އޯލެވެލްއާއި އޭލެވެލްއިން އެއްވަނަ، ކެމިސްޓްރީން ދުނިޔެއިން އެއްވަނަ ހޯދަން ކަނޑައެޅީ ކޮންމެ ދުވަހަކަށް ވަކި ޓާގެޓެއް
ކިޔަވާނެ ވަކިގަޑިއެއް ކަނޑައަޅާފައި ނެތަސް، ކޮންމެ ދުވަހަކު ޙާޞިލްކުރަން ޖެހޭ މިންވަރެއް ކަނޑައަޅައިގެން މަސައްކަތްތައް ނިންމަމުން ދިއުމަކީ ސީއެޗްއެސްއީއިން މަތީ ސާނަވީ ނިންމައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި މުޙައްމަދު ޝާމިޚް ޝަފީޤުގެ ކާމިޔާބީގެ ސިއްރެވެ. އޭނާ ވަނީ ފާއިތުވި އަހަރު އޭލެވެލް އިމްތިޙާނުން ކެމިސްޓްރީން މުޅި ދުނިޔެއިން އެއްވަނަ ވެސް ހޯދާފައެވެ. އަދި ސާނަވީ ނިންމާ އިންތިޙާނުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ވެސް ޝާމިޚް، ހޯދިއެވެ.

ހިރިޔާ ސްކޫލުން ސާނަވީ ނިންމި ޝާމިޚްއަކީ ކިޔެވުމަށް ޚާއްޞަ ސަމާލުކަން ދީ އިމްތިހާނުތަކަށް ދުރާލާ ތައްޔާރު ވަމުން އައި ދަރިވަރެކެވެ. އަބަދުވެސް މަސައްކަތް ކުރަނީ އިމްތިޙާނު ތަކުން ސައްތައިން ސައްތައިގެ ނަތީޖާއެއް ނެރޭށެވެ.

" މަސައްކަތް ކުރަން ޖެހޭނީ ފުލް މާކްސްއަށް، އޭރުން މިސްޓޭކެއް ހެދިގެން މާކްސްތަކެއް މަދުވިޔަސް ދަށްވެގެން އޭ ސްޓަރއަކާ ހަމައަށް ދެވޭނީ" ޝާމިޚް ބުންޏެވެ.
ޝާމިޚް ބުނީ، އޭލެވެލްގައި ކިޔަވަން ފަށައިގަތް އިރު ނެގި ޓެސްޓްތަކުން އެންމެ އެކަށީގެންވާ ނަތިޖާއެއް ނުހޯދޭ ކަމަށެވެ. އޯލެވެލްއާ އަޅާބަލާއިރު އޭލެވެލްގައި ކިޔަވަން ޖެހޭ ބައި ތިން ގުނަ އިތުރު ކަމަށާއި ދުރާލާ ތައްޔާރުވާން މަސައްކަތް ނުކޮށްފިނަމަ ރަނގަޅު ނަތީޖާއެއް ލިބުން ދުރުކަމަށެވެ. ތާވަލެއް އެކުލަވާލައި ކޮންމެ ދުވަހަކަށް ވަކި ޓާގެޓެއް ކަނޑައެޅީ އެހެންވެ ކަމަށް ޝާމިޚް ބުންޏެވެ.

އިމްތިޙާނު ތަކުން ދަށްވީމާ، ހެދިފައި ހުންނަ މިސްޓޭކްތައް ބަލައި ޓީޗަރުންގެ ކައިރިން އަހަނީ."
ކިޔެވުމުގައި ޝާމިޚް ގެންގުޅުނު ފޯމިއުލަރ އަކީ ނޯޓްސްތައް ކިޔައިގެން ކޮންސެޕްޓް ފަހުމްވީމާ ވީހާވެސް ގިނައިން ޕާސްޓްޕޭޕަރު ހެދުމެވެ.
ޝާމިޚްއަކީ އަމިއްލައަށް އެކަނި އިނދެ ކިޔަވަން ލޯބިކުރާ ދަރިވަރެކެވެ. ގުރޫޕް ސްޓަޑީ ހެދުމަކީ ވެސް އޭނާ ގަޔާވި ކަމެއް ނޫނެވެ. ސާނަވީއަށް ކިޔެވި ދުވަސްވަރު ޓިއުޝަން ދޫކޮށްލީ ވެސް އަމިއްލައަށް ކިޔަވަން ބޭނުން ވެގެންނެވެ.

" އޯލެވެލް ފެށުނުއިރު ބައެއް މާއްދާތަކުން ޓިއުޝަން ނެގިން. ފަހުން ދޫކޮށްލީ. އެކަނި ކިޔެވީމާ ބޮޑަށް ފޯކަސްކުރެވޭތީ. އަމިއްލައަށް ކިޔަވާފައި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ މުދައްރިސް ކައިރިން އަހައި އޮޅުން ފިލުވަނީ" ޝާމިޚް ބުންޏެވެ.

" ގުރޫޕް ސްޓަޑީއެއް ވެސް ނަހަދަން. އެކަމަކު ލިބޭ ވަގުތު ތަކުގައި ކުލާސްތެރޭގައި އެއްކޮށް އުޅޭ ކުދިންނާ އެކު ފިލާވަޅުތަކާ ގުޅޭ ގޮތުން ޑިސްކަޝަންތައް ކުރިއަށް ގެންދަން. އެކި ކުދިންގެ ވިސްނުން ތަފާތުވީމާ ލިބޭ އެ އުފެއްދުންތެރި ޚިޔާލު ތަކުގެ ބޭނުން ހިފޭ"
ކިޔެވުމުގައި އޭނާ ހޭދަ ކުރި 12 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ އުނދަގޫވީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވަން ޖެހުމުން ކަމަށް ޝާމިޚް ބުންޏެވެ. ކުއްލިއަކަށް އޮންލައިންކޮށް ކިޔަވަން ޖެހުމުން ކިޔެވުމުގެ މަތިން ފޫހިކޮށްލައި މާޔޫސްކޮށްލި ކަމަށާއި ކިޔެވުމުގެ ތެރެއަށް ވަދެވުނީ ސްކޫލްތައް ހުޅުވި ފަހުން ކަމަށް ޝާމިޚް ބުންޏެވެ.
ކެމިސްޓްރީއާއި ފިޒިކްސްއަށް ޝައުޤު ހުންނަ ޝާމިޚް މިހާރު ތައްޔާރު ވަމުން ދަނީ، ރައީސްގެ ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރުން ޑޮކްޓަރީކަން ކިޔަވަން ދާށެވެ. އެންމެ ކުޑައިރުއްސުރެ އޭނާގެ އުއްމީދަކީ ޑޮކްޓަރަކަށް ވުމެވެ. އެއީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އަޒުމް އޭނާގެ ހިތުގައި ބިންވަޅުނެގިފައި އޮތީމައެވެ.
" ވަރަށް ކުޑައިރުވެސް ޑޮކްޓަރަކަށް ވާން ބޭނުންވީ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށް އެންމެ ފަސޭހަ އެއް ދާއިރާ ކަމަށް ވީތީ" ޝާމިޚް ބުންޏެވެ.

ޝާމިޙް ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕައާއި ޢާއިލާގެ ބައިވެރިވުން ބޮޑު ކަމަށެވެ. ލިބޭ ކޮންމެ ހިތާމައަކާއި އުފަލެއްގައި އަބަދުވެސް ހިތްވަރު ދެނީ އެ ދެމީހުން ކަމަށެވެ.
" އިމްތީޙާނަކުން ދަށްވިޔަސް މަންމައާއި ބައްޕަ ދޭ ހިތްވަރުން ކުރިއަށް ދާން ހިތްވަރު ލިބެނީ"
ސާނަވީގައި ކިޔެވި ހިރިޔާ ސްކޫލާއި މަތީ ސާނަވީގައި ކިޔެވި ސީއެޗްއެސްއީގެ ޓީޗަރުންނަށް ވެސް ޝާމިޚް ޚާއްޞަ ޝުކުރެއް އަދާކުރިއެވެ.
ރަނގަޅު ނަތީޖާއަކަށް އެދިގެން މަސައްކަތް ކުރާ ދަރިވަރުންނަށް ޝާމިޚް ދިން ނަސޭހަތަކީ މިއެވެ.
އެންމެ މުހިންމު ކަމަކީ ބަރާބަރަށް ނިދުމެވެ. އިމްތިޙާނު ދުވަސްވަރު ވެސް ނިންޖަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ދުރާލާ އިމްތިޙާނަށް ތައްޔާރު ވާށެވެ. އެ ދުވަހެއްގެ ފިލާވަޅު އެ ދުވަހަކު މުޠާލިއާ ކުރާށެވެ. ނަމާދަށް ފަރުވާތެރިވުމާއެކު ދުއާ ކުރުން މަތީ ދެމިހުންނާށެވެ.
advertisment
ހިޔާލު