ދިވެހި މާއްދާއިން އޭ ސްޓަރއެއް ނުލިބިދާނެ ކަމަށް އޮތް ބިރު ކަނޑުވާލަ ދިނީ ދިވެހި މުދައްރިސް

ދުވާފަރުގައި ހުންނަ ރ. އަތޮޅު މަދަރުސާއިން އޯލެވެލް ނިންމި އަބްދުﷲ ފިރުޒާން އަޙްމަދަށް، ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ނޭރުނީ ދިވެހި މާއްދާއިން އޭ ސްޓަރއެއް ނުލިބުމުންނެވެ. ހަތް މާއްދާއިން އޭ ސްޓަރ ހޯދުނުއިރު އޭނާއަށް ދިވެހިން ލިބުނީ އޭ އެކެވެ. އެހެންވެ ސާނަވީން ލިބުނު ޤައުމީ ގަދަ ދިހައެއްގެ ދެވަނަ މަޤާމާއެކު މަތީ ސާނަވީގައި ކިޔަވަން ފެށިއިރު ވެސް އޭނާގެ ހިތުގައި، އެ  ނުތަނަސްކަން އޮތެވެ.

ރަށުން އޭލެވެލްއަށް ކިޔެވެން ނެތުމާއެކު ފިރުޒާން ވަނީ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށެވެ. ރަށުގެ ހިތްގައިމު މާހައުލުގައި ކިޔެވުމަށްފަހު، މާލެއަށް ބަދަލުވެ ގުރޭޑް 11ގެ ފުރަތަމަ ސެމިސްޓަރގައި ނެރެވުނު ނަތީޖާއަކީ އޭނާގެ މަދަރުސީ ޙަޔާތުގައި ލިބުނު އެންމެ ދަށް ނަތީޖާއެވެ.

" އޭލެވެލްގެ ފުރަތަމަ ދުވަސްކޮޅު، ގުރޭޑް 11ގެ ފުރަތަމަ ޓާމުގައި މާއްދާތަކުގެ އެވްރެޖް ހުރީ 76 އިންސައްތައިގައި. އެ ހިސާބުން ވަރަށް ބޮޑަށް ވިސްނަން ޖެހުނު. އެއީ ހަޔާތުގައި ވެސް އެހާ ދަށަށް ދިޔަ ފުރަތަމަ ފަހަރު. އެއީ އެއްގޮތަކަށް ވެސް ]އުއްމީދު[ ކުރި ނަތީޖާއެއް ނޫން" ފިރުޒާން ބުންޏެވެ.

" ނަތީޖާ ބަދަލުކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރީ. އޭގެ ނަތީޖާއެއްގެ ގޮތުން ގުރޭޑް 12އާ ހަމައަށް އައިއިރު 85 އިންސައްތަ އަށް އެވްރެޖު ޖެއްސުނު. އަލްހަމްދުލިﷲ ވަރަށް ރަނގަޅޭ ބުނެވޭނީ، އެ ހިސާބުން ހިތަށް ފިނިކަމެއް ލިބެން ފެށީ"

ފިރުޒާން ބުނީ، ސާނަވީ ދުވަސްވަރު، ކޮވިޑް 19 އާ އެކު އޮންލައިންކޮށް ކިޔަވަން ޖެހުމުން ވަރަށް ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ސްކޫލަށް ނުދެވި ޓީޗަރުންނާ ދުރުވެ، "އެހެން މޯޑެއްގައި" ކިޔަވަން ޖެހުނީމާ ފިލާވަޅުގައި ބުނާއެއްޗެއް ނަގައިގަންނަން ވަރަށް އުނދަގޫވި ކަމަށެވެ. އެ މަރުހަލާއިން އަރައިގަނެވުނީ ސްކޫލަށް ދާންފަށައި ޓީޗަރުންނާއެކު މަސައްކަތް ކުރަން ފެށުމުން ކަމަށް ފިރުޒާން ބުންޏެވެ.

ކިޔެވުމުގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނަސް ފިރުޒާން ޤަވާއިދުން ކުރާކަމަކީ މަދުވެގެން އަށް ގަޑިއިރު ނިދުމެވެ. ހޭލައި ހުރެ ފިލާވަޅުތައް ދަސްނުކުރުމެވެ. ނިދި ހަމަވުމަކީ ކިޔަވާ ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތުގެ ގޮތުގައި އޭނާ ސިފަކުރީ ސަބަބެއް އޮވެގެންނެވެ.

" ހަމަނިދި ލިބުނީމާ މީހާ ހަމައަކަށް އެޅޭނީ. މީހާ ހަމައަކަށް ނޭޅި ފިލާވަޅުގެ ތެރެއަށް، ކުލާހުގައި މުދައްރިސް ކިޔަވައިދެއްވާ އެއްޗެއްގެ ތެރެއަށް ސީދާ ގޮތެއްގައި ނުވަދެވޭނެ. ފިލާވަޅު ނަގައިދޭ ގަޑިއަކީ ވަރަށް މުހިންމު ވަގުތެއް. އެއީ ފިލާވަޅުގެ ފެށުން، ފެށުން ރަނގަޅުވެއްޖެ ނަމަ އިތުރަށް ކުރަން ޖެހޭ މަސައްކަތް ކުޑަވާނެ" ފިރުޒާން ބުންޏެވެ.

ސްކޫލުން ގެއަށް އައިސް، ކިޔެވުމުގެ ކުރިން ކުޑަ ވަގުތުކޮޅެއްގައި ނަމަވެސް އަރާމު ކޮށްލުމަކީ ފިރުޒާނުގެ އާދައެކެވެ. އެހެން ހެދީމާ ކިޔަވަން ފަސޭހައެވެ. ކޮންމެ ދުވަހަކު ދޭ ފިލާވަޅު އެ ދުވަހަކު ފިޒުޒާން ނިންމައެވެ. ކޮންމެ ދުވަހަކު މަދުވެގެން ދިހަ މިނެޓް، ކުރީގެ ފިލާވަޅުތައް މުޠާލިއާ ކުރުމަށް ޚާއްޞަ ކުރެއެވެ.

ފިރުޒާނަށް ފިލާވަޅު ދަސްކުރަން ފަސޭހައީ ފަތިސް ގަޑީގައެވެ. އަވަހަށް ނިދާފައި އަވަހަށް ތެދުވަނީ އެހެންވެއެވެ. އެއީ އާންމުކޮށް ކިޔަވަން އޭނާ ތަވާލު ކޮށްފައި އޮންނަ ވަގުތެކެވެ.

ފިރުޒާން ބުނީ އޯލެވެލްއާ އަޅާބަލާއިރު އޭލެވެލްގެ ކޮންޓެންޓް ބޮޑަސް، ކިޔަވަން އިންޓްރެސްޓް ހުރީ އޭލެވެލްގައި ކަމަށެވެ. ނަތީޖާ ހޯދަން ވެސް ފަސޭހައީ އޭލެވެލްގައި ކަމަށެވެ.

" އޯލެވެލްއަށްވުރެ ނަތީޖާ ނެރެން ފަސޭހައީ އޭލެވެލްގައި. އޭލެވެލްގެ ސިލަބަސް ބޮޑުވިޔަސް ކިޔަވާ ވަރަކަށް އިންޓްރެސްޓް އުފެދެނީ"

އޯލެވެލްގައި ދިވެހިން ލިބުނު ނަތީޖާއާއެކު އޭލެވެލްއިންއިން އެއްވަނަ ހޯދަން، ދިވެއްސަށް ޚާއްޞަ ސަމާލުކަމެއް ފިރުޒާން އައީ ދެމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަށް އުއްމީދު ކުރެވެން އޮތީ ވެސް ދިވެއްސާމެދު އޭނާއަށް ކުރެވޭ މަސައްކަތެއްގެ މައްޗަށް ކަމަށް ފިރުޒާން ޤަބޫލުކުރިއެވެ. އެހެންވެ އެހެން އެއްވެސް މާއްދާއަކަށް ނުދޭ ސަމާލުކަމާއި މަސައްކަތް ވެސް އިތުރު ކުރިއެވެ.

" ރިސްކެއް ނެގޭކަށް ނެތް. ޕްރެޒިޑެންޓް ސްކޮލަރޝިޕް ބޭނުން ކަމަށް ވަންޏާމު. އިސްލާމާއި ދިވެއްސަށް ވެސް މަސައްކަތް ކުރަން ޖެހޭ. ދިވެއްސަށް މާ ބޮޑަށް ސަމާލުކަން ދިނުމުން އެހެން މާއްދާތަކަށް އޭގެ ނޭދެވޭ އަސަރު ކުރާ ހިސާބަށް ވެސް ދިޔަ"

ފިރުޒާން ބުނީ، ދިވެހިން އޭ ސްޓަރއެއް ނުލިބިދާނެ ކަމުގެ ބިރު އަބަދުވެސް އޮތް ކަމަށާއި އެ ބިރު ކަނޑުވާލަދިނީ މުދައްރިސް ކަމަށެވެ. އޭނާގެ އަތުގައި ހިފައިގެން ދިވެހި މާއްދާއިން " ސްކޯ" ނުކުރެވިދާނެ ކަމަށް އޮތް ބިރު ކަނޑުވާލަދީ، އޭ ސްޓަރއެއް ހޯދޭނެ ކަމުގައ ޔަޤީންކަން ހޯދާއި ދިނީވެސް ދިވެހި މުދައްރިސް އިބްރާހިމް ރާމިޒު (ރާމިޒު ސަރ) ކަމަށް ފިރުޒާން ބުންޏެވެ.

ފިރުޒާން ދިޔައީ ކޮންމެ ހަފުތާ ބަންދުގައި ދިވެހި މާއްދާއަށް ޕްރެކްޓިސް ކުރުމުގެ ގޮތުން މަދުވެގެން ދެ ލިޔުން ލިޔެ މުދައްރިސަށް ދައކައިގެން އެ މާކު ވެސް ކުރަމުންނެވެ. އެކަމުގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ރާމިޒު ސަރ ދެއްވި ކަމަށް ފިރުޒާން ބުންޏެވެ.

" ރާމިޒު ސަރ ކިޔައިދޭނެ އިމްޕްރޫވް ކުރަން ކުރަން ޖެހޭ ކަންތައްތަކާއި ލިޔުމުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަންތައްތައް. ދޭހަ ވެސް އެއީ ވަރަށް އުނދަގޫ އެއްޗެއް. އެކަމަށް ވެސް ސަރގެ އެހީ ވަރަށް ބޮޑަށް ލިބުނު"

ކިޔަވާ ކުއްޖަކަށް ރަނގަޅު ޓީޗަރެއް ލިބުން އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ސިފަކޮށް، ކިޔަވައިދެއްވި ހުރިހާ ޓީޗަރުން ވެސް ވަރަށް ގާތްކޮށް ރަނގަޅު ނަތީޖާ ހޯދައިދޭން މަސައްކަތް ކުރެއްވި ކަމަށް ފިރުޒާން ބުންޏެވެ.

ފިރުޒާން ބުނީ، ސާނަވީ އިމްތިޙާނުގެ ނަތީޖާ ލިބުމުން އޭނާއަށް ލިބުނީ، ކުއްލި ހައިރާން ކަމެކެވެ. އޯލެވެލްގައި ދިވެހިން އޭ އެއް ނުލިބިގެން ލިބުނު ހިތްދަތިކަމަށް ހޯދުނު ފަރުވާއަކީ ސާނަވީން އޭ ސްޓަރ ހޯދުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބުމެވެ.

" ވަރަށް އުފާވި، ޚާއްޞަކޮށް މަންމައާއި ބައްޕަ އަދި އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް އެއީ"

އިސްލާމިކް ބޭންކިންގ ފައިނޭންސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފިރުޒާން ބުނީ، އެކައުންޓިންގ އިން ދުނިޔޭގެ ވަނައަކަށް އޭނާ އުއްމީދު ކުރި ކަމަށާއި އެކަމަކު އެ ހިސާބަށް ނުދެވުނު ކަމަށެވެ. ސަބަބެއް ކަމަށް ބުނީ، އެންމެ އެކަށީގެންވާ ގޮތަށް ޕްރެކްޓިސް ނުކުރެވުން ކަމަށް މިހާރު ޤަބޫލު ކުރެވޭ ކަމަށެވެ.

އޭލެވެލްއަށް ކިޔަވަމުންދާ ދަރިވަރުންނަށް، ނަޞޭހަތެއްގެ ގޮތުން ފިރުޒާން ބުނީ، ކޮންޓެންޓް ފަހުމްވުން މުހިންމު ކަމަށާއި ފިލާވަޅުތައް ރިވައިސް ކުރަން ކޮންމެ ދުވަހަކު ވަގުތުކޮޅެއް ހޭދަކުރުމަށެވެ. އަދި އޭލެވެލްގައި "އެސޭ ސުވާލު"ތައް ގިނައިން އަންނާނެތީ އެކަމަށް ސަމާލުކަން ދީގެން ޖަވާބުދޭން ތައްޔާރު ވުމަށް ވެސް ފިރުޒާން މިހާރު ކިޔަވަމުންދާ ކުދިންނަށް ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *