ޖަޕާންސް ގްރާންޓް އެސިސްޓެންސް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (GGP) ގެ އެހީގައި ޖަޕާން ސަރުކާރުން ގއ. މާމެންދޫ ސްކޫލާއި ރ. އަނގޮޅިތީމު ސްކޫލް އަޕްގްރޭޑް ކުރުމަށްޓަކައި 2.8 މިލިއަން ރުފިޔާގެ އެހީއެއް ދެއްވައިފި އެވެ.
މި އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ، ހަރ އެކްސެލެންސީ ޔަނާއީ ކެއިކޯ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ޖަޕާން އެމްބަސީގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިތުރުން، ފޮރިންގ މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ގއ. މާމެންދޫ ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ވާރޗުއަލްކޮށް ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އާޒިމް ޢަބްދުﷲއެވެ. ޖަޕާން ގެ ފަރާތުން ސޮއިކުރެއްވީ އެމްބެސެޑަރ ހަރ އެކްސެލެންސީ ޔަނާއީ ކެއިކޯ އެވެ.
ރ. އަނގޮޅިތީމު ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އަޙްމަދު ޢަބްދުﷲ އެވެ. މި އެއްބަސްވުމުގައި ޖަޕާން ގެ ފަރާތުން ސޮއިކުރެއްވީ އެމްބެސެޑަރ ހަރ އެކްސެލެންސީ ޔަނާއީ ކެއިކޯ އެވެ.
ކޮންމެ ސްކޫލަކަށް ވެސް އެހީގެ ގޮތުގައި 1,396,604.82 ލިބިފައިވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކުގައި ބިނާ ކުރާ ޢިމާރަތްތަކުގެ މަސައްކަތް ކުރިއަށްދާނީ ސްކޫލްތަކާއި ޖަޕާން އެމްބަސީއާއި ގުޅިގެންނެވެ.
ވޭތުވެދިޔަ އަހަރު ތަކުގައިވެސް ޖަޕާނުން ވަނީ ސްކޫލްތައް އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރ ކެއިކޯ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތާވެސް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސްކޫލްތަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިއީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެމްބެސެޑަރ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ޕާރމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވަނީ ޖަޕާނުން މި ދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، ޖަޕާން އެމްބަސީއަށާއި ޖަޕާނުގެ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފަ އެވެ.
advertisment
ހިޔާލު