ޕްރިންސިޕަލެއްގެ ގޮތުގައި ނަސީމްގެ އެންމެ ފާހަގަކުރެވޭ އެއް ސިފައަކީ ޒަމާނާގުޅިގެން އަންނަމުންދާ ހެޔޮ ބަދަލުތަކަށް ބަލައިގަތުމާއި ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ކުރައްވާ ގޮތެވެ.
ކިޔެވުން އޮންނަ ދުވަހެއް ނަމަ ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނާ އެންމެ ފުރަތަމަ ބައްދަލުވާނެ ފަރާތަކީ ޕްރިންސިޕްލް އިބްރާހިމް ނަސީމެވެ. ރ. އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލަކަށް ދާދި ފަހުން ހަމަޖެއްސެވި ނަސީމް ސަރ މަސައްކަތް ފައްޓަވަނީ ފަތިހު 5:45 ގައެވެ. އެއީ 2019 ވަނަ އަހަރު، ޕްރިންސިޕަލްކަމުގެ ޒިންމާ އޭނާ ހަވާލުވެ ވަޑައިގެންނެވީއްސުރެ އެ އާދަ ބަދަލު ނުކުރައްވައެވެ. އެކަން ކުރައްވަނީ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ކަމެއް ހުރީ ރަނގަޅަށްތޯ ޗެކްކޮށް ކަށަވަރު ކުރުމުގެ ގޮތުންނެވެ.

ވަނީ ވޭދުވެ ދިޔަ ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ތައުލީމަށް ވަރަށް އަގު ހުރި ހިދުމަތްތަކެއް ނަސީމް ވަނީ ކޮއްދެވާފައެވެ. އައިޓީއިން ޕްރައިމަރީ ޓީޗަރު ކަމުގެ ސަނަދު ހިއްޕައިވައިގެން ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވި ނަސީމްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން ސްކޫލް މެނޭޖުމަންޓްގެ ދާއިރާއިން ޑިޕޮލޮމާއާއި ބެޗްލަރސް ޑިގްރީ ހާސިލްކޮށް، ސްރީލަންކާގެ އެންއައިއީ އިން މާސްޓަރސް އޮފް ސްކޫލް މެނޭޖްމަންޓް އެންޑް ލީޑާރސިޕް ހާސިލްކުރައްވާފައެވެ. ނަސީމްގެ ހިދުމަދުގެ ދިގު ދައުރު ފެށިފައިވަނީ އުފަން ރަށް އުނގޫފާރުންނެވެ. އުނގޫފާރު ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ މަގާމުންނެވެ. އެއަށްފަހު އެސްކޫލްގެ އެސިސްޓަންޓް ސްޕައިވަރު ކަމާއި ސްޕަވައިޒަރުކަމާއި ލީޑިން ޓީޗަރުކަމާއި ޑެޕިއުޓީ ޕްރިންސިޕަލްކަންވެސް ވަނީ ކުރައްވާފައެވެ.
ޕްރިންސިޕަލެއްގެ ގޮތުގައި ނަސީމްގެ އެންމެ ފާހަގަކުރެވޭ އެއް ސިފައަކީ ޒަމާނާގުޅިގެން އަންނަމުންދާ ހެޔޮ ބަދަލުތަކަށް ބަލައިގަތުމާއި ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ކުރައްވާ ގޮތެވެ. މިގޮތުން ކޮވިޑް 19 އާއި ގުޅިގެން މުދައްރިސުންނަށް ދެވުނު ޓްރެއިންނިން ތަކާއި ތައާރަފު ކުރި ޕްލެޓްފޯމްތަކުގެ ބޭނެން އެންމެ ފުރިހަމައަށް ހިއްޕަވާ އެއް ޕްރިންސިޕަލަކަށް ނަސީމް ވާނެއެވެ. ގޫގުލް ސައިޓާއި އެހެނިހެންވެސް ޓޫލްސްތައް ބޭނުން ކޮއްގެން ސްކޫލްގެ ތައުލީމީ ކަންކަމާއި އިދާރީ ކަންކަން ބެލެހެއްޓުމުގެ ނިޒާމް ގާއިމް ކުރައްވާ އެކަންކަން ދަނީ ކާމިޔާބު ކަމާއިއެކު ބޭނުން ކުރައްވަމުންނެވެ. އަދި ނަސީމް ތައްޔާރު ކުރައްވާފައިވާ މިފަދަ ޓޫލްސްތައްވަނީ އެހެން ސްކޫލްތަކަށް ވެސް ހަދިޔާ ކުރައްވާ އެސްކޫލްތަކުގެ މުވައްޒަފުންނަށް ތަމްރީނު ވެސް ދެއްވާފައެވެ. މިއީ ނަސީމްގެފަރާތުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ދެއްވާ ވަރަށް އަގުހުރި ހިދުމަތެކެވެ. ނަސީމް ތައްޔާރު ކުރައްވާފައިވާ ސްކޫލްގެ ސައިޓަކީ ސްކޫލެއް މެނޭޖުކުރުމުގައި ބޭނުންކުރެވޭނެ ވަރަށް ބޭނުންތެރި ޓޫލްއެކެވެ. މިސައިޓުން ސްކޫލާއި ސްކޫލްގެ އެންމެހާ ޕްރޮގުރާމްތަކުގެ މައުލޫމާތު ލިބިގެން ދާނެއެވެ. އަދި ޓީޗަރުންނާއި ލީޑިން ޓީޗަރުންގެ މަސައްކަތް މޮނިޓަރކޮށް ވަރަށް ރަގަޅަށް ބެލޭނެ ގޮތަށް މިސައިޓް ވަނީ ފަރުމާ ކުރެވިފައިވެއެވެ.

މީގެ އިތުރުން ނަސީމްގެ ހާއްސަ އަނެއް ސިފައަކީ ކުރައްވާ ކޮންމެ މަސައްކަތެއް ކާމީޔާބާއި ހަމައަށް ވާސިލްވުމަށް ކުރައްވަ މިންނަތް މަސައްކަތެއެވެ. މިކަން ނަސީމްއާއިކެކު މަސައްކަތްކުރެއްވި ބައެއް ޕްރިންސިޕަލުންވެސް ފާހަގަކުރައްވައެވެ. އުނގޫފާރު ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަހްމަދު މުޖުތަބާ ވިދާޅުވަނީ "އަޅުގަނޑަށް ފާހަގަކުރެވޭގޮތުގައި ނަސީމްއަކީ ކުރައްވާ ކޮންމެ މަސައްކަތަކާއި ވަރަށް ޝައުގުވެރިކަމާއި ޖޯޝާއި ފޯރީގައި ކުރައްވާ ބޭފުޅެއް! އަދި އެއްވެސް ކަމެއް ފައްޓަވާފައި ކާމިޔާބާއި ހަމައަށް ވާސިލްނުލައްވާނެ ވަރަށް އަޒުމްވަރުގަދަ ބޭފުޅެއް!"
މިކަން އޭނާ މަސައްކަތްކުރެއްވި ކޮންމެ ސްކޫލެއްގައި ވެސް ކުރައްވާފައިވާ އުމްރާނީ މަސައްކަތްތަކަށް އެކަނި ބަލާލިޔަސް ހެއްކަކަށް ފުދޭނެއެވެ. މިގޮތުން ނަސީމްގެ މޭސްތިރިކަމުގައި އުނގޫފާރު ސްކޫލްގައި ބިނާކުރެވުނު ލައިބްރަރީއާއި ނެއްލައިދޫ ސްކޫލާއި މާކުރަތު ސްކޫލްގެ ސްޓާފް ރޫމާއި އަދި މިހާރު މާކުރަތު ސްކޫލްގައި ބިނާކުރަމުންދާ ލައިބްރަރީ ފާހަގަކޮއްލެވެއެވެ.

ނަސީމް ގަބޫލު ކުރައްވާ ގޮތުގައި މިހާރު މާކުރަތު ސްކޫލްގައި ބިނާ ކުރަމުންދާ ލައިބްރަރީ އަކީ ރާއްޖޭގެ ސްކޫލެއްގައި ބިނާ ކުރެވޭ އެންމެ ރީތި އެއް ލައިބްރަރީ އަށް ވާނެއެވެ. ޒަމާނީ ކޮންސެޕްޓަކަށް އިންޓީރިއާ ހެދިގެންދާ މިލައިބްރަރީ އަކީ މިގޮތުން ކުރެވޭ އެންމެ ފާހަގަ ކުރެވޭ އެއް މަސައްކަތެވެ. މި ލައިބްރަރީ ފަރުމާ ކުރުމުގައްޔާއި ފަންޑް ހޯދުމަގައި ނަސީމް ކުރައްވާފައިވާ ބުރަ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ. އަދި މިއީ މާކުރަތު ސްކޫލްގެ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް އަގުހުރި ވަސީލަތަކަށް ވާނެއެވެ.

ނަސީމް ކުރައްވާފައިވާ މިފަދަ ހުރިހާ މަސައްކަތްތަކަކުންނާއި ގުނާ އަދަދު ނުކުރެވޭހާ ހިދުމަތްތަކުން ބުނެދެނީ މަސައްކަތަށް ބަހައްޓަވާ ޝައުގުވެރިކަމާއި އިޚްލާސްތެރިކަމެވެ. ނަސީމްގެ ދުވަހުގެ ގިނަ ވަގުތު ހޭދަކުރައްވަނީ ސްކޫލްގެ މަސައްކަތުގައެވެ. ދުވަހުން ދުވަހަށް ސްކޫލް ހިންގެވުމުގެ އެންމެހާ ކަންކަމުގައި ލީޑިން ޓީޗަރުންނާއި ޓީޗަރުންނަށް އިރުޝާދު ދެއްވުމާއި ދިމާވަމުންދާ މައްސަލަތަކަށް އީޖާދީ ހައްލު ހޯއްދަވާ ޒަމާނާ އެއްގޮތަށް ސްކޫލް ބައްޓަން ކުރެއްވުމަށް ޕްރިންސިޕަލް ނަސީމް ހާއްސަ އިސްކަމެއް ދެއްވައެވެ. މިކަން ޕްރިންސިޕަލް ނަސީމްއާއިއެކު މަސައްކަތް ކުރެއްވި ނެއްލައިދޫ ސްކޫލްގެ ލީޑިން ޓީޗަރ އައިމިނަތު ޝިފާވެސް ފާހަގަކުރައްވައެވެ. ޝިފާ ފާހަގަކުރައްވާ ގޮތުގައި ޕްރިންސިޕަލް ނަސީމް އަކީ މުވައްޒަފުންނާއި އަދި ކޮމިޔުނިޓީއާއި ވަރަށް ގުޅިގެން ސްކޫލްގެ ކުރިއެރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ލީޑަރެކެވެ. އަދި ޓީޗަރުންނާއި ލީޑިން ޓީޗަރުންނަށް އަބަދުވެސް ކުރިއަށްދާންވީ މަގު ބުނެދެއްވާ ޓީމެއްގެ ގޮތުގައި މުވައްޒަފުން ބިނާކުރުމަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެކެވެ. މިކަމަށް ޕްރިންސިޕަލް ނަސީމް ކުރިން މަސައްކަތް ކުރެއްވި ވާދޫ ސްކޫލާއި މިހާރު މަސައްކަތްކުރައްވާ މާކުރަތު ސްކޫލްގެލީޑިން ޓީޗަރުން ވެސް އިއްތިފާގުވެއެވެ.

ޕްރިންސިޕަލްގެ މަގާމަށް ނަސީމް ދަތުރުކުރައްވާފައިވަނީ ތައުލީމީ ދާއިރާގެ ގިނަ މަގާމްތަކެއް ފުރުއްވުމަށްފަހުއެވެ. އަދި ގިނަ ދިވެހި ޕްރިންސިޕަލުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރެއްވުމަށްފަހުއެވެ. ވެރިއެއްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރެއްވިއިރުވެސް ނަސީމް ވަނީ ކިޔަމަންތެރިކަމާއި ހިދުމަތްތެރިކަމުގައި ނަމޫނާ ދައްކަވާފައެވެ. ވެރިންނަށް ތަބާވުމުގެ ސިފައަކީ ނަސީމާއިއެކު މަސައްކަތްކުރެއްވި ގިނަ ޕްރިންސިޕަލުން ވަރަށް ބޮޑަށް ފާހަގަކުރައްވާ ސިފައެކެވެ. މިގޮތުން އުނގޫފާރު ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދި މިހާރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ސިފަ ކުރައްވާ ގޮތުގައި އިބްރާހިމް ނަސީމަކީ ތަޢުލީމާއި ތަރުބިއްޔަތުގެ ފަންނުގައި އަރާހުރި ޚިދުމަތްތެރިއެކެވެ. އުނގޫފާރު ސްކޫލުގެ ކުރިއެރުމަށް މިންނަތް މަސައްކަތް ކުރެއްވި މުރާލި، ހިތްތިރި ބޭފުޅެކެވެ. އިތުރަށް ނަޝީދު ފާހަގަ ކުރެއްވީ ސުނާމީ ކާރިސާ އާ ގުޅިގެން ކަނދޮޅުދޫން އުނގޫފާރަށް ބަދަލުވި ދަރިވަރުންނާއެކު ސްކޫލުގެ އާބާދީ ގާތްގަޑަކަށް 380 އިން 1200 ވަރަކަށް ދަރިވަރުންނަށް އިތުރުވި ނާދިރު ޙާލަތުގައި ސްކޫލު ހިންގުމުގައި ނަޝީދަށް އިބްރާހީމް ނަސީމް ދެއްވި އެހީތެރިކަމާއި ކުރެއްވި މިންނަތް މަސައްކަތްޕުޅު ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ އެވެ. އޮސްޓްރޭލިއާގެ އެޕޯލޯ ބޭ ޕީ 12 ކޮލެޖާއެކު ޕްރިންސިޕަލް ނަޝީދު ޤާއިމު ކުރެއްވި ގުޅުމުގެ ދަށުން އޮސްޓްރޭލިއާގެ ސްކޫލުތަކުން ތަޖުރިބާ ޙާޞިލު ކުރުމުގެ ފުރުޞަތު ނަސީމަށް އެދުވަސްވަރު ތަނަވަސްވި އެވެ. ނަސީމުގެ މިދެންނެވި ތަޖުރިބާގެ ހެޔޮ އަސަރު އުނގޫފާރު ސްކޫލުން މިހާރުވެސް ފެންނަން ހުންނާނެ ކަމަށް ނަޝީދު ގަބޫލު ކުރައްވައެވެ. ނަޝީދު އިތުރަށް ވިދާޅުވީ ނަސީމު ފާހަގަވަނީ އުފެއްދުންތެރި، ކިޔަވައިދެއްވާ ހިތުން ކިޔަވާ ދެއްވާ ފަންނުވެރި މުދައްރިސެއްގެ ގޮތުގައެވެ. އައު އީޖާދުތައް ކުރުމަށާއި ފަންނިއްޔާތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރެއްވި ހީވާގި ހިންގުންތެރި އެއްގެ ގޮތުގައެވެ. އެކުގައި މަސައްކަތް ކުރައްވާ މީހުންނަށާއި މެހުމާނުންނަށް ކަމޭހިއްތެވި އޯގާތެރި ޚާދިމެއްގެ ގޮތުގައެވެ. ވަރަށް އިޚުލާޞްތެރި މިތުރެއްގެ ގޮތުގައެވެ.

ޕްރިންސިޕަލް ނަޝީދު ފަދައިން މުޅި ތައުލީމީ ދާއިރާގެ ގިނަ ބޭފުޅުން ޕްރިންސިޕަލް ނަސީމް ބަލައިގަންނަނީ މުޅި ދާއިރާއަށް އަގު ނުކުރެވޭފަދަ ހިދުމަތްތަކެއް ކުރައްވާ ދާއިރާގެ އަލިގަދަ ރަން ތަރިއެއްގެ ގޮތުގައިއެވެ. އާދެ އުނގޫފާރު ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަބްދުﷲ އަހްމަދު ވިދާޅުވާ ފަދައިން ޕްރިންސިޕަލް ނަސީމަކީ ހުރިހާ ރުކުނެއް ހަމަވާ ހިދުމަތްތެރިއެކެވެ. ދާއިރާގެ އެންމެންގެ އެކުވެރިއެކެވެ. އެހީތެރިވެ އޯގާތެރިވާ މިތުރެކެވެ. ނަމޫނާ ޕްރިންސިޕަލެކެވެ.
advertisment
ހިޔާލު