އުއްމީދު ކުރީ ހިސާބުން ދުނިޔޭއިން އެއްވަނަ އަށް، އެކަމަކު ލިބުނީ ކެމިސްޓްރީން އެއްވަނަ
ވިލާ އިންޓަރނޭޝަނަލް ސްކޫލުން ކިޔަވައިގެން އޭލެވެލްއިން އެއްވަނަ ހޯދި، ތީބާ އަލީ ޝަފީޢު ކިޔެވުމުގައި ގެންގުޅުނީ އޭނާގެ އަމިއްލަ ސްޓައިލެކެވެ. އެ ސްޓައިލުގައި ފިލާވަޅު ކިޔައިގެން ދަސްކުރުމުގެ ބަދަލުގައި ލިޔަނީއެވެ. ކޮންމެ ފިލާވަޅެއް، މުދައްރިސް ދޭ ކޮންމެ ނޯޓުހެއް ފޮތެއްގައި ވަކިން ލިޔަނީއެވެ. ފުރަތަމަ ލިޔަނީ ބަލައިގެންނެވެ. ދެން ނުބަލައި ލިޔެވޭ ވަރަށް ލިޔެގެން ދަސް ވެސް ކުރަނީއެވެ. އިސްލާމް މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއެއްގެ ފިލާވަޅުތައް ދަސްކުރީ ލިޔެގެންނެވެ. އިސްލާމް ފިލާވަޅުތައް ދަސްކުރީ ލިޔުމުގެ އިތުރުން ކިޔައިގެންނެއެވެ.
ދެވަނަ ގުރޭޑާ ހަމައަށް އަމީނިއްޔާއިން ކިޔެވި ތީބާ، އޯލެވެލް ނިންމީ ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުންނެވެ. ދިވެހިން އޭ އެއް ލިބުމުން، ތީބާއަށް ލިބުނީ އޯލެވެލް އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ދެ ވަނައެވެ. އެހެންވެ އޭލެވެލްގައި ދިވެހި މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހުނީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހޯދައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް އޮތް އުއްމީދެއްގެ ބޮޑު ކަމުންނެވެ.
އޭލެވެލްގައި ކިޔަވަން ފަށައިގަތް ދުވަސްވަރު ތީބާއަށް އެހާ ފަސޭހައެއް ނޫނެއެވެ. ހުރިހާ ޓެސްޓެއް ވެސް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް އުނދަގޫ ވަމުންނެއެވެ. އެހެންވެ ފިޒިކްސްއާއި ދިވެހިން އޭ ސްޓަރ ހޯދުން ވީ ބޮޑު ޗެލެންޖަކަށެވެ.
" އޭލެވެލްގެ ސިލަބަހުގައި ހުރި ބޮޑު ތަފާތާއެކު ފިޒިކްސް އެއްގޮތަކަށް ވެސް ގެޓެއް ނުވޭ. ޓިއުޝަން ނަގަން ފެށީމާ ހަމައަކަށް އެޅި ކުރިއަށް ދާން ފަސޭހަވީ. ޓެސްޓްތައް އުނދަގޫވާން ފެށީމާ އޭލެވެލްއިން ސީދާ އެއްވަނަ ލިބޭނެ ކަމުގެ ކޮންފިޑެންސެއް ނެތް. އެހެންވެ އޯލެވެލްއަށްވުރެ ތިން ގުނަ މަސައްކަތް ކުރިން" ތީބާ ބުންޏެވެ.

ތީބާ ބުނީ، ކުލާހުގައި މުދައްރިސް ފިލާވަޅު ނަގައިދޭ ގަޑިއަށް އަބަދުވެސް ސަމާލުކަންދޭ ކަމަށާއި އެ ގަޑީގައި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ އޮޅުންފިލުވަން މަސައްކަތް ކުރާ ކަމަށެވެ.
" ފިލާވަޅު ނަގައިދޭ ގަޑިއަކީ ވަރަށް މުހިންމު ވަގުތު ކޮޅެއް. ކިޔަވައިދީ ނިންމާފައި ޓީޗަރު ކުލާހުން ނުކުންނެވުމުގެ ކުރިން ޖެހޭނެ ސުވާލު އުފެދޭ ކަމެއް އޮތް ނަމަ ސުވާލުކޮށްގެން އޮޅުން ފިލުވަން މަސައްކަތް ކުރަން. އެހެން ނޫނީ ފަހުން އުނދަގޫ ވާނެ"
ތީބާ ބުނި ގޮތުގައި ޓީޗަރު ފިލާވަޅު ނަގައިދޭ ގަޑީގައި ސަމާލުކަން ދެވެނީ އެ ފިލާވަޅަކަށް ތައްޔާރު ވެގެން ޓީޗަރު، ކިޔަވައިދެއްވާނަމަ ނަމައެވެ.
" ފޮތުގައި އޮންނަ އެޗެއް ބަލައިގެން ކިޔައިދޭއިރު ވަރަށް ފޫހިވޭ އަޑުއަހަން އިންނަން. އޭގެ ބަދަލުގައި ތައްޔާރު ވެގެން އައިސް ކިޔަވައިދޭއިރު އަޑުއަހަން ފަސޭހަ، އިންޓްރެސްޓްވެސް ވޭ"
ތީބާއަކީ އެކަނި ކިޔަވަން ލޯބިކުރާ ދަރިވަރެކެވެ. ގުރޫޕް ސްޓަޑީ ހެދުމަށްވުރެ އެކަނި އިނދެ ކިޔަވައިގެން ނަތީޖާ ނެރެން މާ ފަސޭހައެވެ. ތީބާގެ ދުވަހީ ތާވަލުގައި ކިޔަވަން އޮންނަނީ ރޭނގަޑު ހަމަޖައްސާފައެވެ. ހަވީރު ކޮއްކޮމެންނާއެކު އުޅެފައި ރޭގަނޑު ކިޔެވުމަށް ހުސްވާތީ، އެ ގަޑީގައި ކޮއްކޮމެން ވެސް އޭނާއަކަށް އުނދަގުލެއް ނުކުރާނެއެވެ. ކިޔަވަން އިންނައިރު ކޮޓަރިއަކަށް ވެސް ނުވަންނާނެއެވެ. ރޭގަނޑު ކިޔަވަން ހުސްކުރިޔަސް ޓެސްޓް ދުވަސްވަރު ނޫނީ އެހާ ދަންވަންދެން ކިޔަވަން އިނުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. މަންމަ އަބަދުވެސް އޭނާއަށް ދޭ ނަޞޭހަތަކީ ވެސް އެއީއެވެ.
" ކެއުމަށާއި ނިދަން ސަމާލުކަން ދީ، މާ ގިނައިރު އިށީނދެ ނުއިނުމަށް މަންމަ އަބަދުވެސް ހަނދާންކޮށްދޭނެ"
ތީބާ ބުނީ، ދިވެހިން އޭ ސްޓަރއެއް ލިބި، އޭލެވެލްއިން އެއްވަނަ ލިބުމަކީ އޭނާއަށް ލިބުނު ސަޕްރައިޒެއް ކަމަށެވެ. އެ ސަޕްރައިޒާއެކު އޭނާގެ އުއްމީދުގައި ކުލަޖައްސަން ތީބާ ތައްޔާރު ވަމުން ދަނީ އިނގިރޭސި ވިލާތުގެ ޝެފީލްޑް ޔުނިވަރސިޓީން އެއަރކްރާފްޓް އިންޖިނިއަރިންގ ދާއިރާއިން ކިޔަވާށެވެ.

ދެ ބޭބެއިންނަކީ ޕައިލެޓުންނަށް ވުމާއެކު ޕައިލެޓަކަށް ވުމަކީ ވެސް އޭނާ އެއް ދުވަސްވަރެއްގައި ބޭނުންވި ކަމެކެވެ. ރާއްޖޭގައި ޕައިލެޓުން ގިނަ ވުމާއެކު އެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކަށް ދާން، ކުރިން އޭނާ ގެންގުޅުނު އެ ވިސްނުން ދޫކޮށްލީއެވެ.
ތީބާ ބުނީ، އޭލެވެލްގައި އޭނާ އުއްމީދު ކުރީ ހިސާބު މާއްދާއިން ދުނިޔޭގެ ވަނައަކަށެވެ. އެކަމަކު ލިބުނީ ކެމިސްޓްރީން ދުނިޔެއިން އެއްވަނައެވެ. ކެމިސްޓްރީން އެއްވަނަ ހޯދީ ޓިއުޝަނަކާ ނުލައި، ސްކޫލުގެ ޓީޗަރުންކޮށްދިން މަސައްކަތްތަކުގެ އެހީގައިކަން އޭނާ ފާހަގަ ކުރިއެވެ.
" އުއްމީދު ކުރީ މެތްސްއިން ދުނިޔެއިން އެއްވަނަ ލިބޭނެ ކަމަށް. އެކަމަކު ލިބުނީ ރާއްޖެއިން އެއްވަނަ. ދުނިޔެއިން އެއްވަނަ ލިބުނީ ކެމިސްޓްރީން "
ތީބާގެ ކާމިޔާބީގައި މައިންބަފައިންގެ ދައުރު ބޮޑެވެ. ޓެސްޓަކުން ދަށްވިޔަސް " މަސައްކަތް ކުރީމެއް ނޫންހޭ، އަބަދުވެސް ހިތްވަރު ކުރާށޭ" ބުނެ މަންމަ އަބަދުމެ ދޭ ނަޞޭހަތުން މިއަދު އޭނާގެ އުއްމީދާއި ކުރިމަގަށް މަގު ކޮށައިދީފިއެވެ. މަންމަ ދެމުން ދިޔަ މައިވަންތަ ކަމުގެ ކުލުނާއި ލޯބިން އޭނާ ދާންވީ މިސްރާބަށް ދިއުމަށް ދަތުރު ފަށަން އޮތީ ދާދި މަދު ދުވަސްކޮޅެކެވެ.
ތީބާ ބުނި ގޮތުގައި ވީއައިއެޗްއެސްގެ ހުރިހާ ޓީޗަރުންގެ ފަރާތުން ވެސް އޭނާއަށް ލިބުނީ އޯގާތެރިކަމާއި ލޯތްބާއި ކުރިއަށް ދިއުމުގެ ހިތްވަރެވެ. ސުވާލެއް ކުރާ ކޮންމެ ފަހަރަކު، ޖަވާބު ދެނީ ކުދިންނަށް ރަނގަޅު ނަތިޖާއެއް ހޯދުމުގެ އަޒުމެއް އޮވެގެންނެއެވެ. އާއިލާއާއި ހުރިހާ ޓީޗަރުންނަށް ވެސް ތީބާ ޝުކުރު އަދާކުރިއެވެ. އެއީ އޭނާ އަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ތިއްބެވި މަދަދުގާރުންނަށް ވީތީއެވެ.
advertisment
ހިޔާލު