2021 ވަނަ އަހަރުންފެށިގެން ދިވެހިރާއްޖޭގެ ދިރާސީ އަހަރު ކޮންމެ މީލާދީ އަހަރެއްގެ މެދުތެރޭގައި ފެށޭގޮތަށް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމަވައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިގޮތަށް ނިންމަވާފައިވަނީ، ގިނަ ފަރާތްތަކަކުން ދިރާސީ އަހަރު ބަދަލުކުރުމަށް އެދެމުންދާތީ އާއި، ކޮވިޑް-19ގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށާއި ޖުމުލަ ތަރައްޤީއަށް ދިމާވެފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް 2020 ވަނަ އަހަރު ފެށުނު ދިރާސީ އަހަރު 2021 ވަނަ އަހަރުގެ ޖޫންގައި ނިމޭގޮތަށް ފަސްކޮށްފައިވުމާއި، ބެލެނިވެރިންނަށް ދަރިންނާއިއެކު ޗުއްޓީހޭދަކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ މަގުސަދުގައެވެ.
މި ބަދަލު ގެންނަން ނިންމުމުގައި، މި ބަދަލުގެ ސަބަބުން އަސަރުކުރާނެ ގާތްގަނޑަކަށް ހުރިހާ ފަރާތަކާއެކު މަޝްވަރާ ކުރެވި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ މި މިނިސްޓްރީއިން ވަނީ ހޯދާފައެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި މިކަން ކުރާގޮތް ބަލައި، ޢިލްމީ ދިރާސާތަކެއް ކުރެވި ކަމާބެހޭ މާހިރުންގެ ލަފައާއި އިރުޝާދު ހޯދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިރާސީ އަހަރަށް މި ގެނެވުނު ބަދަލާއި ގުޅިގެން، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނީ މީލާދީ އަހަރުގެ މެދުތެރޭގައެވެ. އަދި މީލާދީ އަހަރުގެ ފަހުކޮޅު ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި ދެ ހަފުތާގެ ޗުއްޓީއެއް ލިބޭނެ އެވެ.
ދިރާސީ އަހަރަށް މި ބަދަލު ގެނެވުމުން، އޭލެވެލް ހަދާ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާއިން ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނާ މުއްދަތު ގެއްލިގެން ނުދާނެ އެވެ. އަދި މިބަދަލާއެކުވެސް، ދަރިވަރުން މިހާރުވެސް އޭ ލެވެލް ފަށާ ތާރީޙު ކަމަށްވާ ޖޫންމަހުގައި އޭ ލެވެލްގެ ކިޔެވުން ފެށިގެންދާނެއެވެ. މީގެ އިތުރުން، ގްރޭޑް 10 ގެ ދަރިވަރުންގެ ފަހު އިމްތިހާނު އޮކްޓޯބަރ/ނޮވެންބަރ ގައި ނިމުނު ކަމުގައި ވިޔަސް އޭ ލެވެލް އިންތިޙާން ޖޫން މަހުގައި ފެށޭތީ އޯލެވެލް ނިންމާ ދަރިވަރުން އޭ ލެވެލް ފެށުމާއި ދެމެދު ހޭދަ ކުރަންޖެހޭ 6 މަސް ދުވަސް، މިހާރު ގެނެވުނު ބަދަލާއެކީ ނޯންނާނެ އެވެ.
ދިރާސީ އަހަރު ފެށުން މިގޮތަށް ބަދަލު ވެގެން ދިއުމުން، ބައިނަލްއަޤްއާމީ ފެންވަރުގައި ދަރިވަރުންނަށް ލިބޭ އެކިއެކި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އިތުރަށް މަގުފަހިވެގެން ދާނެއެވެ. އަދި ރާއްޖޭގެ އެކިއެކި އިންޑަސްޓްރީތަކުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ލިބޭ ފުރުޞަރުތައް އިތުރަށް ފަހިވެ ޢާއިލާއާ އެކުގައި ޗުއްޓީ ހޭދަކުރުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
advertisment
ހިޔާލު