ސްކޫލް ތަރި: 10 އަހަރުގެ ޒުހާ، މަންމަގެ ކޯޗް ކަމުގައި ނުކުމެ ހޯދީ މުޅި މުބާރާތުން އެއްވަނަ

ލާމަސީލުލާމު ސްކޫލްތަކުގެ ވާހަކަ ދެއްކުމުގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބުނީ އުމުރު ހަގުވުމުންނެވެ. ދެވަނަ މުބާރާތް މިދިޔަ ހަފުތާގައި ނިމިގެން ދިޔައިރު އެ މުބާރާތުގައި ވާދަކުރަން ފުރުޞަތު ލިބުނީ އެންމެ ފަހު ވަގުތުއެވެ. އޭރު މުބާރާތް ފެށެން އޮތީ ވިއްސަކަށް ދުވަހެވެ. ލިބުނު ހަނި ފުރުޞަތުގެ ބޭނުން ހިފައި، އެންމެން ހައިރާންކޮށްލައި މުޅި މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 5ގައި ކިޔަވަމުން އަންނަ ޒުހާ ނާސިރެވެ.

ޒުހާ 10، މުބާރާތުން އެއްވަނަ ހޯދީ އޭނާއަށްވުރެ ދޮށީ އެތައް ދަރިވަރުންނާ ވާދަކޮށެވެ. މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން ސާދަ އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ވެސް ޒުހާ ހޯދިއެވެ. އަދި މުޅި މުބާރާތުން އެއްވަނަ ސްކޫލަކަށް ލ. އޭއީސީ ހޯދުމުގައި ވެސް ޒުހާގެ ވާހަކަދެއްކުމުގެ ހުނަރުވެރިކަމުގެ ފަންނުގެ ކުޅަދާނަކަން މުހިންމު ރޯލެއް އަދާކުރިއެވެ.

ވާހަކަ ދެއްކުމުގެ މުބާރާތެއްގައި ޒުހާ ބައިވެރިވީ ގުރޭޑް 2ގައި ކިޔަވަމުން ދިޔައިރުއެވެ. އިންޓަރ ހައުސްތަކުގެ މެދުގައި ބޭއްވި އެ މުބާރާތުން އެ ފަހަރު ދެވަނަ ލިބުނެވެ.

ޒުހާ ބުނީ ވާހަކަ ދެއްކުމަކީ ކޮބައިކަން އެނގުނީއްސުރެ ވާހަކަ ދެއްކުންތެރިކަމަށް ލޯބިކޮށް، މޮޅު ވާހަކަދެއްކުން ތެރިއަކަށްވާން ބޭނުންވި ކަމަށެވެ.

ނިމިދިޔަ މުބާރާތަށް ތައްޔާރު ވުމަށް ސްކޫލުގެ މުދައްރިސުން ކޮށްދިން މަސައްކަތުގެ އިތުރުން އެތައް މަސައްކަތެއް ގޭގައި އޭނާ ކުރިއެވެ. ގޭގައި ކުރި މަސައްކަތުގައި އޭނާގެ އެހީތެރިޔަކީ މަންމައެވެ. ކޮންމެ ރެއަކު އެތައް ވަގުތެއް އެ ދެމައިން ހޭދަކުރީ މުބާރާތަށް ޕްރެކްޓިސް ކުރުމުގައެވެ. ދަރިވަރުންނާއި އެހެން މީހުން މުބާރާތްތަކުގައި ދައްކާފައި ހުންނަ ވާހަކަތަކުގެ ވީޑިއޯ ބަލައިގެން އެ ދެމައިން ދިޔައީ ތައްޔާރު ވަމުންނެވެ. ޒުހާ ވާހަކަދައްކާއިރު ބައެއް ފަހަރު މަންމަ ވަނީ ކޯޗަކަށެވެ. އަނެއްބައި ފަހަރު ފަނޑިޔާރަކަށެވެ.

" އަމިއްލައަށް މައުޟޫތައް ކަނޑައަޅައިގެން އެ މައުޟޫއަށް ބޭނުންވާ މައުލޫމާތު އެއްކޮށްގެން ޕްރެކްޓިސް ކުރަނީ" ޒުހާ ބުންޏެވެ.

ޒުހާ ބުނީ މުބާރާތަށް ދިޔައިރު ވަނައަކަށް އުއްމީދު ކުރި ކަމަށާއި އެކަމަކު މުޅި މުބާރާތުން އެއްވަނަ ލިބިދާނެ ކަމަށް އެއްގޮތަކަށް ވެސް ހިތަކަށް ނާރާ ކަމަށެވެ.

" ވަނައެއް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް. އެ އިތުރުބާރު ވެސް އޮވެގެން މުބާރާތަށް އެރީ. އެކަމު މުޅި މުބާރާތުން އެއްވަނަ ލިބުން އެއީ ސްޕަރައިޒެއް" ޒުހާ ބުންޏެވެ.

ޒުހާގެ މަންމަ މަރިޔާމް ސާޖިދާ އުއްމީދު ކޮށްގެން ހުރީ މުބާރާތުގެ އެއްވަނަ ނޫނީ ދެވަނައިގެ ތެރޭގައި ޒުހާ ހިމެނޭނެ ކަމަށެވެ. ދަރިފުޅަށް އައި ކުރިއެރުމާއި ކުރި މަސައްކަތާއި ހުނަރު އެންމެ ކައިރިން ފެނުނީ އޭނާ އަށެވެ.

މި ފަހަރުގެ މުބާރާތުގައި ތިން މައުޞޫއަށް ޒުހާ ވާހަކަ ދެއްކިއެވެ. ފުރަތަމަ ދެއްކީ ތަރިކަ ހިމާޔަތް ކުރަން ވީ ކީއްވެ؟ އެ މަޢުޟޫއަށެވެ. އަރުތަ ބުރުގައި ފުރަތަމަ ދެއްކީ " ކުޅަދާނަ ވާހަކަ ދެއްކުންތެރިއަކަށް ވޭވޭނީ؟" އެ މައުޟޫއަށެވެ. ދެން ވާހަކަ ދެއްކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

ޒުހާ ބުނީ، އެންމެ ބޭނުންވި ގޮތަށް އެންމެ ފަސޭހައިން ވާހަކަ ދެއްކުނީ ތަރިކަ ހިމާޔަތް ކުރުމާ ބެހޭ ގޮތުންނެވެ.

ޒުހާ ބުނީ، ވާހަކަ ދައްކަން ސްޓޭޖް މައްޗަށް އަރާކަށް މިހާރު ޖެހިލުމެއް ނުވެއެވެ. ސްޓޭޖް ބިރެއް ނުހުރެއެވެ. އެ ކަން ފިލައި ދިޔައީ ޤުރުއާން މުބާރާތުގައި ބައިވެރިވާން ފެށިފަހުންނެވެ.

އިންޓަރ ސްކޫލްގައި ފުރަތަމަ ފަހަރަށް ބައިވެރިވެ ލިބުނު އެއްވަނައާއެކު ޒުހާގެ އުއްމީދަކީ ޤައުމީ މުބާރާތުން އެފަދަ ވަނައެއް ހޯދުމެވެ.

ޒުހާ ބުނީ، އޭނާގެ ކާމިޔާބީއަށް ﷲ އަށް ޙަމްދު ކުރާ ކަމަށާއި މަންމައާއި ބައްޕަ، އޭނާގެ ކުރިއެރުމަށް ކޮށްދިން މަސައްކަތްތަކަށް ހިތުގެ ލޯތްބާއެކު ޝުކުރު އަދާކުރާކަމެވެ. އަދި އެ ޝުކުރުގައި ސްކޫލާއި ސްކޫލުގެ ޓީޗަރުން ކޮށްދިން މަސައްކަތްތައް ވެސް އޭނާ ފާހަގަ ކުރިއެވެ.

" މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތަށް ބަލާއިރު ސްކޫލުގެ ޓީޗަރުން ކޮށްދިނީ ބުރަ އެހާމެ މުހިންމު މަސައްކަތްތަކެއް. ކުރިއަށް އޮތް ތަނުގައި ވެސް ސްކޫލަށާއި މައިންބަފައިން ފަޚުރުރިވާ ފަދަ ވަނަތަކެއް ހޯދުމަކީ އެއީ އަމާޒެއް" ޒުހާ ބުންޏެވެ.

ޒުހާ ބުނީ، އޭނާ އެންމެ ބޭނުންވަނީ، ކޯޗެއްގެ އެހީތެރިކަމާއެކު ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީ ކުރުމެވެ. ރަނގަޅު ކޯޗެއްގެ އެހީތެރިކަން ލިބިއްޖެނަމަ ޤައުމީ މުބާރާތްތަކުން ވަނަތައް ހޯދޭނެ ކަމަށް ޒުހާ ދެކެއެވެ.

ޒުހާގެ "ޑްރީމް"އަކީ ކިޔަވައިގެން އަމިއްލަ އިންސްޓިޓިއުޓެއްގެ ތެރެއިން ފުރުޞަތު ތަކެއް ދަރިވަރުންނަށް ހޯދައިދިނުމެވެ. ދީނީ އިލްމާއި ޤައުމީ ކަންކަމަށް ޝަޢުޤު އުފެއްދުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *