ލ ގަމު މުކުރިމަގު ސްކޫލުގެ ދަރިވަރުންނަށް ރާޒުވާ، ޓޭބަލް ޓެނިސް އަދި ކެރަމްގެ ހުނަރު ތަރައްގީ ކުރުމަށް ޚާއްސަ ޚަރަކާތެއް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މުކުރިމަގު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޝަރީފް ވިދާޅުވީ ސްކޫލުގެ މައިގަނޑު ކުޅިވަރުތަކަކީ މި 3 ކުޅިވަރުތައްކަމަށް ބަލައި ދަރިވަރުންގެ މެދުގައި ސީދާ މި ކުޅިވަރުތަކުން ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދިނުމުގައި ފެށި މި ހަރަކާތުގައި ކުދިންގެ ފަރާތުން ވަރަށް ބޮޑު ޝައުގުވެރިކަމެއް ފެނިގެން ދާކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު ކުޅިވަރުތަކަކީ ކެރަމް، ރާޒުވާ، ޓީޓީ. މިހެން ދެންނެވި ނަމަވެސް އެހެން ކުޅިވަރުތައް ވެސް ސްކޫލުގައި ކުރިއަށް ގެންދާނެ. ނަމަވެސް އެ ތިންކުޅިވަރު ކުރިއެރުވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން ކުރިއަށް އޮތްތަނުގަ." ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ޕްރިންސިޕަލް އިތުރަށް ވިދާޅުވީ އެ ވިސްނުމަކީ މިދިޔަ އަހަރުވެސް ގެންގުޅުއްވި ވިސްނުމެއްކަމަށާއި މިދިޔަ އަހަރު އެކަންތައް މަޑުޖެހިފައި އޮތީ ކޮވިޑްގެ ހާލަތާ ގުޅިގެންކަމަށެވެ. ސްކޫލުގައި މިކުޅިވަރުތައް ކުރިއަށް ގެންދިޔުމުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭކަމަށާއި މުސްތަގްބަލުގައި ކޯޗުން ފޮނުވައިދީ އިތުރު ޓްރެއިނިންގތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން އެސޯސިއޭޝަންތަކުން ދެއްވާފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
"މިވަގުތު ކުދިންނަށް ޗެސް ކިޔައިދެއްވަމުން މި އަންނަނީ މިކަމުގައި ރަށުގައި ވަރަށް ފުންނާބު އުސް ދެބޭފުޅުން. އެއީ މޫސާ އަބްދުﷲ އަދި މުޙައްމަދު ޝުފިޔާން. އެދެބޭފުޅުން ވަރަށް ޝައުގުވެރިކަމާއެކު ކުދިންނަށް އެހީތެރިވަމުން އަންނަކަން ފާހަގަކޮށްލަން." ޕްރިންސިޕަލް ޝުކުރުވެރިކަމާއެކު ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލަށް ކެރަމްބޯޑް ހަދިޔާ ކޮށްފައިވަނީ ސްކޫލުގެ އިސްދަރިވަރުންނާއި މުވައްޒަފުން ގުޅިގެން ކަމަށްވާތީ ޕްރިންސިޕަލް ވަނީ އެފަރާތްކަށް ޝުކުރު އަދާކޮށްފައެވެ.
ހިޔާލު