ސްކޫލް ތަރި ޒަލަފު: އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދަން އަޒުމް ކަނޑައެޅީ ގުރޭޑް ދޭއްގައި ކިޔަވަމުން

ތ. އަތޮޅު ގުރައިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ފާއިތުވި ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރަކީ ހުސައިން ޒަލަފު ބިން މުޙައްމަދު ޝާފީއެވެ. އެ މަޤާމް ހޯދަން އޭނާ އަޒުމް ކަނޑައެޅީ ގުރޭޑް ދޭއްގައި ކިޔަވަމުން ދިޔައިރުއެވެ.

ގުރޭޑް ދޭއްގައި ކިޔަވަމުން ދިޔައިރު، ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސައަށް ދިއުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ. އެ ޖަލްސާގައި، ސްކޫލުން އެއްވަނަ ހޯދި ދަރިވަރު އިނާމް ހިފައިގެން ސްޓޭޖުން ފައިބައިގެން ދިޔަތަން ފެނުނީމާ އެ މަޤާމް ހޯދަން އޭނާ ވެސް ބޭނުންވިއެވެ. ގެއަށް ގޮސް މަންމަ ކައިރީގައި އެވާހަކަ ބުނަން ވެސް ބުންޏެވެ.

" މަންމަ ކައިރީގައި އެރޭ ބުނިން. ސްޓޭޖްމަތިން އެއްވަނަ ދަރިވަރުގެ ގޮތުގައި ދާތަން، އިންޝާ ﷲ، މަންމަމެންނަށް އަދި ފެންނާނެއޭ" އެއްވަނަ ދަރިވަރުގެ އިނާމް ހިފައިގެން ޒަލަފު ފޭބިއިރު އެ މަންޒަރު ބަލަން އޭނާގެ މަންމަ އިނެވެ. މަންމައަށް ފެނުނީ އަހަރުތަކެއް ކުރިން އެނާގެ ދަރިއަކު ދެކުނު ހުވަފެނެވެ. އެ ހުވަފެނުގައި ކުލަޖައްސަން ކުރި މަސައްކަތެވެ.

ޒަލަފަކީ ތ. އަތޮޅު މަދަރުސާގެ ފާއިތުވި ދިރާސީ އަހަރުގެ ކެޕްޓަނެވެ. އެ މަޤާމް ލިބުނީ ވެސް ވާދަވެރި ރޭހަކުންނެވެ. އޭނާ އާ ވާދަކުރި ދަރިވަރުންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

" އެއީ ވެސް ހަނދާން ނައްތާލަން އުނދަގޫވި ދުވަހެއް. އެހެން ކުއްޖަކަށް ލިބޭނެކަން އަމިއްލައަށް ނިންމައިގެން ހުއްޓައި ލިބުނީ"

ޒަލަފު ބުނީ އޯލެވެލްގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ކަމަށެވެ. އެ ދުވަސްވަރު ދިމާވި ކަންތައްތަކެއްގެ ސަބަބުން ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރީ ކަމަށެއެވެ. އެހެންވެ އޯލެވެލްއަށްވުރެ މާ ރަނގަޅު ނަތީޖާއަކަށް އޭލެވެލްގައި އޭނާ އުއްމީދު ކުރެއެވެ.

ސާނަވީ އިމްތިޙާނުން ޒަލަފަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނައެވެ.

ޑޮކްޓަރީކަން ކިޔެވުމުގެ އަޒުމުގައި، ޒަލަފު ދަނީ ވިލާ އިންޓަރނޭޝަނަލް ހައި ސޫލުން އޭލެވެލްއަށް ކިޔަވަމުންނެވެ. އޯލެވެލްއާ އަޅާބަލާއިރު އޭލެވެލްގައި ކިޔަވަން މިހާރު މާ ފަސޭހައެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ ދުރާލާ ދަނީ ތައްޔާރު ވަމުންނެވެ. އޭނާގެ އުއްމީދަކީ އޭލެވެލްއިން ރަނގަޅު ނަތީޖާއެކެވެ. އޭގެ ފަހުން ޑޮކްޓަރީކަން ކިޔަވައިގެން ޤައުމަށް ޚިދުމަތް ކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *