ކިޔެވުމަކަށް ވާނީ، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން ގޭތެރޭގައި ކުރަން ޖެހޭ ކަންތައްތައް ވެސް ކުރަމުން ރަނގަޅު ނަތީޖާ ނެރުނީމާ
ސާނަވީގައި ހަތަރު ވަނައަށް ދިޔުމުން، އޭލެވެލްއިން އެއްވަނަ ހޯދަން މައިހާ ހަސަން މުހައްމަދު ކުރި ކަމަކީ ކުރިން ކިޔަވަމުން އައި "ސްޓައިލް" އަށް ބަދަލު ގެނައީއެވެ. އެ ބަދަލާއެކު އޭނާ ހިނގީ ތަފާތު މަގަކުންނެވެ. އެ މަގުން ކުރިއަށް ހިނގައި މައިހާ ހޯދީ، މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައެވެ. ބިޒްނަސް މާއްދާއިން ރާއްޖެއާއި މުޅި ދުނިޔެއިން ވެސް އެއްވަނައެވެ. އަދި އިކޮނޮމިކްސްއިން ރާއްޖެއިން އެއްވަނައެވެ.
ސާނަވީގައި ކިޔެވިއިރު، މައިހާ އިސްކަން ދިނީ ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތަށް ކަނޑައަޅާފައި އޮންނަ ވަކި ގަޑިތަކެއްގައި ކިޔަވާށެވެ. މަތީ ސާނަވީގައި ކިޔަވަން ފަށައި، އޭނާ ބަދަލުކޮށްލި ސްޓައިލުގައި ކިޔަވާކަށް ވަކި ވަގުތެއް ޚާއްޞަ ކޮށްފައި ނޯވެއެވެ. ކިޔަވާ ކިޔަވާހިތްވާ ކޮންމެ ވަގުތަކީ ކިޔަވަން އިށީންނަންވީ ވަގުތެކެވެ.

" ފިލާވަޅަށް ފޯކަސްކޮށްގެން ކިޔަވާ ހިތްވާ ގަޑިއެއްގައި ކިޔެވީމާ އޭގެ އިފެކްޓް މާ ބޮޑަށް ކުރޭ. މަދު ވަގުތެއް ކިޔެވުމަށް ހޭދަކުރި ނަމަވެސް ކިޔެވުމުގެ ސްޓައިލް ބަދަލުކޮށްލީމާ އޭގެ ފައިދާ އޭލެވެލްއިން ފެނުނީ" ދަރިވަރު ނޫހަށް މައިހާ ބުންޏެވެ.
ޕްރައިމަރީގައި މައިހާ ކިޔެވީ އިމާދުއްދީން ސްކޫލުންނެވެ. ގުރޭޑް އަށުން ދިހައަކަށް، ސާނަވި އިމްތިޙާން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ނިންމީ، އެ ސްކޫލުން ލިބުނު ސްކޮލަރޝިޕެއްގައެވެ.
ސާނަވީގައި ދިހަ މާއްދާ ކިޔެވި މައިހާއަށް އެއްވަނައަށް ނޭރުނީ ދިވެއްސާއި އިސްލާމުން އެންމެ ބޭނުންވި ނަތީޖާ ނުހޯދުމުންނެވެ. އެހެންވެ މަތީ ސާނަވީއަށް ދިޔައީ އެ ދެ މާއްދާއަށް ވަކިން ފޯކަސްކޮށްގެން ޚާއްޞަ މަސައްކަތްތަކެއް ކުރަން ނިންމައިގެންނެވެ.

މައިހާ ބުނީ، ސާނަވީއާއި މަތީ ސާނަވީގެ ސިލަބަހުގެ ތަފާތު ބޮޑު ވާހަކަ ބައެއް ދަރިވަރުންގެ ފަރާތުން އަޑުއިވުމުން ކޮންމެވެސް ވަރެއްގެ ހާސްކަމެއް މަތީ ސާނަވީއާ ކުރިމަތިލި އިރު އުފެދުނު ކަމަށެވެ. ނަމަވެސް ކިޔެވުން ފަށައިގެން ކުރިއަށް ދިޔައިރު އެ ބުނާ ތަފާތެއް ނުފެނުނު ކަމަށެވެ.
" އޭލެވެލްއަށް ދިޔައިރު ދެ ސިލަބަހުގެ ތަފާތު ހުންނަ ވާހަކައާއި ވަރަށް ބޮޑު ޖަންޕެއް އަންނާނެ ވާހަކަ އަޑުއިވުނު. އެކަމަކު މާ ބޮޑު ތަފާތެއް އަޅުގަނޑަކަށް ނުފެނުނު. ދިވެއްސާއި އިސްލާމް ކަމަށް ވިޔަސް ބިޒްނަސް މާއްދާތައް ވިޔަސް އެހާ ބޮޑު ތަފާތު ތަކެއް ނެތް. ޓެސްޓްތަކުގައި ސުވާލުތަކަށް ދީފައި އޮންނަ ވަގުތު މަދުކަން ފާހަގަ ކުރެވުނީ. ދެން ސިލަބަހަށް ބަލާއިރު އޭލެވެލްގައި ކޮންޓެންޓް އިތުރުވެފައި ހުރީ" މައިހާ ބުންޏެވެ.
މައިހާ ބުނީ، ދިވެހި މާއްދާއަށް ދަށް ވާތީ، އޭލެވެލްގައި، ޓިއުޝަން މުދައްރިސެއްގެ އެހީ ހޯދި ކަމަށާއި އެއީ އޭނާ ހަދާ ޕޭޕަރުތައް މާކުކުރުމުގެ ބޭނުމުގައި ކަމަށެވެ.

" ދިވެހި މާއްދާއަށް ދުރާލާ ތައްޔާރުވެ ގިނަ ޕޭޕަރުތައް ހަދާފައި ހުރީމާ ފައިނަލް ޓެސްޓް ވެސް ހީވީ ގޭގައި ހެދި ޕޭޕަރެއްހެން. އެހާ ވެސް ގިނައިން ގޭގައި ޕްރެކްޓިސް ކުރިން. ޓެސްޓަށް ދިޔައިރު ވެސް ކޮންފިޑެންސް އޮތް ނަތީޖާ ނެރެވޭނެ ކަމުގެ" މައިހާ ކިޔައިދިނެވެ.
މައިހާ ބުނީ، އޭލެވެލްގައި ގުރޫޕް ސްޓަޑީ ހެދުން މުހިންމު ކަމަށާއި ގުރޫޕް ސްޓަޑީ ތަކުގައި ވަރަށް ބޮޑަށް ޑިސްކަސްކޮށް، ޓެސްޓްގައ އަންނާނެ ހެން ހީވާކަހަލަ ސުވާލުތައް ހޯދާ އެ ސުވާލުތަކަށް މަސައްކަތް ކުރުމުގެ ރޫހެއް އުފެދޭ ކަމަށެވެ.
" ކުލާސް ގަޑީގައި ވެސް މޮޅެތި ކުދިން ދަށް ނަތީޖާ ލިބޭ ކުދިންނަށް އެހީވާނެ. ޓީޗަރުން ވެސް ބާރު އަޅާނެ އެ ކުދިންނަށް އެހީވާން. ޓީމް ވޯކެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފުސުގެ އިތުރުން ކިޔަވަން ލިބޭ ހިތްވަރެއް"
ބަރާބަރަށް ސްކޫލަށް ގޮސް، ފިލާވަޅުތައް ޓީޗަރު ނަގައިދޭ ގަޑީގައި ސަމާލުކަން ދިނުން މުހިންމު ކަމަށާއި އިތުރަށް ނަގައިދޭ ކުލާސްތަކަށް ދިއުމާއި ނުދިއުން ނިންމާނީ އެކުއްޖަކު އަމިއްލައަށް ކަމަށް މައިހާ ބުންޏެވެ. އެކަމަކު، ފަސޭހަ މާއްދާތައް ދޫކޮށްލިޔަސް އުނދަގޫ މާއްދާތަކުން ނަގައިދޭ އިތުރު ކުލާސްތަކަށް ދިއުން މުހިންމު ކަމަށާއި، ފަސޭހަ މާއްދާތަކުން ނަގައިދޭ އިތުރު ކުލާސްތަކަށް ދިއުމަށްވުރެ މައިހާ ބެލީ އެ ވަގުތު އުނދަގޫ މާއްދާތަކަށް ހުސްކުރާށެވެ.

ސާނަވީގައި ކިޔެވިއިރު، ކުރިއަށް ދާނެ ދާއިރާއެއް ނުނިންމޭތީ، ސައިންސްގެ ބައެއް މާއްދާތައް ވެސް މައިހާ ކިޔެވިއެވެ. އެއީ ޕައިލެޓަކަށް ވުމުގެ ޝަޢުޤު ވެސް އޭނާގެ ހިތުގައި އޮތުމާ ވެސް އެކުގައެވެ. އެ ނިންމުމަށް މައިހާ ބަދަލު ގެނައީ ސައިންސް މާއްދާތަކަށްވުރެ ބިޒްނަސް މާއްދާތަކުން ހޯދޭ ނަތީޖާއަށް ބަލައި، އޭލެވެލްގައި ބިޒްނަސް ސްޓްރީމަށް ކިޔަވަން ފެށި ހިސާބުންނެވެ.
މައިހާ ބުނީ، އޭލެވެލްގެ ފުރަތަމަ ޓާމުގައި ޓިއުޝަނަކާ ނުލައި ބިޒްނަސް މާއްދާއިން ފުލް މާކްސް ލިބުނީމާ، ދުނިޔޭގެ ވަނައަކަށް އުއްމީދު ކުރެވުނު ކަމަށެވެ. އެ އުއްމީދު އާވީ ވީއައިއެޗްއެސްގެ ކުރީ ބެޗްގައި ކިޔެވި ދަރިވަރަކު ބިޒްނަސްއިން ދުނިޔެއިން އެއްވަނަ ހޯދުމުންނެވެ.
" ގުރޭޑް އެގާރައިގެ ފުރަތަމަ ޓާމުގައި ބިޒްނަސްއިން ފުލްމާކްސް ލިބުނީމާ، އޭލެވެލް އިމްތިޙާނުގައި ވެސް ފުލްމާކްސް ހޯދައިދޭން ޓީޗަރުން މަސައްކަތް ކޮށްދީގެން އެ ނަތީޖާ ލިބުނީ" މައިހާ ބުންޏެވެ.
މައިހާ ބުނީ، މަންމައާއި ބައްޕަގެ އާއިލާގައި ވެސް މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނު ގިނަ ދަރިވަރުންތަކެއް ތިބިއިރު، އެއްވަނަ އެއްވެސް ކުއްޖަކަށް ލިބިފައި ނުވާތީ، އެއްވަނަ ލިބޭ ފުރަތަމަ ކުއްޖާއަށްވާން އޭނާ ބޭނުންވި ކަމަށެވެ. އެ އުއްމީދު ޙާޞިލް ވުމަކީ ވެސް އެއީ އަމިއްލަ ނަފުސަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް މައިހާ ދެކެއެވެ.
މަތީ ސާނަވީން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް ކިޔެވުމުގެ ފުރުޞަތު އޮންނަނީ ފަހިކޮށެވެ. މައިހާގެ ކާމިޔާބީއާއެކު އޭނާގެ ލޯ ހުރީ އިނގިރޭސި ވިލާތަށެވެ. އެޑިމްބަރާ ޔުނިވަރސިޓީން، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ކިޔަވަން މައިހާ ހުރީ ކެތް މަދުވެފައެވެ.

މަތީ ސާނަވީން އެއްވަނަ މައިހާ ހޯދީ، ހަމައެކަނި ކިޔެވުމަށް ހުސްވެ ހުރެގެން ނޫނެވެ. ސްކޫލުގެ އިތުރު ހަރަކާތަކުގައި ބައިވެރިވަމުން ގޭތެރޭގެ މަސައްކަތްތަކުގައި މަންމަމެމްނަށް އެހީތެރިވަމުން ކިޔެވުމަށް ވަގުތު ހޯދަމުންނެވެ. މައިހާ ދެކޭ ގޮތުގައި ކިޔެވުމަށް އެކީ ހުސްވުމަކީ ގޯހެކެވެ. ކިޔެވުމަށް ފޯކަސް ކުރާ ގޮތަށް ދިރިއުޅުމުގެ ކަންތައްތަކާއި ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މުހިންމެވެ. އެ ހުރިހާ ކަމަކުން ވެސް ދަސްކޮށް ދެވެނީ ދިރިއުޅެން ތައްޔާރުވެފައިވާ ދަރިވަރެކެވެ.

" ކިޔެވުމަކަށް ވާނީ، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން ގޭތެރޭގައި ކުރަން ޖެހޭ ކަންތައްތައް ވެސް ކުރަމުން ރަނގަޅު ނަތީޖާ ނެރުނީމާ. ކިޔެވުމާއެކު " އެންޖޯއީ ވެސް ކުރަންވާނެ" އޭރުން ބެލެންސް ވާނީ" މައިހާ ހިނގި މަގުން ކުރިއަށް ދިޔައީ ދިރިއުޅުމުގެ ހުރިހާ ކަމެއް " ބެލެންސް" ކުރަމުންނެވެ.
މަތީ ސާނަވީއިން އެއްވަނަ ހޯދި ދަރިވަރެއްގެ ހައިސިއްޔަތުން، މިހާރު އޭލެވެލް ކިޔަވާ ކުދިންނަށް މައިހާ ދޭ ނަސޭހަތަކީ މިއެވެ.

" އޯލެވެލްގައި ދިހަ ވަނައަށް ދާ ކުއްޖާއަށް ވެސް އެންމެ މައްޗަށް ދެވޭނެ. ކުރަންވީ ކަމަކީ ދުރާލާ މަސައްކަތް ފެށުން. އެންމެ އުނދަގޫ މާއްދާތައް ފާހަގަކޮށް އެއަށް ފޯކަސް ކޮށްގެން ކިޔެވުން. އޭރުން ނަތީޖާ ނެރެން އުނދަގުލެއް ނުވާނެ" މައިހާގެ ނަސޭހަތް ކުރު ނަމަވެސް އެހާމެ ބޭނުންތެރިއެވެ.

މައިހާ ބުނީ، އޭނާގެ 12 އަހަރުވީ ތަޢުލީމީ ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ މަންމައާއި ބައްޕައާއި އާއިލާއިންނެވެ.

ކާމިޔާބެއް ހޯދައިދޭން ކެނޑިނޭޅި މަސައްކަތް ކުރި މީހުންގެ ލިސްޓަށް ދެން އޭނާ އިތުރުކުރީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ސައީދު އަޙްމަދާއި ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް އަޙްމަދު ވަހީދެވެ. ދެން އެ ސްކޫލުން އޭނާއަށް ކިޔަވައި ދެއްވި ޓީޗަރުންނެވެ. ޚާއްޞަކޮށް އައިޝާ މިސްއާއި އާޝިޔާ މިސްއާއި ދީނާ މިސްއާއި ޝީޖާ މިސްއެވެ. އެންމެ އުނދަގޫވި ދިވެހި މާއްދާއިން އޭ ސްޓަރއެއް ހޯދައި ދިނުމަށް ޓިއުޝަން ޓީޗަރެއްގެ ގޮތުން ކޮށްދެއްވި ބުރަ މަސައްކަތަށް ޖަމީލް ސަރގެ ނަން ޝުކުރުގެ ލިސްޓްގައި މައިހާ ހިމެނިއެވެ.
އެ ހުރިހާ ފަރާތްތަކަށް މައިހާގެ ހިތުގައި އޮތީ ލޯތްބާއި ކުލުނެވެ. އިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފެކެވެ. އެ ހުރިހާ އެންމެގެ ފަރާތުން ލިބުނު އެ އެހީތެރިކަން ނުލިބުނު ނަމަ އޭނާއަށް މަތީ ސާނަވީގެ އެއްމެ މައްޗަށް ނުދެވުނީހެވެ.
advertisment
ހިޔާލު