އަބްދުﷲ މުދައްރިސްގެ ކުއްލި ވަކިވުން: އެއީ މީދޫ ސްކޫލްގެ އެންމެ މުހިންމު އެއް ތަނބު

ކޮވިޑްގެ ނުރައްކާތެރި ވަބާގައި އެތައް ފުރާނައެއް އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފިއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތަކަށް ހަމަގައިމުވެސް ދ. މީދޫ، ސްކޫލްގެ ދިވެހި މުދައްރިސް އަބްދުﷲ ރަޝީދު ވާނެއެވެ. ކޮވިޑްގައި ނިޔާވި އެތައް ދިވެހިންގެ ތެރޭގައި އެ ލޮބުވެތި މުދައްރިސް އަޅުގަނޑުމެންނާ ވަކިވެދިޔައީއެވެ. މީދޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން ރޮއްވާލާފައެވެ. އެކަމުގައި ހުރިހާ ދަރިވަރުންނާއި މުދައްރިސުން ބައިވެރިކުރުވާފައެވެ.

" އެއީ ހުރިހާ ކަމެއްގައިވެސް ނަމޫނާއެއް. ދަރިވަރުންގެ ތެރޭގައި ޑިސިޕްލިން ހިފެހެއްޓި. ދަރިވަރުންނަށް ކުޅިވަރު ދަސްކޮށްދިނުމުގައި އެންމެ ކުރީސަފުން ޖާގަހޯއްދެވި. ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުންނާއެކު ގާތް ގުޅުމެއެް ބޭއްވި. ޖުމްލަކޮށް ބުނާނަމަ އެއީ ސްކޫލްގެ މައި ތަނބު" ދ. މީދު ސްކޫލްގެ ޕްރިންސިޕަލްކަން ތިން އަހަރު ކުރެއްވި ޚާލިދު އަބްދުﷲ ފުރަތަމަވެސް ފަށައިގަތީ އަބްދުﷲއަށް ތައުރީފުގެ ބަސްތަކުންނެވެ.

ޚާލިދު ވިދާޅުވިގޮތުގައި، އަބްދުﷲއަކީ ކުދިންގެ އަޚްލާގަށް ވަރަށް އިސްކަން ދެއްވި މުދައްރިސެކެވެ. އެހެން މުދަރިސުންނަށް ކޮންޓްރޯލް ނުވާ ދަރިވަރުން ކޮންޓްރޯލް ކުރުމަކީ އަބްދުﷲއަށް މާބޮޑުކަމެއް ނޫނެވެ. އަދި ދަރިވަރުންވެސް އޭނާއަށް އިހްތިރާމް ކުރެއެވެ.
" ދަށްވެގެން ކުއްޔަކު ދޫކޮށެއް ނުލައްވާނެ. ކައިރީގައި ބައިންދައިގެން އޯގާތެރިކަމާއެކު ފިލާވަޅުތައްވެސް ބުނެދެއްވާނެ" ޚާލިދު ވިދާޅުވިއެވެ. " ޕްރިންސިޕަލްގެ ލަފާގެ މަތިން ނޫނީ މަސައްކަތްތަކެއް ކުރިއަށް ނުގެންދަވާނެ. އެހެންވެ ކޮންމެ ޕްރިންސިޕަލަށްވެސް އިތުބާރު އޮވޭ އަބަދުވެސް އަބްދުﷲއާ މެދު"
މީދޫ ސްކޫލްގައި ކުރިން މަސައްކަތް ކުރެއްވި ސޯބިރާ ހަސަންއާ ހަވާލާދީ ވަން އޮންލައިންގައި ބުނެފައި ވަނީ އަބްދުﷲ އަކީ އޭނާގެ ދަށުން މަސައްކަތް ކުރި ނަމޫނާ ޓީޗަރެއް ކަމަށެވެ. ތަފާތު ކުރުމެއްނެތި ހުރިހާ ދަރިވަރުންނާވެސް ގާތް ގުޅުމެއް ބޭއްވި އޯގާތެރި މުދައްރިބެއް ކަމަށެވެ. އޭނާގެ ބެލުމުގެ ދަށުން މީދޫ ސްކޫލްގެ ދަރިވަރުންތަކެއް މޮޅު ކުޅިވަރު ކުޅުންތެރިންނަށާއި އެތުލީޓުންނަށް ވި ކަމަށެވެ.

" އަބްދުﷲ އަކީ މޮޅު އެތުލީޓެއް ނޫން. އެކަމަކު އޭނަގެ ބެލުމުގެ ދަށުން އެތައް ކުދިންނެއް ގައުމީ ފެންވަރުގެ އެތުލީޓުންނަށް ހެދި. ފުޓުބޯޅަ، ވޮލީ ބޯޅަ، މިހެން ގޮސް ހުރިހާ ކުޅިވަރުތަކެއްގެ ހުރިހާ ކުދިން ބައިވެރިކުރުވާނެ. ސިޔާސަ ކުދިން ކުލާސްތަކުގަ ތިއްބަސް އެކުދިން ވާނީ އަބްދުﷲ އެންމެ ލޯބިވާ ކުދިންނަށް. އެ ކުދިން ވަރަށް ގާތް ވާނެ. ކުޅިވަރުގެ ހަރަކާތްތަކަށް ކުދިން މާލެ ގެނެސްގެން ބޯޅަގޭގަ ތިބޭ އިރު އަބްދުﷲ އަމިއްލަ ޖީބުން އެ ކުދިންނަށް ހަރަދު ކުރާނެ. ބެލެނެވެރިން ޖެހިލުމެއް ނުވާނެ އަބްދުﷲ އާއެކު އެ ކުދިން މާލެ ފޮނުވާކަށް. އަދި އެހެން ތަނަކަށް ފޮނުވަންވެސް. އަމިއްލަ ދަރިން ފަދައިން ބަލާނެ." ސޯބިރާ ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އަބްދުﷲ ރަޝީދު ވަނީ 27 އަހަރު މެދުކެނޑުމެއްނެތި ތައުލީމީ ދާއިރާއަށް ޚިދުމަތް ކޮށްދެއްވާފައެވެ. ނިޔާވިއިރު، ދެ ކުދިން އެވަތިއްބެވެ. އޭގެ އިތުރުން ޔަތީމް ކުއްޖަކުވެސް ދިޔައީ ބަލަމުންނެވެ.

މާތްﷲ އެ މުދައްރިސްގެ ފުރާނައަށް ރަހުމަތް ލައްވާށިއެވެ. އާމީން.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *