އަހަރީ ދުވަހާ ގުޅުވައިގެން މުޙްޔިއްދީން ސްކޫލުން ޑިޖިޓަލް ވާހަކަ ހުށަހެޅުމުގެ މުބާރާތެއް

މާލެ- ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލަށް 27 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން ޑިޖިޓަލް ވާހަކަ ހުށަހަޅަން ވަނީ އެ ސްކޫލްގެ ދަރިވަރުންނަށް ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތައް މާރޗް ފަސް ވަނަ ދުވަހު އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ހުށަހަޅަންޖެހެއެވެ. އޭގެ ކުރިން މާދަމާގެ ދޭއް ޖެހުމުގެ ކުރިން ހުށަހަޅާ ވާހަކަތަކުގެ ސްކްރިޕްޓް ކުލާސްޓީޗަރަށް ދައްކާ ޗެކްކުރަންޖެހެއެވެ.

މުޙްޔިއްދީން ސްކޫލުން ބުނެފައި ވަނީ މި މުބާރާތް ބާއްވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރިކަމުގެ ހާލަތުގައި ގޭގައި ތިބެގެން ކުދިންގެ ވިސްނުމާއި ފިކުރު ތަރައްގީކޮށް، ހުނަރު ކުރިއަރުވާ މުޖްތަމައަށް ރަނގަޅު މެސެޖެއް ފޯރުކޮށް ދިނުމުގެ ބޭނުމުގައެވެ.

މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތަކުގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮވިޑް 19އަށް ހޭލުންތެރިވެ ރައްކާތެރިވުމާއި، އަނެކާގެ އިޙްސާސްތައް ދެނެގަނެ އިޙްތިރާމް ކުރުމާއި، އޯގާތެރި ކަމެވެ. ވާހަކަ ހުށަހެޅިދާނެ ގޮތްތަކުގެ ތެރޭގައި ސްޓޮޕްމޯޝަން، ޑިޖިޓަލް އާރޓް، ކުރެހުން، ޕަޕެޓް، ކޮމިކް ހިމެނެއެވެ.
ދިވެހިބަހުންނާއި އިނގިރޭސި ބަހުން ވާހަކަތައް ހުށަހެޅޭއިރު، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބެލެނިވެރިންގެ އެހީތެރިކަމާއެކު ވާހަކަތައް ހުށަހެޅިދާނެއެވެ. ގުރޭޑް 7-10 ގެ ދަރިވަރުން ވާހަކަތައް ހުށަހަޅަންޖެހެނީ ގުރޫޕްތަކެއްގެ ގޮތުގައެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ ތިން ކުދިންނާއި ފަސްކުދިންނާ ދެމެދުގެ އަދަދެކެވެ. ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގުރޫޕުގައެވެ.

މުޙްޔިއްދީން ސްކޫލުން އާންމުކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން، ވާހަކަތައް ހުށަހަޅާއިރު، ވާހަކަތަކުގައި ބޭނުންކޮށްފައިވާ އަޑާއި މަންޒަރު އަދި ބަސްމަގު ހުންނަންވާނީ ކުޑަކުދިންނަށް އެކަށީގެންވާ ގޮތަށް އިސްލާމްދީނާ ފުށުނާރާ ގޮތަށެވެ. އެހެން މީހެއްގެ މަސައްކަތަކުން ބައެއް ހިމެނޭނަމަ، އެ އުފެއްދުމެއްގެ ވެރިފަރާތަށް ހަވާލާދޭން ވާނެއެވެ. އަދި ކޮޕީކޮށްފައިވާ މަސައްކަތަކަށް ވެގެން ނުވާނެ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *