ސްކޫލްތަކުގެ އިންޓަރނެޓް ރަނގަޅުކުރަން ލޯކަލް ޕުލެޓްފޯމެއް ގާއިމްކޮށް ޓެސްޓްކޮށްފި
ސްކޫލްތަކުގައި އިންޓަރނެޓް ރަނގަޅުކުރުމަށް ލޯކަލް ޕުލެޓްފޯމެއް ގާއިމްކޮށް އެ ޓެސްޓްވެސް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް އާ ގުޅިގެން ދަރިވަރުންގެ ކިޔެވުން އިންޓަރނެޓަށް ބަރޯސާވެފައިވާ މި ދަނޑިވަޅުގައި ނެޓް ނުލިބުމާއި ސްޕީޑް މައްސަލައިގައި ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެޑިއުކޭޝަން މިނިސްޓަރު، ޑރ އައިޝަތު އަލީ ވިދާޅުވީ ޓެސްޓްކޮށްފައިވާ އެ ޚިދުމަތް އަންނަ ހަފުތާގެ ތެރޭގައި ބައެއް ސްކޫލްތަކުގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާނެ ކަމަށެވެ. މިނިސްޓަރު ވަނީ މި ޕުލެޓްފޯމް ބޭނުންކޮށްގެން އަންނަ އަހަރު ހުރިހާ ސްކޫލެއްގައި ކިޔަވައިދެވޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
އޮންލައިންކޮށް ދަރިވަރުން ކިޔަވަމުންދާއިރު، ދިރާގާއި އުރީދޫން ޚާއްޞަ އަގުތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީގެ އެދުމުގެ މަތިން ދަރިވަރުންނަށް ހިލޭ ޑާޓާ ލިބޭނެ އިންތިޒާމް މީގެ ކުރިން ވަނީ ހަމަޖައްސައިފައެވެ.
ސަރުކާރުން ވަނީ އިންޓަރނެޓްގެ އަގަށް ދާދި ފަހުން ބަދަލުގެނެސްފައެވެ. އަގަށް ގެނައި ބަދަލުތަކާ އެއްގޮތަށް ޚިދުމަތްދޭނީ ޖުލައި މަހުން ފެށިގެންނެވެ.
advertisment
ހިޔާލު