ރިނބުދޫ ސްކޫލުން އެސްކޫލުގެ ދަރިވަރުންނަށް ލައިފް ސްކިލްސް ޕްރޮގްރާމެއް ފަށައިފިއެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ކުރިއަށްގެންދާ ލައިފް ސްކިލްސް ޕްރޮގްރާމްގައި ދިރިއުޅުމުގައި ބޭނުންވާ ކޮންމެވެސް ކަހަލަ މަސައްކަތެއް ދަސްކޮށްދިނުމަށް ކުދިންނަށް އެހީތެރިކަންދޭނެކަމަށް ސްކޫލުން މައުލޫމާތުދެއެވެ.

އިތުރު މައުލޫމާތު ދެއްވަމުން ރިނބުދޫ ސްކޫލުގެ މީޑިއާ ކޯރޑިނޭޓަރ ޙުސެއިން ރަޝީދު ވިދާޅުވީ އެލްކޭޖީން ފެށިގެން ގްރޭޑް 3 ގެ ހުރިހާ ދަރިވަރުންނަށް ފުރަތަމަ ހަފްތާގައި ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އަށް ދަތް އުނގުޅަން ޖެހޭ ގޮތަށް ދަތް އުނގުޅަން ދަސްކޮށްދިނުމުގެ ސެޝަނެއްކަމަށެވެ. އަދި އިއްޔެގެ ސެޝަންގައި ކުދިންނަށް ކުޅި ސޭންޑްވިޗާއި ފޮނި ސޭންޑްވިޗް ތައްޔާރުކުރަން ދަސްކޮށްދީފައިވާ ކަމަށާއި އިއްޔެގެ އިންޓަރވަލް ގަޑީގައި ކުދިންގެ ނާސްތާއަށް ބޭނުންކޮށްފައިވަނީ ކުދިން އަމިއްލައަށް ތައްޔާރުކުރި ސޭންޑްވިޗްކަމަށް ޙުސެއިން ރަޝީދު ވިދާޅުވިއެވެ. ކުދިންނަށް ސޭންޑްވިޗް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ރިނބުދޫން ކަމުގެ ފަންނީ ބޭފުޅުންނާއި ސްކޫލުގެ މުދައްރިސުންގެ އެހީތެރިކަންވެސް ވަރަށް ފުރިހަމައަށް ލިބިގެންދިޔަކަމަށް މައުލޫމާތު ލިބެއެވެ.


މި ގްރޭޑްތަކުގެ އިތުރުން ގްރޭޑް 4 ން 8 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔައީ ގެއިން އެއްޗެހިގެނެސް މަސްހުނި މޮޑޭނެ ގޮތްކަމަށެވެ. ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު އެ ހަރަކާތް ނިންމާ އެކުދިންގެ އިންޓަވަލް އަށް ވެސް ބޭނުންކޮށްފައިވަނީ އަމިއްލަ އަށް ތައްޔާރުކުރި މަސްހުނިކަމަށް ސްކޫލުން މައުލޫމާތުދެއެވެ. މީގެ އިތުރުން ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައިވަނީ ފައިވާން/ބޫޓް ބަހައްޓާ ހަރު ހެދުން ކަމަށާއި އެމަސައްކަތް ނިންމާ މިހާރު ދަށް ގްރޭޑްތަކުގެ ކްލާސްތަކަށް ހަރު ފޯރުކޮށްދީފައިވާނެކަމަށް ޙުސެއިން ރަޝީދު ވިދާޅުވިއެވެ. އެމަސައްކަތުގައި ސްކޫލުގެ ފިރިހެން މުދައްރިސުންގެ އެހީތެރިކަން ވަރަށް ފުރިހަމަ އަށް ލިބިގެންދިޔައެވެ.


ލައިފް ސްކިލްސް ޕްރޮގްރާމްގައި އަންހެންކުދިންނާއި ފިރިހެންކުދިން ވެސް މައްޗަށް އަރާ ބޮކި ނައްޓުވާ ބޮކި ހަރުކުރުމަށް ދަސްކޮށްދިނުމާއި ޚާއްސަކޮށް އަންހެންކުދިންނަށް ފެހެމާއި ކޭކު އަޅަން ދަސްކޮށްދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދަން ރާވަމުން އަންނަ ކަމަށް ސްކޫލުން މައުލޫމާތުދެއެވެ.
advertisment
ހިޔާލު