މަންހާގެ ކާމިޔާބީގައި ދެ އެކުވެރިން، އޭނާ އެދުނީ އެފަދަ އެކުވެރިން ހޯދަން

" އަޅުގަނޑަށް ލިބިފައި ތިބީ ހެޔޮލަފާ އެކުވެރީން. އޭގެ ތެރެއިން ވެސް ޙަމްދާ އާއި ލަމްޙާގެ ނަން ވަކީން ޚާއްސަކޮށް މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން" ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުން ފާއިތުވި ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި މަރިޔަމް މަންހާ ޔޫނުސްގެ ކާމިޔާބީގައި އޭނާގެ ދެ އެކުވެރިއެއްގެ ވާހަކަ ފާހަގަ ކުރީ ސަބަތަކެއް އޮތީމައެވެ. އޭނާގެ ކާމިޔާބީގައި އެ ދެ އެކުވެރިންގެ ހިއްސާ ބޮޑުވީމައެވެ.

އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ސްޓޭޖް މަތީގައި ވާހަކަ ދައްކަމުން ދިޔައިރު، އެކުވެރިންގެ ވާހަކަ އޭނާ ފެށީ " ރަނގަޅު ރަޙްމަތްތެރިން އިޚްތިޔާރު ކުރުމަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ބާރު އަޅަނީ ސަބަބެއް ނެތިއެއް ނޫންކަން" އެ ސްކޫލުގައި ކިޔަވަމުން ދިޔަ ކުދިންނަށް ހަނދާން ކޮށްދެމުންނެވެ.

މަންހާ ބުނީ، ދިވެހިން ރަނގަޅު ނަތީޖާއެއް ހޯދުމުގައި ޙަމްދާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު ހައްގު ކަމަށާއި ފިލާވަޅުތައް ބުނެދިނުމުގެ އިތުރަށް ގޭގައި ހަދަންދޭ މަސައްކަތްތައް ނިންމަން ޙަމްދާ ބާރުއަޅައިދިން ކަމަށެވެ.

"ޝުކުރިއްޔާ ޙަމްދާ" ޙަމްދާއަށް ޝުކުރު އަދާކުރަމުން މަންހާ ބުންޏެވެ.

ދެން އޭނާ ދެއްކީ ލަމްހާގެ ވާހަކައެވެ.

" އަޅުގަނޑުގެ ހަށިގަނޑުގެ އެއްބައިފަދަ ލަމްހާއަކީ ހުރިހާ ވަގުތެއްގައި ވެސް ހިޔަނި ފަދައިން އަޅުގަނޑާއެކުވީ އެކުވެރިޔާ. ލަމްހާއަށް ހިސާބު ފިލާވަޅުތައް ބުނެދިނުމަކީ އަޅުގަނޑުގެ އުފަލަކަށްވީ ފަދައިން އިސްލާމް ފިލާވަޅު ދަސްކޮށް ދިނުމުގައި އަޅުގަނޑަށް އެހީތެރިވުމަކީ ލަމްހާގެ އުފަލަކަށް ހެދި. ކިޔެވުމުގެ އިތުރުން ދިމާވި ހުރިހާ ގޮންޖެހުންތަކަކުން އަރައިގަތުމުގައި އަޅުގަނޑުގެ މައިންބަފައިންގެ އިތުރުން އެންމެ ގާތުގައިވީ ތިޔަ އެކުވެރިޔާ" މަންހާ އެވާހަކަ ދެއްކީ އެކުވެރިންގެ މުހިންމު ކަމާއި އެކުވެރިން ކޮށްދިން ކަންތައްތަކަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމުންނެވެ.

އަފީފުއްދީން ސްކޫލުގެ އެއްވަނަ ދަރިވަރަށް އިނާމް ހަވާލުކޮށް ދެއްވަނީ: ކާމިޔާބު ހޯދަން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށް މަންހާ ބުނޭ- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

" އަޅުގަނޑުގެ ހުރިހާ އުދާސްތަކެއް އަޑުއަހައި އެހީތެރިވި. ފިލާވަޅުތައް ދަސްކުރިތޯ ބަލައި އެކަމަށް ބާރުއެޅި. ކައިގެންތޯ ހުރީ ބަލައި، ނުކައި ހުރިނަމަ އައިސް ކާންވެސްދިން. މިއީ ނޫންތޯ އެކުވެރިންނަކީ؟ އެހެންކަމުން މިއުފާވެރި ހިނދުކޮޅުގައި އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ހިތުގެ ލޯތްބާއެކު ޝުކުރު އަދާކުރަން"

މަންހާ އެދުނީ، ޙަމްދާއާއި ލަމްހާ ފަދަ އެކުވެރިން ހޯދާށެވެ.

މަންހާ  ބުނީ، އޭނާގެ ތަޢުލީމީ ދަތުރުގެ ފުރަތަމަ މަންޒިލަށް ކާމިޔާބު ކަމާއެކު ވާޞިލްވި ނަމަވެސް އެއީ ފަސޭހަ ދަތުރެއް ނޫން ކަމަށެވެ.

" މިއީ އެތައް ރެއެއްގެ ނިދި ޤުރުބާންކޮށް އެތައް ދަލެއް އޮހޮރުވައިގެން ލިބުނު ކާމިޔާބެއް. އަޅުގަނޑު އެކަންޏެއް ނޫން. މިއީ އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނާއި ހަންހާރަވެތި އެދުރުންނާއި، ދެގޮތެއްނުވާ އެތައް އެކުވެރިންނެއްގެ ޤުރުބާނީގެ އަގު. އަޅުގަނޑު "ބެސްޓް އޯލް ރައުންޑް" މަގާމު ހާސިލް ކުރުމަކީ، އަޅުގަނޑުގެ ލޯބިވާ މަންމަ ދެކެމުންއައި ހުވަފެނެއް. ލޯބިވާ މަންމާ! ލޯބިވާ ބައްޕާ! މިއީ މަންމައާ ބައްޕަގެ ދެގޮތެއްނުވާ އަޒުމުގެ ނަތީޖާ. އަޅުގަނޑު ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާ މަންމައާ ބައްޕަ ކުރެއްވެވި ބުރަ މަސައްކަތުގެ ނަތީޖާ. އަޅުގަނޑަކީ ޤާބިލް ކުއްޖެއްކަން ވިސްނައިދެއްވުމަށް އަބަދާއަބަދު ދެއްވި ނަސޭހަތުގެ ނަތީޖާ. އެހެންކަމުން މި ޝަރަފުގެ ފުރިހަމަ ހައްގުވެރިންނަކީ ތިޔައީ. ޝުކުރިއްޔާ މަންމާ. ޝުކުރިއްޔާ ބައްޕާ"

މަންހާގެ ވާހަކައިގައި، ދަރިވަރުންނަށް ކާމިޔާބީއަށް މަޤުދައްކައި ދިނުމަށް ޕްރިންސިޕަލުންގެ ޒިންމާގެ ވާހަކައަށް ވެސް އިޝާރާތް ކުރައްވައި އޭނާގެ ތައުލީމީ ޙަޔާތުގައި އަފީފުއްދީން ސްކޫލުގެ ކުރީ ޕްރިންސިޕަލް ނާސިހާ އިދުރީސް ކޮށްދެއްވި މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.

މަންހާ ބުނީ، ނަސިހާ މެޑަމް ދެއްވި އިޚްލާސްތެރި އެހީތެރިކަމަކީ، އެ މަގާމަށް އޭނާއަށް ވާސިލްވުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ. މަގުން ކަސިޔާރުވާހެން ހީވެއްޖެނަމަ، މުދައްރިސެއް ފަދައިން ސީދާ މަގުދެއްކެވި ކަމަށާއި، ރައްޓެހި ރަޙްމަތްތެރިއެއް ފަދައިން ވާހަކަތައް ހިއްސާ ކުރެވޭނެފަދަ ގާތްކަމެއް ޤާއިމްކޮށްދެއްވި ކަމަށެވެ. އަދި ނަސޭހަތާއި ލަފާދެއްވާ ފުރިހަމަ މައެއްގެ ރޯލު އަދާކުރެއްވި ކަމަށެވެ.

މަންހާ ބުނީ، އޭނާއަށް ލިބުނު ކާމިޔާއާ ގުޅިގެން އެންމެ ބޮޑަށް އުފާކުރާނީ އޭނާގެ ކޮއްކޮ ކަމާމެދު ޝައްކެއްނެތް ކަމަށެވެ.

" ތޮޅުމާއި އެކަކު އަނެކަކު ރުޅިއެރުވުމަކީ އެއްބަނޑު ކޮއްކޮމެންނާ އޮންނަ ލޯތްބާއި އޯގާތެރިކަން ކުޑަވެގެން ކުރެވޭނެ ކަންކަމެއް ނޫން. އޭގެ ބަދަލުގައި އެއީ ލޯތްބާ ކުލުނާ އޯގާތެރިކަން އިތުރުވެގެންދާ ސަބަބެއް. އަޅުގަނޑު އެންމެ ކަންބޮޑުވާ ދަނޑިވަޅުތަކާ އެހީތެރިއެއް ބޭނުންވާ ވަގުތުތަކުގައި އެންމެ ގާތުގައި އަބަދުވެސް ހުންނާނީ ކޮއްކޮ. ފިރިހެން ކުއްޖަކަށް ވުމާއެކުވެސް، އޭނާ އަޅުގަނޑަށް ކާ އެއްޗެއް ހަދައިދޭކަށްވެސް ފަހަކަށް ނުޖެހޭނެ. އަޅުގަނޑުގެ ކޮންމެ ހާލަތެއް ދެނެގަނެ އެ ހާލާތަކާ އެއްގޮތަކަށް ކޮއްކޮގެ އަމަލުތައް ބަދަލުކޮށްލާނެ" ކޮއްކޮއަށް މަންހާގެ ހިތުގައި ބަންޑުން ކޮށްލިއެވެ.

އަފީފުއްދީން ސްކޫލުގެ އެއްވަނަ ދަރިވަރަށް އިނާމް ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

" ސިއްރެއް ހިއްސާ ކޮށްލަންވިޔަސް، ސްޓްރެސް ފިލުވާލަން ވިޔަސް، ހިތުގެ އުދާސްތައް ބޭރުކޮށްލަން ވިޔަސް އަޅުގަނޑުގެ ކޮއްކޮއަކީ ހަމަ އެއް ވަނަ. އެއީ އަޅުގަނޑަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިޢުމަތް. ޝުކުރިއްޔާ ކޮއްކޯ. މި ކާމިޔާބީގައި ކޮއްކޮގެ ހިއްސާ ވަރަށް ބޮޑު"

މަންހާގެ ވާހަކަ ނިންމާލީ އޭނާއަށް ކިޔަވައިދެއްވި ހުރިހާ ޓީޗަރުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރަމުންނެވެ.

" މުދައްރިސުންގެ މަސައްކަތަކީ ޝުކުރަކުން އަގު ކުރެވޭނެ މަސައްކަތެއް ނޫން. އަޅުގަނޑުގެ ތަޢުލީމީ ދައުރުގައި މުދައްރިސުންގެ ފަރާތުން ލިބުނު އަގު ނުކުރެވޭނެ ޚިދުމަތަށް ޝުކުރު އަދާކުރުންމަތީ އަޅުގަނޑު އަބަދުވެސް ދެމިހުންނާނަން. ބައެއް ފަހަރު އަޅުގަނޑުގެ ފަރާތުން ފެނުނު ނުރުހެވޭ ކަންކަމަށް މަޢާފަށް އެދޭ ހާލު، ހިތުގެ ލޯތްބާއެކު ތިޔަ ލޮބުވެތި މުދައްރިސުންނަށް ޝުކުރުގެ ގުލްދަސްތާތަކުން ވެދުންކުރަން"

އޭނާގެ ކާމިޔާބީގެ ދަތުރު ކުރިއަށް ގެންދިޔަ ގޮތް ވެސް ދަރިވަރުންނާ ހިއްސާ ކުރިއެވެ.

މަންހާ ބުނީ، އޭނާ ފިލާވަޅު ދަސްކުރަނީ އެކަނި އިނދެ ކަމަށާއި އެންމެ ބޮޑު އިސްކަމެއްދިނީ ވީހާވެސް ގިނައިން ޕާސްޕޭޕަރު ހެދުމަށް ކަމަށެވެ. އޮންލައިންކޮށް ވަރަށް ގިނައިން ޕާސްޓް ޕޭޕަރު ހެދުމުން ވަރަށް އިތުބާރާއެކު ޓެސްޓަށް ތައްޔާރުވެވުނު ކަމަށެވެ. އަމިއްލައަށް ހެދި ނޯޓްސްތަކާއި ޔޫޓިއުބް ވީޑިޔޯތައް ބެލުމަކީ ވެސް އޭނާއަށް ކުރިއަށް ދާން ލިބުނު  ފައިދާއެއް ކަމަށް މަންހާ ބުންޏެވެ.

" ފިލާވަޅު ދަސްކުރުމަކީ މީހަކު ބުނެގެން ކުރާ ކަމަކަށް ހެދުމަކީ އަޅުގަނޑުގެ އާދައެއް ނޫން. އަބަދުވެސް އަޅުގަނޑު ފިލާވަޅު ދަސްކުރަނީ އަޅުގަނޑުގެ އަމިއްލަކަމެއް ކަމުގައި ދެކިގެން." މަންހާ ބުންޏެވެ.

.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *