" ހުވަފެނެއްގައި ކުލަޖެއްސޭނީ އެންމެ ފުރަތަމަ އެ ހުވަފެން ދެކިގެން. އަޅުގަނޑުގެ އިލްތިމާސްއަކީ ކޮންމެ ކުއްޖަކު ވެސް ކާމިޔާބު ހޯދަން ބޭނުން ނަމަ، އެންމެ ފުރަތަމަ ހުވަފެން ދެކެން. އަދި އެއަށްފަހު، އެ ހުވަފެނުގައި ކުލަޖައްސަން ހިތްވަރާއެކު މަސައްކަތް ކުރުން" ޖަލާލުއްދީން ސްކޫލުގެ ސާނަވީން ފާއިތުވި ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވުނު ފަތިމަތު ރައިޙާ އެ މަޤާމް ހޯދަން ކުރި މަސައްކަތް ދަރިވަރުންނަށް ކުރުކޮށް ކިޔައިދިނެވެ.
ރައީހާއަކީ ސާނަވީން އެންމެ ރަނގަޅު ދަރިވަރެވެ. އެނާ ވަނީ ސާނަވީ ނިންމާ އިމްތިހާންތަކުން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ.
ސާނަވީގެ އެއްވަނަ ދަރިވަރުގެ ގޮތުގައި ވާހަކަ ދައްކަމުން މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ރައިޙާ ބުނި ގޮތުގައި، އެންމެ މޮޅު ދަރިވަރަށްވާން އޭނާ ދެކެމުންއައި ހުވެފެނެއްގައި މިއަދު މިވަނީ ކުލަ ޖެހިފައި ކަމަށާއި އެ ހުވަފެނަކީ ބިލާހަކަށްވިޔަ ނުދޭން، ބުރަ މަސައްކަތްތަކެއް ކުރިއެވެ. ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި ގިނަ މާއްދާތަކުން ޓިއުޝަން ނަގައި ކިޔެވުމުގެ އިތުރުން ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވިއެވެ.
" އަޅުގަނޑަކީ، ނޯޓްސް ލިޔެގެން ދަސްކުރާ ކުއްޖަކަށްވާތީ، އަޅުގަނޑު މަސައްކަތްކުރީ އެގޮތަށް. މޮކް އެގްޒާމަށްފަހު ޓައިމް މެނޭޖް ނުކުރެވި ވަރަށް ބޮޑަށް ޕްރެޝަރ ބޮޑުވެގެންދިޔަ. އެހެން ނަމަވެސް ހިތްވަރާއެކު އެތައް ދަމެއް ވަންދެން ކިޔެވުމުގައި އަޅުގަނޑު ވަގުތު ހޭދަކުރިން. ދަމު ނަމާދުކޮށް ކާމިޔާބަށް އެދި ދުޢާކުރިން. ކިތަންމެ ވަރަކަށް ފިލާވަޅު ދަސްކުރިޔަސް ބަލިވެއްޖެނަމަ ޓެސްޓް ނުހެދޭނެތީ އަމިއްލަ ސިއްހަތަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދިނިން. އަލްހަމްދުލިﷲ ހުރިހާ ހުރަސްތަކެއް ގިރާކޮށް އަޅުގަނޑުގެ ލަނޑުދަނޑިއަށް ވާސިލް ވެވިއްޖެ" ރައިޙާގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
ރައިހާ ބުނީ، ރީތި ހުވަފެންތަކެއް ދެކެން އޭނާއަށް ދަސްކޮށްދިނީ މަންމައާ ބައްޕަ ކަމަށެވެ. ކާމިޔާބީއަށް ވާސިލްވާން ކުރަންޖެހޭ މަސައްކަތްތައް އަބަދާއަބަދު ހަނދާންކޮށް ދެމިތިބީ އެމީހުން ކަމަށާއި ޚާއްސަކޮށް މަންމަ ކަމަށެވެ.
" މަންމައަކީ ހުރިހާ ވަގުތެއްގައިވެސް އަޅުގަނޑުގެ ވާގިވެރި އެހީތެރިޔާ. ފިލާވަޅު ދަސްކުރަން އަޅުގަނޑު ހޭލާ އިނދެއްޖެނަމަ، ކިތަންމެ ދަންވިޔަސް އަޅުގަނޑުގެ މަންމަ ހޭލާ އިންނަވާނެ. އަޅުގަނޑުގެ ހުރިހާ ކަމަކަށް މަންމަ ޚިޔާލު ބަހައްޓަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެ. ޚާއްސަކޮށް އިމްތިހާނަށް ތައްޔާރުވާން ދިޔަ ދުވަސްވަރު ބުރަ ބޮޑުވެ ހަށިގަނޑުން ބާރު ހުސްވެގެންދިޔައިރު މަންމަގެ ފަރާތުން އެ ލިބުނު ލޯތްބާއި އަޅާލުމަކީ ދަރިޔަކަށް ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތް" ރައިޙާ ކިޔައިދިނެވެ.
" ބައްޕައަކީ ވެސް އަޅުގަނޑުގެ ހުރިހާކަމަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ބައްޕައެއް. ބަރާބަރަށް ނަމާދު ކުރުމަށާއި ކާމިޔާބަށް އެދި ދުޢާ ކުރުމަށް ބައްޕަ އަބަދުވެސް ނަސޭހަތް ދެއްވާނެ. އަޅުގަނޑު އެދޭ ހުރިހާ ކަމެއްވެސް އެއްވެސް ފަސްޖެހުމެއްނެތި ކޮށްދެއްވާނެ"
ރައިޙާ ބުނި ގޮތުގައި، އަމިއްލަ ވަޒަން ދޫކޮށް އެތައް ޚަރަދެއް ކޮށްގެން ބީރަށްޓެހި ރަށެއްގައި އެމީހުން ވި ޤުރުބާނީ ގެއްލިގެންނެއް ނުދާނެ ކަމަށެވެ. އަދި ހިތުގެ ލޯތްބާއެކު ލޯބިވާ މަންމައަށާ ލޯބިވާ ބައްޕައަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ހަމައެއާއެކު އޭނާގެ ތައުލީމީ ދަތުރު ފަސޭހަކޮށް އަމާން ބަނދަރަކަށް ވާސިލްކޮށް ދިނުމުގައި ދައްތަމެންނާއި ކޮއްކޮ ވަރަށްބޮޑަށް އެހީތެރިވި ކަމަށެވެ. ހިސާބު މާއްދާއަކީ އެންމެ އުނދަގޫ މާއްދާއަށް ވުމުން، ދޮންތަގެ އަމިއްލަ އެތައް ވަގުތެއް އޭނާއަށް ހިސާބު ކިޔަވައި ދިނުމަށް ހޭދަކުރި ކަމަށެވެ.
" އަޅުގަނޑުގެ ތުއްތަގެ ހިތްވަރުގެ ބަސްތަކަކީ މި މަގާމަށް ވާސިލްވުމަށް ލިބިގެންދިޔަ އިތުރު ބާރެއް. ކޮއްކޮއާއެކު ހޭދަކުރެވޭ މަޖާ ވަގުތުތަކަކީ ކިޔެވުމުގެ ބުރަ ވަގުތުތަކުގެ ސްޓްރެސް ފިލުވާލައި ހަމަޖެހުން ލިބިގެންދާ ވަގުތުތަކެއް. އެފަދަ ދައްތަމެންނަކާއި ކޮއްކޮއެއް ލިބިފައިނުވާނަމަ މި ދަތުރު ވަރަށް އެކަނިވެރިވީސްކަން ކަށަވަރު"
ތައުލީމީ ދަތުރުގައި މުދައްރިސުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ޝުކުރުގެ ލަފުޒަކުން އަގުކުރެވޭނެ ކަމެއް ނޫން ކަމަށާއި ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލާއި ހުރިހާ ސްޓާފުންނަށް ރައިޙާ ޚާއްޞަ ޝުކުރެއް އަދާކުރިއެވެ.
advertisment
ހިޔާލު