ސިއްޙީ ޚިދުމަތްތެރިންގެ އަގު ވަޒަން ކުރަން ތިނަދޫ ސްކޫލުން ޚާއްޞަ ހަރަކާތެއް

ކޮވިޑްގެ މި ހާލަތުގައި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޮރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޮންސް ޓީމް ( އާރުއާރުޓީ)އިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ތިނަދޫ ސްކޫލުން ޚާއްޞަ ހަރަކާތްތަކެއް ހިންގައިފިއެވެ.

ތިނަދޫގައި ކޮވިޑް ފެތުރުނު ނަމަވެސް މާބޮޑު ނުރައްކަލެއް ނެތި އެކަމުން ސަލާމަތް ކުރުމަށް ބޮޑެތި މަސައްކަތެއް ޑރ. އަބްދުއްސަމަދު މެމޮރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޮންސް ޓީމުން ކޮށްފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ބޭއްވީ ހުކުރު ދުވަހުގެ ރޭ ތިނަދޫ ސްކޫލްގައެވެ.

ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް މުޙަންމަދު އަޖީބު ވިދާޅުވީ އާރުއާރު ޓީމުގެ ޝުކުރު ހައްޤު މަސައްކަތްތަކަށް " ސައިޕްރައިޒެއް" ދޭން އެ ސްކޫލުން އިސްނެގުމުގައި މެނޭޖްމަންޓާއި ސްޓާފުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އެކަމަށް ޚަރަދުކުރި ފައިސާއިން ފެށިގެން ކުރަންޖެހުނު ހުރިހާ މަސައްކަތެއްގައި ވެސް އެމީހުންގެ ފަރާތުން ފެނިގެން ދިޔައީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ.

" އަބްދުވެސް އިވެނީ ނުކުރެވި ހުންނަ ކަންތައްތަކުގެ ވާހަކަ. ސިއްޙީ ޚިދުމަތްތެރިން އެ ކުރާ ބުރަ މަސައްކަތުގެ ވާހަކަ އަޑުއިވެނީ ވަރަށް މަދުން. އެހެންވެ ޚާއްޞަކޮށް ތިނަދޫ ކަހަލަ ރަށެއްގައި ބަލި ފެތުރަނުދީ ކޮންޓްރޯލް ކުރެވުނީ ހޮސްޕިޓަލާއި އާރުއާރުޓީމުގެ ބުރަ މަސައްކަތުން. އެ ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރަންޖެހޭ. އެހެންވެ ތިނަދޫ ސްކޫލުން އިސްވެ އެ މަސައްކަތް ކުރީ" އަޖީބު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ހަފްލާގައި، ސިއްޚީ ޚިދުމަތްތެރިންގެ އަގުޒަން ކުރުމުގެ ގޮތުން ޚާއްޞަ ހަދިޔާތަކެއް ވަނީ ފޯރުކޮށްދީފައެވެ. ގާތްގަޑަކަށް 60 އެންހާ ޚިދުމަތްތެރިންނަށް ހަދަނީ ހަދިޔާގެ އިތުރުން ކޮންމެ މީހަކަށް ރަތް ފިނިފެން މަލެއް ހަދިޔާކޮށްފައެވެ. ހަފްލާގެ ތެރޭގައި ވަނީ ސިއްޙީ ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްޞަ ލަވައަކާއި އެމީހުންނާ މެދު ދަރިވަރުންނާއި ސްޓާފުން އަދި ބެލެނިވެރިންގެ މެސެޖްތަކެއް ގެނެސްދީފައެވެ.

" މި ހަރަކާތުގެ ސަބަބުން ސިއްޚީ ޚިދުމަތްތެރިން ތިބީ އުފަލުން ރޮވިފައި. އެމީން ހިއެއް ނުކުރޭ އެފަދަ ގޮތަކަށް އެ ފަރާތްތަކުގެ އަގުވަޒަން ކޮށްފާނެ ކަމަކަށް. ފާއިތުވި އަހަރެންހާ ދުވަހުގެ ތެރޭގައިވެސް ކުރި މަސައްކަތްތަކަށް ޝުކުރުގެ ބަހެއް އިވެނީ ވަރަށް މަދުން ކަމަށް އެމީހުން އެރޭ ފާހަގަކުރި" އަޖީބު ވިދާޅުވިއެވެ.
ތިނަދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ތިނަދޫގައި މަސައްކަތް ކުރަމުންދާ ސިއްޙީ ޚިދުމަތްތެރިން ގެންދިޔައީވެސް ރެޑްކާޕެޓްގައި ދެވޭ ފަދަ ޝަރުފުވެރިކަމާ ވެސް އެކުގައެވެ. މިއީ މިފަދަ ގޮތަކަށް ކޮވިޑްގެ މި ހާލަތުގައި ސިއްޙީ ޚިދުމަތްތެރިން ކުރަމުންދާ ބުރަ މަސައްކަތް އަގުވަޒަން ކުރި ފުރަތަމަ ފަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *