11 އަހަރުގެ އަރީން: މިއީ "އޯލް އިން ވަން" އެއް

ފޮތްލިޔެ، ކުރަހައި ލޭއައުޓް ހަދަނީ ވެސް އަމިއްލައަށް.

ސައިންސާ ގުޅުން ހުރި ޝޯވތަކެއް ޔޫޓިއުބުގައި ގެނެސްދިނީ، އަމިއްލައަށް ވީޑިއޯ ނަގައި އެޑިޓްކޮށް ހުށައަޅައިގެން

ހުނަރުވެރި ދަރިވަރުންގެ ވާހަކަ ދައްކާއިރު، އެ ލިސްޓްގެ ކުރިއަށް އަންނާނެ އެއް ނަމަކީ ޣާޒީ ސްކޫލުގެ ގުރޭޑް 7ގައި ކިޔަވަމުން އަންނަ އަރީން ރިފާޤު ރަޝީދުގެ ނަމެވެ. ކުޑައިރުއްސުރެ ފޮތް ކިޔަން އާދަޔާ ޚިލާފު ޝައުޤުވެރި ކަމެއް ހުންނަ އަރީން، އެ ފަންނުގެ ތެރެއިން ހޯދީ ލިޔުންތެރިކަމުގެ ފަންނެވެ.

ފޮތަށް ޝައުޤު ހުންނާތީއާއި ކިޔަން ބޭނުންވާތީ، ކުޑައިރުއްސުރެ އަރީންއަށް ގިނަ އަދަދެއްގެ ފޮތް އޭނާގެ މައިންބަފައިން ދިޔައީ ހޯދައިދެމުންނެވެ. އެ ފޮތްތަކުގެ އެހީގައި، މައުލޫމާތު މުއްސަނދިވަމުން ދިޔަ ވަރަކަށް ލިޔުންތެރިކަމަށް އޭނާ ހިތް ޖެހެމުން ދިޔައެވެ.

" އުމުރުން ތިން އަހަރުގައި ކިޔަން ފަށައިފި. ކިޔަން ސަމާލުކަން ދޭތީ ހަދިޔާއަކަށް ވެސް ފޮތެއް ހޯދައިދެވޭތޯ ބަލަނީ" އަރީންގެ ބައްޕަ ރިފާޤު ރަޝީދު ބުންޏެވެ.

ލިޔުންތެރިކަމަށް ވަންނަން އަރީން ފުރަތަމަ ފެށީ، އީދު ދުވަހަށް ނޫނީ އެކި މުނާޞަތާ ގުޅުވައިގެން ކާޑު ހެދުން ފަދަ ކުދިކުދި މަސައްކަތްތަކުންނެވެ. އެ މަސައްކަތުގެ ތެރެއިން ފޮތެއް ލިޔަން ފުރަތަމަ ފޮޅުވަން އެޅީ އޭނާގެ އެންމެ "ފޭވަރިޓް" ޖަނަރުވާރު، ޑައިނަސޯއާ ބެހޭ ގޮތުންނެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ރޯދަ މަހުގެ ޚާއްޞަ ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އޭރު އުމުރުން އެންމެ ހަތް އަހަރެވެ. ތަފާތު ވައްތަރުތަކުގެ ޑައިނޮސޯގެ މައުލޫމާތު ހިމެނޭ އެ ފޮތް އަރީން ލިޔުނީ އިނގިރޭސި ބަހުންނެވެ.

އޭގެ ދެ އަހަރު ފަހުން ދިވެހި ބަހަށް " ސާރުގެ ވާހަކަ " ގެ ނަމުގައި އެ ފޮތް ތަރުޖަމާ ވެސް ކުރިއެވެ. އެ ފޮތް ޗާޕްކޮށް އާއިލާގެ މީހުންނަށާއި ސްކޫލަށް އަރީން ވަނީ ހަދިޔާކޮށްފައެވެ.

ޚާއްޞަ ޕްރޮޖެކްޓެއްގެ ގޮތުން ވާހަކަ ސީރީޒެއް ލިޔަން އަރީން ފެށީ އިންޑިޔާގައި ކިޔެވި ދުވަސްވަރު ލިބުނު ބޮޑު ޗުއްޓީގައެވެ. ދެ މަސްދުވަހަށް ދިގުދެމިގެން ދިޔަ އެ ޗުއްޓީގައި ވާހަކަ ސީރިޒް ލިޔަން ފެށީ ހެރީޕޮޓާގެ ވާހަކަ ރީތިވެގެން "ޔަންގ ރީޑަރސް" އަށް އަމާޒުކޮށް ވާހަކަ ސީރީޒެއް ލިޔަން ހިތްޖެހިގެންނެވެ. އެ ސީރީޒަށް އަރީން ދިނީ " ވިޝް" އެވެ.

13 ޗެޕްޓަރުގެ މައްޗަށް އެކުލެވޭ އެ ސީރިޒްގެ ފުރަތަމަ ފޮތުގެ ނަމަކީ "ވިޝް ސިނިސްޓަރ ޝެޑޯ" އެވެ. އޭރު އަރީންގެ އުމުރުން އެންމެ ދިހަ އަހަރެވެ. 142 ސަފްޙާގެ މައްޗަށް އެކުލެވޭ އެ ފޮތް އެމަޒަންގައި ޕަބްލިޝްކޮށް ވިއްކިއެވެ. ވިޝް ސީރީޒުގެ ދެވަނަ ބައި ނިންމައި ތިން ވަނަ ބައިގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދެއެވެ. އެ ސީރީޒް ޗާޕްކޮށް ދިވެހި މާކެޓަށް ނެރުމުގެ މަސައްކަތް އަރީންގެ އާއިލާއިން  އަންނަނީ ކުރަމުންނެވެ.

އިންޑިޔާގައި ކިޔެވުމަށްފަހު އަރީން މާލެ ބަދަލުވީ މިދިޔަ އަހަރުއެވެ.

އަރީން ވާހަކަ ލިޔާތީ އޭނާގެ ކޮއްކޮ 5 އަހަރުގެ އައިރީން ވެސް ވާހަކައެއް ލިޔަން ބޭނުންވިއެވެ. އަރީންގެ އެހީތެރިކަމާއެކު އެ ފޮތް އައިރީން ލިޔެ ނިންމިއެވެ. ފޮތުގެ ލޭއައުޓާއި ޑިޒައިން ކުރީ އަރީންއެވެ. އެ ފޮތް ޑިޒައިން ކުރުމުގެ ތެރޭގައި އައި ޚިޔާލެއްގެ މައްޗަށް އަރީން، އިތުރު ފޮތެއް ލިޔުނެވެ. ގިނަ މައުލޫމާތު ހިމަނައިގެން ލިޔުނު އެ ފޮތަށް އަރީން ދިނީ " ޓޮމް ގޯސް ޓު ދަ މެރިއާނާ ޓްރެންޗް"އެވެ.

މިއީ ޓޮމް ނަމަކަށް ކިޔާ ސްކޫބާ ޑައިވަރަކު މަރިއާނާ ޓްރެންޗަށް އެކްސްކާޝަނަކަށް ގޮސްގެން އުޅެނިކޮށް ދިމާވާ ކަންތައްތައް ކިޔައިދޭ ވާހަކަ އެކެވެ. މި ވާހަގައި ޓޮމް އާ ބައްދަލުކުރަނީ ތަފާތު ވައްތަރުގެ ރީތި ކަނޑުގެ ދިރުންތަކަކާއެވެ. އޭގެ ތެރޭގައި ޖަޔަންޓް އޮކްޓޮޕަސް އާއި ބިރުވެރި ސިފައިގައި ފެންނަ ތަފާތު ވައްތަރުގެ މަސްތައް ހިމެނެއެވެ.

މި ފޮތުން ކުށްކަނޑައި މިހާރު އޮތީ ޗާޕަށް ތައްޔާރު ކޮށްފައެވެ.

" ފޮތް ލިޔުނީމާ އެ ފޮތް ޗެކްކޮށް ކުށެއް އޮތް ނަމަ އެ އިސްލާހުކޮށް، ޕްރޫޕް ރީޑިން ކޮށްދެނީ އަޅުގަނޑުމެން. އެނޫން ހުރިހާ ކެމެއް ކުރަނީ އަރީން އަމިއްލައަށް" އަރީންގެ މަސައްކަތުގައި މަންމައާއި ބައްޕަ ދައުރު އޮތް މިންވަރު ބައްޕަ ރިފާޤު ކިޔައިދިނެވެ.

ނިމިދިޔަ ރަމަޟާން މަހު އަރީން ބޭނުންވީ ތަފާތު ޕްރޮޖެކްޓަކަށް މަސައްކަތް ކުރާށެވެ. މިފަހަރު އަރީންގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެހެން ލެވެލް އެއްގައެވެ. ޔޫޓިއުބުގައި " ސައިންސް ފެކްޓްސް ވިތް އަރީން" ގެ ނަމުގައި ޗެނަލެއް ހަދައި ސައިންސާ ގުޅުން ހުރި މުހިންމު ފެކްޓްސްތަކުގެ މައްޗަށް 30 އެފިސޯޑްގެ ސީރީޒެއް އޭނާ ވަނީ ގެނެސްދީފައެވެ.

އަށް މިނެޓަށްވުރެ ކުރު މި ވީޑިއޯ ތަކުގައި ސައިންސްގެ މުހިންމު މައުލޫމާތު އަރީން ގެނެސްދީފައިވެއެވެ. އޭގެ ތެރޭގައި އިރާއި ހަދާ ބެހޭ މައުލޫމާތާއި ގުގުރި ދެމުމާއި މޭވާގައި ފޮނިރަހަލަނީ ކީއްވެގެންތޯ ފަދަ ޝައުޤުވެރި އެތައް މައުޞޫއެއް އެ ސީރީޒްގައި އަރީން ގެނެސްދީފައިވެއެވެ.

މި ސީރީޒް ގެނެސް ދިނުމުގައި އަރީންގެ ތަފާތަކީ ހުރިހާ މަސައްކަތެއް އަމިއްލައަށް ކުރާތީއެވެ. އޭނާގެ އެ މަސައްކަތުގައި އެހެން މީހެއްގެ ބައިވެރުމެއް ނޯވެއެވެ.

30 އެޕސޯޑްގެ ސީރީޒެއް ނިންމާލިއިރު، ވީޑިއޯ ނަގައި އެޑިޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސަކަތުން ފެށިގެން ގްރެފިކްސް ހެދުމާއި ހުށައަޅައި ދީ، ޔޫޓިއުބަށް އަޕްލޯޑް ކުރުމުގެ މަސައްކަތް ކުރީ އަރީން އަމިއްލައަށެވެ. ހުރިހާ އެޕިސޯޑަކަށް މައުލޫމާތު ވެސް ހޯދަނީ އަމިއްލައަށް ރިސަރޗްކޮށްގެންނެވެ.

އަރީންގެ މަންމައާއި ބައްޕަގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަރީންގެ އެ މަސައްކަތް ކުރިއަށް ގެންދާއިރު ކިޔެވުމަށް ބުރޫނާރާ ހުރިހާ ކަމެއް ރާވާލައިގެން ކުރިއަށް ގެންދާތީއެވެ. އަދި ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވަމުން ދާތީއެވެ.

 

އަރީން ލިޔުނު ފޮތްތަކުގެ ސާމްޕަލްތަކެއް އޭނާ ކިޔަވަމުންދާ ޣާޒީ ސްކޫލަށް ވެސް ހަދިޔާކުރިއެވެ.

ފޮތުގެ ތެރެއިން އަރީން ހޯދީ އެތައް ހުނަރެކެވެ. އެ ހުނަރުތަކުން އޭނާ ސާބިތުކޮށް ދެމުން ގެންދަނީ އެއީ ކުރަން ޖެހުނު ކޮންމެ ކަމެއްގައި ވެސް އެއީ " އޯލް އިން ވަން" އެއް ކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *