ރޯދަމަހު، ސްކޫލުތަކުގައި އެންމެ ގިނައިރު ކިޔަވައިދޭނީ ތިން ގަޑިއިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ، އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތައް ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގައެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގައި ހެނދުނު 8:30 ގައި ކިޔަވައިދޭން ފަށައި، މެންދުރު ފަހު 3:00 ގެ ކުރިން ކިޔެވުމުގެ ގަޑިތައް ނިންމާ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.
ރޯދަމަހު ކިޔަވައިދޭ ގަޑިތަކަށް ގެނައި ބަދަލާއެކު، އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭނީ ދޮޅުގަޑިއިރަށެވެ. ގްރޭޑު 1-6 ގެ ކުދިންނަށް ދެގަޑިއިރާއި ތިރީސް މިނިޓަށް ކިޔަވައިދިން ނަމަވެސް ގްރޭޑު ހަތަކުން މަތީގެ ކުދިންނަށް ކިޔަވައިދޭނީ ތިން ގަޑިއިރަށެވެ.
އެ ސާކިއުލާގައި ބުނެފައިވާ ގޮތުން ދެ ހަފުތާގެ ތެރޭގައި މަދުވެގެން ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް ޓައިމްޓޭބަލް އެކުލަވާލުމާއި، މާއްދާއެއް ކިޔަވައިދޭ ދިގުމިން 30 މިނިޓާއި 45 މިނިޓާ ދެމެދަށް ފައްތަން ވަނީ ބުނެފައެވެ.
ކިޔަވައިދޭ ގަޑިތަކަށް ގެނައި ބަދަލާއެކު، ހަތަރު ގަޑިއިރަށް ވުރެ ދިގު ނުވާނެހެން ޓީޗަރުންގެ މަސައްކަތުގަޑި ހަމަޖެއްސުމަށްވެސް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އެއާއެކު، މަޣުރިބް ނަމާދުން ފެށިގެން ތަރާވީހު ނަމާދު ނިމެންދެން ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގަން ވަނީ އަންގާފައެވެ.
ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރޭގަނޑު ޕްރޮގްރާމްތައް ހިންގާނަމަ، ރޭގަނޑު 930ން ފެށިގެން 1030އާ ދެމެދު ކުރިއަށް ގެންދިއުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީސް ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.
advertisment
ހިޔާލު