ޖޭއެސްގެ " ކޯދު" ޕްރޮގްރާމުން ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމަށް ދިރުން

ޖަމާލުއްދީން ސްކޫލްގެ " ކޯދު" ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާރައްޓެހި ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ވަނީ ހައްދާފައެވެ. އިއްޔެ ވަނީ މި ޕްރޮގްރާމް ރަސްމީގޮތުން އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ކޯދު ޕްރޮޖެކްޓުގެ މަގުސަދަކީ، ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އުކުޅުތައް ބޭނުންކޮށްގެން އަތް ފޯރާ ފަށަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ގެނެސްދީ ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ.

ކޯދު ޕްރޮގްރާމަކީ އެންވަޔަރްމެންޓް މިނިސްޓްރީން ބޭއްވި، ސްޓޫޑެންޓްސް ނޭޝަނަލް އެންވަޔަރްމެންޓް ސިމްޕޮޒިއަމް 2 އަށް ޖަމާލުއްދީން ސުކޫލުން ހުށަހެޅި ޕްރޮޕޯސަލް، ގަދަ ދިހައެއްގެ ތެރޭގައި ހިމެނުމުން، އެ މިނިސްޓްރީގެ މާލީ އެހީތެރިކަމާއެކު ކުރިއށް ގެންދާ ޕްރޮގްރާމެކެވެ.

ކޯދު ޕްރޮގްރާމުގެ ދަށުން ފެނުގައި ހެއްދި ލެޓިއުސް މިއަދު ވަނީ ކަނޑާފައެވެ. ލެޓިއުސް ގަތީ އެ ސްކޫލްގެ މުވައްޒަފުންނެވެ.

ޖަމާލުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރު ސަބީހާ އަހުމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ކޯދުގެ އަމަލީ މަސައްކަތް ފަށައިގަތީ ޖެނުއަރީމަހުގެ ތެރޭގައިކަމަށާއި، ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ދަރިވަރުން ކޮށްފައިވާ ކަމަށެވެ. މި މަސައްކަތުގައި އަމަލީގޮތުން މަސައްކަތް ކުރަމުންދަނީ އެ ސްކޫލްގެ ދިހަ ދަރިވަރުންނެވެ. އެ ކުދިން ހުރިހާ މަސައްކަތެއް ކޮށްފައިވަނީ މި ޕްރޮގްރާމުގައި މަސައްކަތް ކުރަމުން ދިޔަ ޓީޗަރުންގެ އެހީތެރިކަމާއެކު، ދަނޑުވެރިކަމާބެހޭ މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުރި މައުލޫމާތާއި، އިތުރަށް އިންޓަރނެޓް މެދުވެރިކޮށް ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މި ޕްރޮޖެކްޓްގެ ތެރެއިން މިހާރުގެ ދަނޑުވެރިން ދަނޑުވެރިކަންކުރާ ގޮތް ދަރިވަރުންނަށް ދައްކާލުން ހިމެފައި އޮތް ނަމަވެސް ކޮވިޑާ ގުޅިގެން ކާށިދޫއަށް ކުރަން އޮތް ދަތުރު ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ބަދަލުގައި ހުޅުމާލޭގައި ދަނޑުވެރިކަމުގެ ބާވަތްތައް ހައްދަމުން ގެންދިޔަ ތަނަކަށް ދަރިވަރުން ގޮސް އެކުދިންވަނީ ތަޖުރިބާތަކެއް ކޮށްފައެވެ.

ސަބީހާ ވިދާޅުވީ ކޯދު ޕްރޮގްރާމުގެ ދަށުން ހެއްދީ ފަސޭހައިން ހެއްދޭނެ ބާވަތްތަކަށް އިސްކަންދީގެންނެވެ. އޭގެތެރޭގައި މިރުހާއި ކިއުކަންބާ، ބާމިޔާ، ލެޓިއުސް، ބަށި، ޓޮމާޓޯ، ބެލްޕެޕަރ ފަދަ ބާވަތްތައް ހިމެނެއެވެ.
ސަބީހާ ވިދާޅުވީ ފާއިތުވި ދޮޅުމަހެންހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ކުދިކުދި ތަންތަންކޮޅުގައި ގަސްހެއްދުމަށް ކުދިންގެ މެދުގައި ޝަޢުޤުވެރިކަން އުފެދިފައިވާ ކަމަށެވެ.

ކޯދު ޕްރޮގްރާމުގެ ދަށުން ހައްދާ ގަސްތައް ބަލަހައްޓަނީ ވެސް އެކުދިންނެވެ. ކޮންމެ ދުވަހަކުވެސް އެއް ގަޑިއިރު، އެ ކުދިން ހޭދަކުރަނީ ގަސްތައް ބަލަހައްޓައި، އެއަށް ފެންދިނުމުގައެވެ. ކޯދު ޕްރޮގްރާމުގެ ދަށުން ގަސް ހައްދަނީ ވެސް ސްކޫލްގެ ތެރޭގައި ހުރި ގަސްތަކުން ފައިބާ ފަތްފަދަ ތަކެތި ވެއްޔާ އެއްކޮށްގެންނެވެ. އެއްވެސް ކެމިކަލެއް ބޭނުން ނުކޮށެވެ.

ސަބީހާ ވިދާޅުވީ މިހާރު ދިމާވާ އެންމެ ބޮޑު ޗެލަންޖަކީ ގަސްތަކުގައި އަޅާ ކޫޑިފަދަ ބަލިތަކުން އެ ގަސްތައް ސަލާމަތް ކުރާށެވެ. " ބައެއް ގަސްތަކަށް ކޫޑީގެ އުނދަގޫ ދިމާވޭ. ގަސްތަކަށް ޖެހޭ ބައްޔާއި އެ ބަލިތަކުން ގަސްތައް ސަލާމަތް ކުރާނެ ގޮތްތަކެއް އަދިއެއް ކިޔައެއް ނުދެވޭ. އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ސްކޫލުން ދަނީ ތައްޔާރުވަމުން. ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނީ ގަސްތަކަށްޖެހޭ ބައްޔާއި އެބައްޔަށް ދޭވޭނެ ފަރުވާވެސް ކިޔާދީގެން" ސަބީހާ ވިދާޅުވިއެވެ.

ޖަމާލުއްދީން ސްކޫލުން ފެށި ކޯދު ފްރޮގްރާމުގެ ފައިދާ މިއަދު މިއޮތީ ފެންނާށެވެ. އެ ސްކޫލްގެ " ކޯދު" ބަގީޗާއަށް ވަން ކޮންމެ މީހަކަށްވެސް މިކަން ކަށަވަރުވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *