"ވިޒިޓް އޮޅުވެލި ފުށި"ގެ ނަމުގައި އޮޅުވެލި ފުށި ސްކޫލުން ހުޅުވާލި ފޮޓޯ ނެގުމުގެ މުބާރާތަށް އެ ސްކޫލުގެ ދަރިވަރުން ހުށަހެޅި ފޮޓޯތަކުން އެ ސްކޫލް ހައިރާންކޮށްލައިފިއެވެ.
" މިއީ އުއްމީދު ކުރިވަރަށްވުރެ މާ ޗާލު ރީތި ފޮޓޯތަކެއް. ދަރިވަރުންގެ ފޮޓޯ ނެގުމުގެ ހުނަރުން ލިބުނީ އަސްލުވެސް ބޮޑު ހައިރާންކަމެއް" އޮޅުވެލި ފުށީ ސްކޫލުގެ މީޑިއާ އެންޑް ހިއުމަން ރައިޓްސް ކުލަބުގެ އިންޗާޖް ލިޒީ އިގްބާލް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ފޮޓޯ ނެގުމުގެ މުބާރާތަށް ކުލާސްތަކުން ހުށަހެޅި ފޮޓޯތަކުން ފެންނަނީ އޮޅުވެލީ ފުށީގެ މުއްސަނދި ތާރީޚާއި އެ ރަށުގެ މީހުންގެ ދިރިއުޅުމުގެ ސާދާ ކަމެވެ. ރަށުގެ ރީތިކަމާއި ސާފުތާހިރު ކަމެވެ. އަދި އިހުގެ ކެއުންބުއިމުގެ މުއްސަނދިކަމެވެ.
ފޮޓޯ ނެގުމުގެ މުބާރާތަށް ކުލާސްތަކުން ހުށަހެޅި ފޮޓޯތަކުގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން އެއް ފޮޓޯ އެ ސްކޫލުން ވަނީ ފޭސްބުކް ޕޭޖްގައި ހިއްސާ ކޮށްފައެވެ. އެ ފޮޓޯތައް ބެލި އެތައް ބަޔަކު ދަރިވަރުންގެ އެ މަސައްކަތަށް ތައުރީފު ކުރިއެވެ.

" ވިޒިޓް އޮޅުވެލި ފުށި" ނަމުގައި އެ ސްކޫލުގެ ގުރޭޑް 7ން 10ގެ ކުލާސްތަކަށް ހުޅުވާލި މުބާރާތް ކުރިއަށް ގެންދިޔައީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ކޮންމެ ކެޓަގަރީއަކުން އެއް ފޮޓޯ ކޮންމެ ކުލާހަކުން ވެސް ހުށަހަޅަން ޖެހޭ ގޮތަށެވެ.
މި މުބާރާތަށް އެ ސްކޫލުން ކަނޑައެޅި ތީމް ތަކަކީ:
1- ގުދުރަތީ ރީތިކަން
2- އަސާރީ ބިނާ
3- މީހުން
4- ސަޤާފަތް
5- ކާނާ

ލިޒީ ވިދާޅުވީ، ފޮޓޯ ނަގަން ދަރިވަރުންގެ ޝައުޤު ހުންނަކަން ފާހަގަ ކުރެވުނީ ދިވެހި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ގެންދިޔަ ހަރަކާތެއްގެ ތެރެއިން ކަމަށާއި، އެހެންވެ މި އަހަރު މީޑިއާ އެންޑް ހިއުމަން ރައިޓްސް ކުލަބުން ވަކި މުބާރާތެއްގެ ގޮތުގައި ކުދިންނަށް ފުރުޞަތު ދޭން ބޭނުންވީ ކަމަށެވެ.
ލިޒީ ވިދާޅުވި ގޮތުގައި ކުލާސްތަކަށް ހުޅުވާލި މުބާރާތަށް ތައްޔާރުވާން ދަރިވަރުންނަށް ލިބުނީ ހަފްތާއެއްހާ ދުވަސް ކަމަށެވެ. ހުރިހާ ކުދިންނަށް ކެމެރާ ނުލިބިދާނެތީ މުބާރާތުގެ ޤަވާއިދުގައި ވެސް ހިމަނާފައި އޮތީ ފޮޓޯ ނަގަން މޮބައިލް ފޯން ބޭނުންކުރާ ގޮތަށެވެ.

" މިދިޔަ ހޮނިހިރު ދުވަސް އަޅުގަނޑުމެން ހަމަޖެއްސީ ފޮޓޯނަގަން. ކުލާސްތަކުން ހުށަހެޅި ފޮޓޯތަކަކީ އެއީ އެންމެ ތިން ގަނޑިއިރުގެ މަސައްކަތް. އޭގެ ތެރޭގައި ފޮޓޯ ނެގުމާއި އެޑިޓް ކުރުން ވެސް ހިމެނޭ" ލިޒީ ވިދާޅުވިއެވެ.

މި މުބާރާތުގެ ވަނަތައް އަދި އިއުލާން ކޮށްފައި ނުވާއިރު، އެންމެ ފޭސްބުކްގައި ހިއްސާކުރި ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ ފޮޓޯ ހޮވަން ނިންމާފައިވާ ކަމަށް ލިޒީ ވިދާޅުވިއެވެ.
advertisment
ހިޔާލު