުން ދަޢުވާގެ މަސައްކަތް ބެލެހެއްޓުމުގެ ޒިންމާ ވެސް މިހާރު އޮތީ އޭނާއާ މަތިކޮށްފައެވެ. ވަރަށް ގިނަ ޒިންމާތަކެއް ބޮލުގައި އަޅުއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ސިކުނޑު ހުސްކޮށްލައިގެން އިށީންނަވާނެ ވަގުތެއް ހޯއްދަވަން އުނދަގޫ ކަމަށް ޙައްވަ ވިދާޅުވިއެވެ.

ޙައްވަ، ހުޠުބާ ލިޔުއްވީ އެންމެ ރެއެއްގެ މަސައްކަތުންނެވެ. އެރޭ 10:30 ހާއިރު މަސައްކަތް ފެއްޓެވި ގޮތަށް ފަތިސްނަމާދަށް ބަންގި ގޮވަންވާއިރަށް ނިންމާލެއްވިއެވެ. އެ ހުޠުބާއަކީ އިނގިރޭސި ބަހަށް ތަރުޖަމާ ވެސް ކުރަން ޖެހޭ ހުޠުބާއެއް ކަމަށް ބުނެ ހުޠުބާގެ ކަންތައްތަކުގައި އުޅޭ ކުއްޖަކު ގުޅާފައި އަވަސްކޮށްދޭން ވެސް ޙައްވަގެ އަރިހުން އެދުނެވެ.

" ނިންމާފައި ނޫނީ ތެދުނުވާނެ ކަމަށް ނިންމައިގެން ފެށީ. ފަތިސްނަމާދަށް ބަންގި ގޮވުމުގެ ކުރިން ނިންމާލައިފިން" ޙައްވަ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އާންމުކޮށް އޮންނަ އުޞޫލަށް ބަލާއިރު ހުޠުބާ ލިޔުއްވާފައި ކޮމިޓީއަށް ފޮނުއްވުމުން އެ ކޮމިޓީން ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެ އިސްލާހު ކުރަން އަލުން ފޮނުއްވާނެއެވެ. ބައެއް ފަހަރު ތިން ހަތަރު ފަހަރަށް ވެސް ބަދަލު ކުރަން ޖެހޭ ފަހަރު އަންނަކަމަށް އެކަމުގެ އުޅޭ ކުދިން ބުނާ ކަމަށް ޙައްވަ ވިދާޅުވިއެވެ.

ޙައްވަ ލިޔުއްވާފައި ކޮމިޓީއަށް ފޮނުއްވި ޙުޠުބާއަށް އެ ކޮމިޓީން ބަދަލެއް ނުގެންނަވައެވެ. އެއަށް އެއްވެސް ކޮމެންޓެއް ވެސް ނުކުރައްވައެވެ.

" އެއަށް އެއްވެސް ކޮމެންޓެއް ނާދޭ. އެއީ އެބޭފުޅުންނަށް ހުޠުބާ ކަމުދިޔުމުން ކަމަށް އަޅުގަނޑު ބެލީ" މިދިޔަ ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ޙައްވަ ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއަށް ޙައްވަ ކިޔަވާވިދާޅުވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އަޒްހަރު ޔުނިވަރސިޓީންނެވެ. އޭގެ ފަހުން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހެއްދެވީ މެލޭޝިޔާގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.

ޙައްވަ ވިދާޅުވި ގޮތުގައި އޭނާއަށް ދީނީ ވަޢުޟު ދެއްވުމުގެ ހުއްދަ ދެއްވީ އަޒްހަރުގައި ކިޔެވި ކޮންޓެންޓަށް ބައްލަވާފައެވެ. އޭރުއްސުރެ އެކަމުގެ ތެރޭގައި ދުރަށް ނުގޮސް މަސައްކަތް ކުރެއްވި ކަމަށް ޙައްވަ ވިދާޅުވިއެވެ.

" ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑަށް މި ދެވުނީ ދާންވީ ރޮނގުން ނޫނޭ ވެސް. އަޅުގަނޑުގެ މޭޖަރ ތައުލީމް މިއޮތީ އެހެން ދިމާލަކުން ވީމާ" ޙައްވަ ވިދާޅުވިއެވެ.

އިސްމާމިކް މިނިސްޓްރީއަށް އައުމުގެ ކުރިން އިސްލާމިކް ޔުނިވަރސިޓީގެ އިސް މަޤާމްތަކެއް ޙައްވަ އަދާކުރެއްވިއެވެ. އެންމެ ފަހުން ހުންނެވީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ.

ޙައްވަ ދެކިވަޑައިގަންނަވާ ގޮތުގައި، އަންހެނުންގެ ދައުރު މުޖްތަމައުގެ ހުރިހާ ފަންނެއްގައި ވެސް ބޮޑެވެ. ޤައުމީ ހުރިހާ މަސައްކަތަށް ހަމަހަމަކަމާއެކު އަންހެނުން ނުކުންނަން ވެސް އެބަ ޖެހެއެވެ. ފިރިހެނުންނަށް ނޭނގޭ އެތައް އިހުސާސެއް އަންހެނުންގެ ހުންނާނެއެވެ. އާއިލާއެއް، މުޖްތަމައެއް ބިނާވަނީ ފިރިހެނުންނާއި އަންހެނުން، މި ދެބައި ގުޅިގެން ކުރާ މަސައްކަތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *