ސައީދު: އެންމެ ގިނަ ދުވަސްވީ ދިވެހި ޕްރިންސިޕަލް

ކިޔަވައިދެއްވަން ފެއްޓެވީ އީޕީއެސް ސްކޫލުގައި ކިޔަވަމުން

ކުޅުދުއްފުއްޓަށް އުފަން ސަޢީދު އަޙުމަދަކީ ސްކޫލު ހިންގުމުގައި އެންމެ ގިނަ ދުވަހު ދެމިހުންނެވި ދިވެހި ޕްރިންސިޕަލް އެވެ. ކިޔަވައި ދެއްވުމުގެ މަސައްކަތް ފެއްޓެވީ އީ ޕީ އެސް އެސް ގެ ގްރޭޑް 10 ގައި ކިޔަވާ ވިދާޅުވަމުން ގެންދެވި ދުވަސް ވަރު އެވެ. ކިޔަވައިދެއްވީ ޕާޓް ޓައިމް ޓީޗަރެއްގެ ގޮތުގައި، ހިސާބު، އެ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށެވެ. އެއެއިރުގެ އެ ސްކޫލުގެ ހެޑްމާސްޓަރ ދެއްވި މި ފުރުޞަތަށް ސަޢީދު މިއަދުވެސް ޝުކުރުވެރިވެއެވެ.

ތަޢުލީމަށް ހިޖުރަކުރުން

ކުޅުދުއްފުށީގައި ސަޢީދު ތަޢުލީމު ޙާޞިލް ކުރެއްވީ އެ ރަށުގެ އެދުރުދައިތައެއްގެ އަރިހުންނެވެ. ޅަޢުމުރުގައި މައިންބަފައިންނާ ވަކިން މާލެ ވަޑައިގަތުން ސަޢީދަށް ވެސް ފަސޭހަ ކަމަކަށް ނުވި އެވެ. އެކަމަކު ތަޢުލީމު ޙާޞިލު ކުރުމަށް ބޭނުންވާތީ ކުޅުދުއްފުށީގެ ހިތްގައިމު މާޙައުލާއި ލޮބުވެތި މައިންބަފައިން ދޫކޮށް ކެތްތެރި ވަޑައިގެން، ބޭބެ ޑޮކްޓަރ މުޙައްމަދު އަޙުމަދު ތަނަވަސް ކޮށްދެއްވި ފުރުޞަތު ބޭނުން ސަޢީދު ހިއްޕެވި އެވެ. އެއިރު ޢުމުރުފުޅުން 10 އަހަރެވެ.

" ރަށުން އައި އިރު ސްކޫލަށް ވަންނައިރު ހުންނަންޖެހޭ ފެންވަރު އަޅުގަނޑުގެ ކިބައިގައި ނެތް. އިނގިރޭސި އަދި ދިވެހި ބަސް ކިޔަވަން ޖެހުނީ. އަޅުގަނޑަށް އިނގިރޭސި ބަސް ކިޔަވައިދެއްވީ މުޙައްމަދު ފާރޫޤު. ދިވެހި ލިޔަން ކިޔަން ދަސްކޮށްދެއްވީ ޑޮކްޓަރ މުޞްތަފާ ލުޠުފީ. މި ދެބޭފުޅުންނަކީ އެ ދުވަސްވަރު މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވަމުން ގެންދަވާ ދެ ދަރިވަރުން. ދެބޭފުޅުންވެސް ވަރަށް މޮޅު. އަޅުގަނޑުގެ އިޙުތިރާމު އެބޭފުޅުންގެ މައްޗަށް އަބަދުވެސް އޮވޭ. މިއަދުވެސް ޝުކުރު ދަންނަވަން." ރަށުން އައިރު ހުރި ތަޢުލީމީ ފެންވަރު ބަޔާން ކޮށްދެއްވަމުން ސަޢީދު ވިދާޅުވިއެވެ.

އެބޭފުޅުންގެ އަރިހުން ކިޔެވުމަށްފަހު، އީ ޕީ އެސް އެސް ގެ ކޭޖީ ކުލާހުން ސަޢީދަށް ޖާގަ ލިބިވަޑައިގަތެވެ. މަދަރުސީ ތަޢުލީމުގެ މަރުޙަލާވެސް އިރާދަފުޅުން ވަރަށް ކާމިޔާބެވެ. ތަޢުލީމީ ނަތީޖާ ރަނގަޅުވެ، ޑަބަލް ޕްރޮމޯޝަން ލިބިގެން ކުލާސް ބަދަލުވާ ދަރިވަރެއްގެ ގޮތުގައި ސަޢީދު ފާހަގަ ވިއެވެ. ތަކުރާރުކޮށް ކުލާހުން އެއްވަނަ ހޯއްދަވާފައި ވެއެވެ.

"ބޭބެ އަޅުގަނޑުގެ ކާމިޔާބު ފާހަގަ ކުރެއްވި. އައިސްކުރީމެއް ގަންނަން 25 ލާރި އަޅުގަނޑަށް ދެއްވި. އެ އިނާމުވީ ވަރަށް ބޮޑު ހިތްވަރަކަށް. ބޭބެ އާއި ދައްތަ އަޅުގަނޑަށް އަބަދުވެސް ވަރަށް އޯގާތެރި. އަޅުގަނޑު އެދެބޭފުޅުންނަށާއި ޢާއިލާ ހެޔޮ ދުޢާކުރަން" ސަޢީދު ފާހަގަ ކުރެއްވި އެވެ.

ގްރޭޑް 10 ކިޔަވަމުން، ކިޔަވައިދިނުން ވީ ސަޢީދު ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމަށް ލިބުނު ފުރުޞަތަކަށެވެ. އެދުވަސްވަރަކީ އަތޮޅު ތެރޭގެ ޤާއިމު ކުރައްވަމުން ގެންދެވި ސްކޫލުތަކަށް ހެޑްމާސްޓަރުން އިނގިރޭސިވިލާތުގެ އެޑިންބަރާގައި ތަމްރީނު ކުރައްވަން ފެއްޓެވި ދުވަސް ވަރެވެ. ސްކޫލު ނިންމާ ހެޑްމާސްޓަރުން ތަމްރީނު ކުރާ ކޯހަށް ކުރިމަތިލުމުން، އެކޯހަށް ސަޢީދު ހޮވިވަޑައިގަތުންވީ ސަޢީދަށް ލިބިވަޑައިގެން ވަރަށް ބޮޑު އުފަލަކަށެވެ.

" އަޅުގަނޑު އީ.ޑީ.ސީ އަށް ގެންދަވާ ހެޑްމާސްޓަރ ޓްރެނިންގ ކޯހަށް ހޮވުނުކަން އެންގެވި. ވަރަށް އުފާވި. އަދި ހަމަ އެއާއެކު ހެޑްމާސްޓަރ ޓްރެއިނީ އެއްގެ ވަޒީފާ ދެއްވާ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ފޮނުއްވި. ދެތިން މަސްފަހުން ބ.އަތޮޅު ތަޢުލީމީ މަރުކަޒު ހިންގެވުން އަޅުގަނޑާ ޙަވާލު ކުރެއްވި" ތަޢުލީމާއި ތަރުބިއްޔަތުގެ ޚިދުމަތް ފެއްޓެވި ގޮތް ބަޔާން ކޮށްދެއްވަމުން ސަޢީދު ވިދާޅުވި އެވެ.

އެޑިންބަރާ ތަމްރީން

1981 ން 1983 ށް އިނގިރޭސި ވިލާތުގެ އެޑިންބަރާއިން ކިޔަވައިދިނުމާއި ސްކޫލު ހިންގުމާއި އިޖުތިމާޢީ ތަޢުލީމުގެ ދާއިރާއިން ތަމްރީނު ހޯއްދެވި މަދު ދިވެހިންގެ ތެރޭގައި ސަޢީދު ހިމެނިވަޑައިގަތެވެ. ސަޢީދު މެންގެ ބެޗަކީ، އިނގިރޭސި ވިލާތަށް ފޮނުވި ދެވަނަ އަދި އެންމެ ފަހު ބެޗް އެވެ.

" ކިޔަވައިދިނުމާއި ސްކޫލު ހިންގުން ފަދަ ބޮޑު މަސްޢޫލިއްޔަތެއް އުފުއްލުމަށް އަޅުގަނޑުގެ ޢުމުރު ހަނގު. އެހެންނަމަވެސް އެޑިންބަރާއިން އެ ބޮޑު މަސްޢޫލިއްޔަތު އަދާ ކުރުމަށް ފުރިހަމައަށް ތަމްރީން ކުރެއްވި." އެޑިންބަރާގެ ތަމްރީނުން ލިބިދިން ކުރިއެރުން ފާހަގަ ކުރައްވަމުން ސަޢީދު ވިދާޅުވިއެވެ.

ހެޑްމާސްޓަރ ސަޢީދު

އިނގިރޭސިވިލާތުން ތަމްރީނު ފުރިހަމަ ކުރައްވާ، 1983 ގައި ރާއްޖެ ވަޑައިގަތުމުން ސަޢީދު ފޮނުއްވީ ރ.މީދޫ ގައި އެއަހަރު ހުޅުއްވި ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރަކަށެވެ. ސަޢީދަކީ އެ ސްކޫލުގެ ފުރަތަމަ ހެޑްމާސްޓަރެވެ. ދިރާސީ އަހަރު ނިމުމުން ސަޢީދު ހަމަޖެއްސެވީ ތިނަދޫގައި 1984 ގައި ޤާއިމު ކުރެއްވި ގދ.އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ސަޢީދަކީ އެ މަރުކަޒުގެ ވެސް ފުރަތަމަ ހެޑްމާސްޓަރެވެ. މި މަރުކަޒުގައި ސަޢީދު 3 އަހަރު މަސައްކަތް ކުރެއްވިއެވެ. ސަޢީދުގެ ދަރިވަރުންނާއި ތިނަދޫގެ ޢާއިލާތަކުން ސަޢީދުގެ ޚިދުމަތުގެ ވާހަކަ އުފަލާއެކު މިއަދުވެސް ދައްކަވައެވެ. އެއީ ދަރިވަރުން ވަރަށް ލޯބިވާ ހެޑްމާސްޓަރެކެވެ، ރަށުގެ ރައްޔިތުން މިހާރުވެސް ވަރަށް ޤަދަރު ކުރައްވާ ހެޑްމާސްޓަރެކެވެ.

 

" އެއީ ދަތުރުފަތުރު ދަތި ދުވަސް ވަރެއް. ހުވަދޫ ބަހުރުވައިން ވާހަކަދައްކާ އަޑު އަމުދުން އިވިފައި ނެތް މީހަކަށް ވުމުން- ސްކޫލު ޤާއިމު ކޮށް ތަރައްޤީ ކުރުމަށް ކުރާންޖެހުނު ހިއްވަރު މިހާރުވެސް ހަނދާންވޭ. އިރާދަފުޅުން، ރަށުގެ މުޖުތަމަޢުންނާއި ހުރިހާ މުދައްރިސުންގެ އެހީތެރިކަމާއެކު 700 ދަރިވަރުން ކިޔެވުމާއި ތަރުބިއްޔަތުގެ އިންތިޒާމުތައް ރަނގަޅަށް އަޅުގަނޑަށް ހަމަޖެއްސުނު. މިއީ ރަށުގެ ރައްޔިތުން ބަލައިގެން ކާމިޔާބެއް" ހުވަދޫ އަތޮޅުގެ ކާމިޔާބު ފާހަގަ ކުރައްވާ ސަޢީދު ވިދާޅިއެވެ.

ސަޢީދުގެ ޚިދުމަތް ދެން ފެނިގެން ދިޔައީ އުފަން ރަށް ހދ.ކުޅުދުއްފުށިންނެވެ. ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 1987 ން 1995 އަހަރުގެ މެދެއްހާ ހިސާބަށް ކުރެއްވި ޚިދުމަތް މިއަދުވެސް ރަށުގެ ރައްޔިތުންނާއި ދަރިވަރުންގެ ހިތުގައި ފާހަގަ ކަން ބޮޑެވެ.

"އެދުވަސްވަރު އަޅުގަނޑުމެން އާދަޔާ ޚިލާފަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. ލިބެންހުރި ވަޞީލަތްތަކާއި ނުބައްދަލު މިންވަރަކަށް ދަރިވަރުން ގިނަ. ނަތީޖާ އަކަށްވީ ކިޔަވައިދިނުން ބައެއް ފަހަރު 4 ދަންފަޅިއަށް، އަދި ފަހުން ބައެއް ވަގުތީ އިންތިޒާމު ތަކުގެ އެހީގައި 3 ދަންފަޅިއަށް ކިޔަވައިދޭން ޖެހުނު. އަޅުގަނޑު މިއަދުވެސް އެދުވަސް ވަރުގެ މުދައްރިސުންނަށް އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމަށް އަދި ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. އެބޭފުޅުން ހިއްވަރު ކުރެއްވީ އާދަޔާ ޚިލާފު މިންވަރަކަށް" ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރެއްވި މަސައްކަތުގެ މައްޗަށް ބައްލަވާ ލައްވަމުން ވިދާޅުވިއެވެ.

" މިޙާލަތުގައި މަސައްކަތް ކޮށް ސާނަވީ ތަޢުލީމު ތަޢާރަފު ކުރެއްވުން އެއީ ލިބިގެން ދިޔަ ތާރީޚީ ކުރިއެރުމެއް." އެ ދުވަސް ވަރުގެ އެއް ކާމިޔާބުގެ ގޮތުގައި ސަޢީދު ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށްޓަށް އުފަން ދަރިވަރުންގެ އިތުރަށް، އަތޮޅު ތެރޭގެ ރަށް ރަށުން ދަރިވަރުން ގެނެސްގެން އެދަރިވަރުންނަށް ޚާއްޞަ ކުލާސްތައް ހިންގެވިއެވެ. މިއީ ވެސް ފާހަގަކަން ބޮޑު ޚިދުމަތެކެވެ. އަދި އެ ދަރިވަރުންނަކީ މިއަދު ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ތިއްބެވި ދަރިވަރުންނެވެ. ތަޢުލީމީ މަރުކަޒުގައި ސަޢީދު މަސައްކަތް ކުރެއްވި ދައުރަކީ ބޮޑު ދިރުމެއް ތަޢުލީމީ މަރުކަޒަށް ލިބުނު އަހަރު ތަކެއް ކަމުގައި އެއިރުގެ މުދައްރިސުންނާއި ރަށުގެ މީހުން ފާހަގަ ކުރެއްވިއެވެ.

ސަޢީދު އަޙުމަދުގެ ޚިދުމަތުގެ މުއްދަތުގައި، ސިންގަޕޫރުންނާއި އޮސްޓްރޭލިއާ އިން ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީން ހޯއްދެވިއެވެ. އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވަރސިޓީ އިން މާސްޓަރސް އިން އެޑިޔުކޭޝަން ޙާޞިލު ކުރައްވާފައިވެއެވެ.

އައްޑޫ ހިތަދޫގައި ގާއިމު ކުރެއްވި ސަދަން ސެކަންޑަރީ ސްކޫލުގައި އެސިސްޓެންޓް ޕްރިންސިޕަލް އެއްގެ މަޤާމުގައިވެސް ސަޢީދު ޚިދުމަތް ކުރެއްވިއެވެ. ސަދަން ސެކަންޑަރީ ސްކޫލުގެ ޅަފަތުގެ ދުވަސް ވަރުކަމުން ސްކޫލުގެ ތަރައްޤީ ކުރުމުގައި ޕްރިންސިޕަލް އަރިހުގައި ސަޢީދު އަގުހުރި މަސައްކަތްތަކެއް ކުރެއްވިއެވެ.

އައްޑޫގައި މަސައްކަތް ކުރެއްވުމަށްފަހު ސަޢީދުގެ ޚިދުމަތް ދެން ފެނިގެން ދިޔައީ ހދ. ކުޅުދުއްފުށީގައި ޤާއިމު ކުރެއްވި ނޮދަން ސެކަންޑަރީ ސްކޫލުންނެވެ. އެ ސްކޫލުގެ އެސިސްޓެން ޕްރިންސިޕަލް އެއްގެ ގޮތުގައެވެ. އެދުވަސް ވަރު ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތް ކުރެއްވި އެހެން ޤައުމު ތަކުގެ އެކިއެކި ބޭފުޅުންގެ އަރިހުގައި އެސިސްޓެން ޕްރިންސިޕަލް ކަމާއި ޑެޕިއުޓީ ޕްރިންސިޕަލް ކުރެއްވުމަށް ފަހު ޕްރިންސިޕަލް ގެ މަޤާމަށް 2006 ސަރުކާރުން ހަމަޖެއްސެވި އެވެ. ބިދޭސީ ޕްރިންސިޕަލުން ތިއްބެވި ދުވަސް ވަރުގައިވެސް، މިނިސްޓްރީގެ އިރުޝާދާ އެކު، ސްކޫލު ހިންގުމުގެ ބޮޑު ޒިންމާ އެއް ސަޢީދު އުފުއްލެވި އެވެ.

ފަހުން  ނޮދަން ސެކަންޑަރީ ސްކޫލު ހިނގަމުން އަންނަނީ ޖަލާލުއްދީން ސްކޫލުގެ ނަމުގައެވެ. ޖަލާލުއްދީން ސްކޫލު އަކީ ކާމިޔާބު މަތީ ސާނަވީ ސްކޫލަކަށް ހެއްދެވީ ސަޢީދުގެ ލީޑަރޝިޕު ކަމުގަ އެވެ. އެ ސްކޫލުގައި 14 އަހަރު ސަޢީދު އަޙުމަދު ޚިދުމަތް ކުރެއްވިއެވެ. ޖަލާލުއްދީން ސްކޫލުގައި ކުރެއްވި މަސައްކަތާ ގުޅޭގޮތުން ސަޢީދު ވިދާޅުވީ، އެއީ ކުޅުދުއްފުއްޓާއި އުތުރުގެ އަތޮޅުތަކުގައި ތަޢުލީމީ ޖީލެއް ބިނާ ކުރަން ސަރުކާރުން ފެއްޓެވި މަސައްކަތުގައި ހިއްސާވުމަށް ލިބިވަޑައިގެންނެވި އަގުހުރި ފުރުޞަތެކެވެ.

" ޖަލާލުއްދީން ސްކޫލުގައި މަސައްކަތް ކުރުމަށް ލިބުނު ފުރުޞަތަކީވެސް ވަރަށް އަގުހުރި ފުރުޞަތެއް. އެއީ އުތުރު އަތޮޅުތަކުގައި ތަޢުލީމީ ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ފެއްޓެވި މަޝްރޫއެއްގައި އިސްދައުރެއް އަދާކުރުމަށް، މަސައްކަތުގައި ލިބިހުރި ޢިލްމާއި ތަޖުރިބާ ފުޅާދާއިރާއެއްގައި ބޭނުން ކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއް"
 12 އަހަރު – ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި

ސަޢީދަކީ ތަޢުލީމަށް ޚިދުމަތް ކުރުމުގައި އަތޮޅުތެރެ އިޚުތިޔާރު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް 1ޖުލައި 2012 ވަނަ ދުވަހުން ފެށިގެން އެއީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް އެވެ. އެއީ ސަޢީދުގެ މެންޓަރ، ދިވެހިންގެ ތަޢުލީމީ ޚިދުމަތްތެރިޔާ، ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރު އެދިވަޑައިގަތުމަށް، ގެންނެވި ބަދަލެކެވެ.

" ޑޮކްޓަރ އަޙުމަދު އަންވަރު އަޅުގަނޑަށް ގުޅުއްވާ މިހާރު މިއީ ސަޢީދު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ޚިދުމަތް ކުރައްވަން ވީ ވަގުތޭ. ޑޮކްޓަރ އަންވަރަކީ އަޅުގަނޑަށް ހެޔޮއެދިވަޑައިގަންނަވާ ދުވަސްވީ ރަޙުމަތްތެރިއެއް. ފަންނީ މަސައްކަތުގައި އަޅުގަނޑުގެ މެންޓަރ. އަޅުގަނޑު ދުށީ އަޅުގަނޑު ޑޮކްޓަރ އަންވަރުގެ އެދި ވަޑައިގަތުން ޤަބޫލުކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް."

ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލު (ވީއައިއެޗްއެސް) އަކީ މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރުމަށް ދަރިވަރުން އަދި ބެލެނިވެރިންގެ މެދުގައި މިހާރު ރާއްޖޭގެ އެންމެ މަޤްބޫލު ސްކޫލެވެ. ކިޔަވައިދިނުމުގެ ފެންވަރާއި، ހޯދާ ނަތީޖާ އެންމެ ރަނގަޅު ސްކޫލެވެ. ދަރިވަރުންގެ ކުރިމަގަށް، މަތީ ތަޢުލީމުގެ މަރުޙަލާއަށް އަދި މަސައްކަތުގެ މައިދާނަށް، އެންމެ ފަހި ތަމްރީނާއި ތަރުބިއްޔަތު ދެމުންދާ މަތީ ސާނަވީ ސްކޫލެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ގިނަ ރަށް ރަށުގެ ދަރިވަރުން ވީއައިއެޗްއެސްގައި ތަޢުލީމު ޙާޞިލުކުރަމުން ގެންދެ އެވެ.

" ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ލޯތްބާއީ އުފާވެރިކަމާއެކު ދަރިވަރުންނަށް ޚިދުމަތްދޭ ސްކޫލެއް. ދަރިވަރުން މުދައްރިސުންދެކެ ލޯބިވާ ސްކޫލެއް – މުދައްރިސުން ދަރިވަރުން ދެކެ ލޯބިވާ ސްކޫލެއް. އޯގާތެރިކަމާއި އަޅާލުން އެއީ ކިޔަވައިދިނުމާއި ތަރުބިއްޔަތުގެ މަސައްކަތުގައި ބޭނުންކުރާ އެންމެ އިސް އަދި އެންމެ ޢާއްމު ޙިކުމަތް. މީގެ ނަތީޖާ ވަރަށް ފޮނި. އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއް" ސަޢީދު ވަރަށް އުފަލުން ހުންނަވާ ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި 900 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެއީ ޔުނިވަރސިޓީ އެޑްމިޝަން ލިބޭ މިންވަރަށް ފާސްވާ މިންގަޑު 60 އާއި 75 ދެމެދުގެ އިންސައްތައިގައި ހިފަހައްޓަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުން ޤަބޫލު ކުރާ ގޮތުގައި ދަރިވަރުންނަށް ދެވޭ ތަރުބިއްޔަތު އިތުރަށް ތަޢުލީމުގެ ފެންވަރު ވަޒަން ކުރަން އެންމެ މުހިއްމު ތަފާސް ހިސާބަކީ އިސްވެ ދެންނެވި ހިސާބެވެ. ނިމުނު ބެޗުގެ ދަރިވަރުންގެ ތެރެއިން 6 ދަރިވަރަކު ޕްރެޒިޑެންޝަލް ސްކޮލަރޝިޕް ހޯދާފައިވާއިރު 37 ދަރިވަރަކު ހައި އެޗީވަރސް ސްކޮލަރޝިޕް ހޯދާފައި ވެއެވެ. އަދި 88 ދަރިވަރުން ޤައުމީ ގަދަ 10 ގައި ހިމެނިފައި ވެއެވެ.

" ފަހަކަށް އައިސް ދިވެހިން ތަޖުރިބާ ކުރަމުން މިދާ ސިޔާސީ މާޙައުލުގެ ސަބަބުން ވެރިކަމަށް އަންނަ އަވަސް ބަދަލުތަކާ ގުޅިގެން ތަޢުލީމީ ފޯކަސް ގެއްލޭ ކަމުގެ އިޙުސާސް ބައެއްފަހަރު ކުރެވޭތީ ކަންބޮޑުވޭ. އެއީ ދިވެހިންނަށް، މި ގައުމުގެ ކުރިމަގަށް އެންމެ ފައިދާ ހުރި ގޮތްކަމަކަށް ނުވިސްނޭ. ތަޢުލީމުދީ ތަރުބިއްޔަތު ކުރުމުގައި އަބަދުވެސް ހިފެހެއްޓިފައި ހުރުން ލާޒިމު ހަމަތަކެއް ހުންނާނެ. ސަރުކާރުތައް ބަދަލުވާ ޙާލަތްތަކުގައި ވެސް އެފަދަ ހަމަތައް ހިފަހައްޓައިގެން، ކުރިއަށް ދިއުން މުހިއްމު. މި ފަދަ ހަމަތައް ހިފަހައްޓައި ގެންވެސް ކުރިއަރުވަން ބޭނުންވާ،ހަރުދަނާ ކުރަންބޭނުންވާ، ހަލުވިކުރަން ބޭނުންވާ އެތައްކަމެއް ތަޢުލީމީ ނިޒާމުގެ ތެރެއިން ފެންނާނެ. އެފަދަ ކަންކަމަށް ރަނގަޅު ޙައްލު، އުފެއްދުންތެރި ގޮތްތައް ބަދަލުގެ އެޖެންޑާގައި ހިމެނުމަށް ވިސްނުން ބުއްދިވެރި" ތަޢުލީމާ ތަރުބިއްޔަތުގެ ފަންނުގެ 44 އަހަރުގެ ތަޖުރިބާ އަލީގައި ސަޢީދު ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ހުރިހާ އެކުވެރިންނަށް ސަޢީދު ތަޢުރީފުކުރައްވާ،ވިދާޅުވީ " އެއީ ފިސާރި ޓީމެއް. އަބަދުވެސް އެ އެންމެ ބޭފުޅުންނަށް ޝުކުރުވެރިވަން. ވީއައިއެޗްއެސް ގެ އައު ޕްރިންސިޕަލްގެ މަސައްކަތްޕުޅަށް ކާމިޔާބަށް އެދެން. ވީއައިއެޗްއެސް ގެ ދަރިވަރުންގެ މޫނުމަތިން އަބަދުވެސް އުފާވެރިކަން ފެނުމަށް އުއްމީދުކުރަން. ހުރިހާ ދަރިވަރުންނަށާއި ސްކޫލަށް ކުރިއެރުމާއި ކާމިޔާބަށް އެދެން."

ދަރިވަރުގެ ނޫހުގެ ފަރާތުން ޕްރިންސިޕަލް ސަޢީދު އަޙުމަދަށް ބާއްޖަވެރި ޙަޔާތަކަށް އެދެމެވެ. ޕްރިންސިޕަލް ގެ މަޤާމުގައި ހުންނަވައިގެން މިނޫހަށް ދެއްވި އެހީތެރިކަމަށް މި ފުރުޞަތުގައި ވެސް ޝުކުރު ދަންނަވަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *