އއ. ތޮއްޑޫ ދޮންމޫނިމާ، ޢަލީ ރަޢީފްގެ ޢުމުރުން 10 އަހަރުގައި ނަމާދު ކުރުމަށް މިސްކިތަށް ދިއުމަށް ޝައުގުވެރިވާކަން އޭނާގެ މަންމައަށް ފާހަގަކުރެވުނެވެ. ދިރިއުޅޭ ގެއަކީ، އިސްލާމީ މަރުކަޒާއި ކައިރި ހިސާބެއްގައި ހުންނަ ގެއެއް ކަމުގައި ވާތީ ގިނަފަހަރު ދާން ބޭނުން ވަނީ އިސްލާމީ މަރުކަޒަށެވެ. އެއިރުވެސް ރީތިކޮށް ކީރިތި ޤްރުއާން ކިޔަވާ އިމާމުން ފާހަގަކުރެއެވެ. މިކަން ފާހަގަ ކުރެވުމުން ރަޢީފްގެ ޝައުގުވެރިކަން އިތުރުކުރުމަށް ތަފާތު ޤާރީން ކިޔަވާ ރާގުތަކަށް ކިޔަވާއަޑު އިވޭ އިލެކްޓްރޯނިކް ޕެން އަކާއެކު މުސްޙަފެއް ރަޢީފަށް ހަދިޔާ ކުރީ، މި މުސްހަފް ބޭނުންކޮށްގެން ޤްރުއާން ކިޔަވަން ފަރިތަވެ، ޙާފިޡަކަށް ވުމަށް މަސައްކަތް ކުރުމަށް ދިން ހެޔޮ ނަސޭޙަތާއެކުގަ އެވެ. އެއިރު ރަޢީފުގެ ޢުމުރަކީ، 12 އަހަރެވެ. މި ލިބުނު ހަދިޔާ ބޭނުން ކޮށްގެން ރަޢީފް ވަރަށްގިނަ ސޫރަތާއި، އާޔަތް ތަކުގެ ނަންބަރު ހިތުން އެނގޭވަރަށް ދަސްވިކަން އޭނާގެ މަންމަމެންނަށް ފާހަގަވިއެވެ.
ސޫރަތާއި، އާޔަތްތައް ހިތުން ދަސްވިކަން ފާހަގަ ވުމާއެކެ، މާލޭގައި ހިންގާ ބައެއް ޤްރުއާން ކުލާސް ތަކުގައި އެކިފަހަރު މަތިން ބައިވެރި ކޮށްގެން ޤްރުއާން ދަސް ކޮށްދިނުމަށް ރަޢީފްގެ އާއިލާއިން މަސައްކަތް ފެށިއެވެ. އެ މަސައްތުގެ ތެރެއިން 2015 ވަނަ އަހަރު ކީރިތި ޤްރުއާން އާއި ބެހޭ ޤައުމީ މަރުކަޒުން އިޢުލާން ކުރީ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ރަޢީފް ބައިވެރި ކުރުވިއެވެ.
އޭގެ ފަހުން މި ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި، ތަފާތު އެކި ގަޑި ތަކުގައި މަރުކަޒުގެ ކުލާސް ތަކުގައި ރަޢީފް ކިޔެވުން ކުރިއަށް ގެންދިޔައެވެ. އޭގެ ތެރެއިން ޢިމާދުއްދީން ސްކުލްގައި ތަޢުލީމް ޙާސިލް ކުރަން އުޅުނު ދުވަސްވަރު އެ ސްކުލްގެ ވަޤުތާއި މަރުކަޒުގަ ކިޔެވުން އޮންނަ ޤްރުއާން ކުލާހުގެ ވަޤުތާއި ފުށުއެރުމުން ޢިމާދުއްދީން ސްކުލުން އެވަގުތު މަރުކަޒަށް ދިއުމަށް ރަޢީފް ދޫކޮށް ދިންކަން އެއީވެސް މި ޙާސިލު ކުރެވުނު ކާމިޔާބީއަށް ޢިމާދުއްދީން ސްކުލުގެ އިސްވެރިން ވެދެއްވި އަގުނުކުރެވޭ ވަރުގެ އެހީތެރިކަމެއް ކަން ވަރަށް ޝުކުރުވެރި ކަމާއެކު ރައީފުގެ އާއިލާއިން ފާހަގަކުރެއެވެ.
ޚާއްޞަ އެހީތެރިކަމާއެކު ކިޔަވަމުން ދިޔަ ރަޢީފަށް އޭރުގެ ސަރުކާރުން ދިން ފަހި ފުރުޞަތާއެކު 16 ޖަނަވަރީ 2017 ގައި އެމްއައިޓީޑީސީން ވަޒީފާ ހަމަޖެހުނެވެ. ފުރަތަމަ މަސައްކަތް ކުރީ އެޑްމިން އެންޑް އެޗްއާރުގައި، އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓެއްގެ ގޮތުގައެވެ. ފަހުން،2019 ނޮވެމްބަރު 26 ގައި ކުންފުނީގެ އިދާރީ އޮނިގަނޑަށް އައި ބަދަލަކާއި ގުޅިގެން މަޤާމަށް ބަދަލު އައުމާ ގުޅިގެން އޭގެ ފަހުން މަސައްކަތް ކުރަމުން ގެންދަނީ އޮފީސް އެސިސްޓެންޓެއްގެ ގޮތުންނެވެ.

ވަޒީފާއަށް ދަމުން ޤުރުއާން ހިތުދަސްކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ރަސްމީ އޮފީސް ގަޑިއާއި، ފުށުއަރާގޮތަށް މަރުކަޒުގެ ޤްރުއާން ކުލާހުގެ ގަޑި ހަމަޖެހުނު ދުވަސްވަރު އޮފީހުގެ ރަސްމީގަޑީގައި ޤްރުއާން ކުލާހަށް ދިއުމަށް، އެ އޮފީހުގެ އިސްވެރިން ވެދެއްވީ އަގުނުކުރެވޭ ވަރުގެ އެހީތެރިކަމެވެ. އެކަން އެ އާއި ޢާއިލާގެ ފަރާތުން ވަރަށް ޝުކުރުވެރި ކަމާއެކު ފާހަގަކުރެއެވެ.
" ކޮމެޓީއަށް ކިޔާދޭ ދުވަސްވަރު ފަރިތަކުރުމަށް އިތުރު ވަޤުތު ބޭނުންވާނެތީ އެކަމަށް އެދުމުންވެސް އެދުނު ފަދައިން ވަރަށް އޯގާތެރި ކަމާއެކު އޮފީހުގެ ޤަވާޢިދު ތަކާއި އެއްގޮތްވާ ގޮތުގެމަތިން 3 މަސް ދުވަހުގެ ލީވް އެއް ހަމަޖައްސަވާ ދެއްވުމަކީ، ވެސް މި ޙާސިލް ކުރެވުނު ކާމިޔާބީއަށް އެމްއައިޓީޑީސީ ގެ އިސްވެރިން ވެދެއްވީ އަގުނުކުރެވޭ ވަރުގެ އެހީތެރިކަމެއް" ރަޢީފުގެ މަންމަ ފާހަގަކުރިއެވެ.
ކީރިތި ޤްރުއާން ހިތުދަސް ކުރަމުން ދިޔަދުވަސްވަރުގެ ކުރީކޮޅު މަރްކަޒުގެ ކުލާހަށް ދިޔުމުގެ ކުރިން މުރާޖާ ކުލާހުގައި އަމިއްލަ ނަފްސަށް ޔަޤީން ކަން އޮންނަވަރު ވަންދެން ފަރިތަކުރުން، މިގޮތަށް އެކިދުވަސްވަރު އެކި ކުލާސްތަކުގައި، އަދި ގިނަވަގުތު ދިރިއުޅޭ ގޭގައި ރަޢީފްގެ މަންމަ އަށް ވެސް ދިޔައީ މުރާޖާ ކިޔާދެމުންނެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރަސްމީ އޮފީސް ގަޑި ފިޔަވާ ކޮންމެ ދުވަހަކު 5 ގަޑިއިރު ހޭދަކުރީ މުރާޖާ ކުރުމުގައެވެ.

ޤުރުއާން މުރާޖައާ ކުރުމުގެ އިތުރުން މުނިފޫހި ފިލުވުމަށް ވީޑިއޯ ގޭމް ކުޅުމަކީ ވެސް ރަޢީފް ޤަވާއިދުން ކުރި ކަމެކެވެ. އަދި ނިދަމަކީ ވެސް ވަރަށް ޤަވާއިދުން ރަޢީފް ކުރިކަމެކެވެ. ރަސްމީ ދުވަސް ތަކުގައި 6 ގަޑިއިރު ބަންދު ދުވަސް ދުވަހު 8 ގަޑިއިރު ނިދައެވެ.
ހާފިޒަކަށް ވުމުގެ އިމްތިޙާނަށް ރަޢީފް ތައްޔާރުވާން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރ 20 ފެށިގެންނެވެ. އެ އިމްތިހާނަށް އެންމެ ރަނގަޅަށް ތައްޔާރު ވުމަށްޓަކާ ވަޒީފާ އަދާކުރާ އޮފީހުން ތިން މަސްދުވަހުގެ ނޯޕޭ ލީވް އެއް ހޯދައިގެން، މި އަހަރުގެ ފެބްރުއަރީ 24 އާ ހަމަޔަށް އެވްރެޖް ކޮން ދުވާލަކު އަށްގަޑިއިރު ޙިފްޒް އިމްތިހާނަށް އެންމެ ފުރިހަމަޔަށް ތައްޔާރު ވުމަށް ވަޤުތު ހޭދަކުރިއެވެ. ކޮމެޓީއަށް ކިޔާދޭން ފެއްޓުމުން ދިރިއުޅޭ ގޭގައި ރަޢީފުގެ މަންމަ އަށް ދެ ފަހަރު ހުޅުމާލެ ފޭސް ދޭއް ގައި ދިރިއުޅުއްވާ ދެ ދެބޭކަނބަލުންގެ އަރިހުގައި ކޮންމެ ދުވަހަކު ފޮތެއް ފަރިތަކޮށް ނުބަލާ ކިޔާދިނުމަށްފަހު ކޮމެޓީ އަށް ފަރިތަކޮށް ކިޔާ ދިނެވެ.
ރަޢީފް ކީރިތި ޤުރްއާން ޙިފްޒް ކުރުމުގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒްގެ އުސްތާޒުންގެ ހިތްހެޔޮ ކަމާއި، އޯގާތެރި ކަމާއެކު ވެ ދެއްވި އަގުވަޒަން ނުކުރެވޭވަރުގެ އެހީތެރިކަމަށް ރަޢީފް އާއި ޢާއިލާ ގެ ފަރާތުން ޝުކުރު އަދާކުރެއެވެ.

ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ތާޖާއެކު ރަޢީފް ދަނީ ޤުރުއާނުގެ މާނަ ވެސް ހިތުން ދަސްކުރަމުންނެވެ. މިހާރު ބޮޑުބައެއް ދަސްކޮށް، މިހާރު ވެސް ވަރަށް ގިނަ އާޔަތްތަކުގެ މާނަ ދަސްވެފައިވާ ކަމަށް ރަޢީފްގެ އާއިލާއިން ބުނެއެވެ.
" ދިވެހި ތަރުޖަމާ ބަލައިގެން ފަރިތަކުރުންތައް މިހާރު ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދޭ. އެއީ މިހާރު ރަޢީފްގެ އެންމެ ބޮޑު އުއްމީދަކީ" ރަޢީފުގެ ކާމިޔާބީގައި މަންމައާއެކު ހުރިހާ ކަމެއްގައި ބައިވެރިވި ދޮންބައްޕަ ބުންޏެވެ.
ޤުރުއާން ހިތުދަސްކޮށް ހާފިޒް ކަމުގެ ތާޖާއެކު ތޮއްޑޫއަށް ދިޔުމުން އެރަށުން ހޫނު މަރުޙަބާއެއް ރަޢީފަށް ވަނީ ކިޔާފައެވެ. ޤުރުއާން ހިތުދަސްކުރުމުން އެރަށު ކައުންސިލުން ދޭ 25،000 ރުފިޔާއާއި ކައުންސިލުގެ ރައީސް ދެއްވާ 25،000 ރުފިޔާގެ އިނާމް ވެސް ރަޢީފާ ވަނީ ހަވާލުކޮށްފައެވެ.
advertisment
ހިޔާލު