އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ "ޓެލިކިލާސް"އަށް ބައިނަލްއަޤްވާމީ އެވޯޑެއް

އޭޝިއާ ޕެސިފިކް ސަރަހައްދުގެ 'ވެންހުއި އެވޯޑް ފޮރ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020’، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ 'ޓެލިކިލާސް' އަށް ލިބިއްޖެ އެވެ.

މިއީ ރާއްޖެއިން މި އެވޯޑް ހާސިލް ކުރި ފުރަތަމަ ފަހަރެވެ. ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިޔުކޭޝަނަލް އިނޮވޭޝަން ފޮރ ޑިވެލޮޕްމެންޓާއި، ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޮރ ޔުނެސްކޯ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑްގެ މަޤުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިއްވަރު ދިނުމެވެ.

މި އެވޯޑާއެކު، އެވޯޑް ހާސިލްކުރާ ފަރާތަކަށް 20 ހާސް އެމެރިކާ ޑޮލަރު އިނާމެއްގެ ގޮތުގައި ލިބެއެވެ.

ކޯވިޑް19 ފުރަބަންދާއެކު ސުކޫލްތައް ބަންދު ކުރަންޖެހުމުން، ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޓެލިކިލާސް ފެށީ 15 މާރިޗު 2020ގައެވެ.

މި ޕްރޮގްރާމް ދަރިވަރުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި ޕީއެސްއެމްގެ މުންނާރު ޗެނަލާއި، ޔެސްޓީވީ އާއި ދިވެހި ޗެނަލްއިން ވެދެއްވި އެހީތެރިކަން މި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ޓެލެކިލާސް މިހާ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ސްކޫލްތަކުގެ މެނޭޖްމެންޓާއި ޓީޗަރުންގެ އުފެއްދުންތެރިކަމާއި، އިޖާދީ ވިސްނުމާއި ބުރަ މަސައްކަތުންކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ދަރިވަރުންނާ ހަމައަށް ފިލާވަޅުތަށް ފޯރުކޮށްދިނުމުގައި ބެލެނިވެރިން އަދާ ކުރެއްވި ދައުރަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *