ކެންސަރު ބައްޔާ ގުޅިގެން ދިމާވި ކަންތައްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކުއްލިއަކަށް ހާލުދެރަވެ ދަރަނބޫދޫ ސްކޫލޫގެ މުދައްރިސް ސުނާ އަޙްމަދު ( ސުނާ މިސް) 28އ، ނިޔާވުމަކީ އެ ސްކޫލާއި ރަށަށް ލިބުނު ކުއްލި ހިމޭން ކަމެކެވެ.
ސުނާ މިސް ނިޔާވީ ހޮނިހިރު ދުވަހުގެ ރޭ 10:45 ހާއިރުއެވެ. ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ދިމާވި އިތުރު ކަންތައްތަކަށް އިންޑިޔާގެ ޗެންނާއީގައި ހުންނަ މިއޮޓް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށެވެ.
މި މަހުގެ އެއްވަނަ ދުވަހު އިންޑިޔާއަށް ދިޔައީ, ވެސް އެއްޗެއް ނުކެވުމާއި އެއްޗެއް ކަރުތެރެއަށް ދާއިރަށް ހޮޑުލެވެވުމާއި ހަށިގަނޑުގަ ވަރު ނުހުންނާތީ ކަމަށް ސުނާ މިސްގެ އާއިލާއިން ބުނެއެވެ.
ސުނާ މިސްއާ އާއިލީ ގޮތުން ތިމާގެ ބޭފުޅެއް ކަމުގައިވާ ދަރަނބޫދޫ ސްކޫލުގެ ޕްރިންސިޕަލް ހަސަން އާދަމް ދަރިވަރު ނޫހަށް ވިދާޅުވީ، ސުނާ، ނިޔާވުމުގެ ދެ ގަޑިއެއްހާއިރު ކުރިން ހާލު ވަރަށް ސީރިއަސްވެ އޮކްސިޖަން ލެވެލް ދަށްވާން ފެށި ކަމަށެވެ.
" ހާލަތު ގޯސްވެ އޮކްސިޖަން ލެވެލްދަށްވާން ފެށީ. އޭގެ ދެގަޑިއެއްހާއިރު ފަހުން ނިޔާވީ" ހަސަން ވިދާޅުވިއެވެ.
ސުނާ މިސްގެ އާއިލާއިން ބުނީ، ކެންސަރުގެ ވޭނުގައި އުޅުމަށްފަހު، ބޯންމެރޯ ހަދައިގެން ކެންސަރު ބަލި ހަށިގަނޑުން އެކީ ފިލައިގެން ދިޔަ ކަމަށާއި، 2022 ވަނަ އަހަރުގެ ފަހުކޮޅު ހެއްދި ޕެޓް ސްކޭނުން ވެސް ކެންސަރުގެ އަލާމާތެއް ފެންނަން ނެތް ކަމަށެވެ.

" ކެންސަރު ބައްޔަށް ކުރި ފަރުވާގެ ތެރެއިން ދިމާވި ކަންތައްތަކެއްގެ ސަބަބުން ނޭވާލާން އުނދަގޫވާން ފެށީ. ފަހުން އެ ވޭނުގައި އުޅުނީ" ސުނާ މިސްއާއެކު އިންޑިޔާއަށް ވަޑައިގެންނެވި ހަސަން ވިދާޅުވިއެވެ.
ދަރަނބޫދޫ ސްކޫލުން ކިޔެވި ސުނާ މިސް، ޑިޕްލޮމާ ނިންމާފައި މުދައްރިސެއްގެ ގޮތުގައި އެ ސްކޫލާ ގުޅުނީ 2021 ވަނަ އަހަރުއެވެ. އެންމެ ފަހުން ކިޔަވައި ދެމުން ގެންދިޔައީ ގުރޭޑް 1ން 3އަށް އިނގިރޭސި މާއްދާއެވެ.
ދަރަނބޫދޫ ސްކޫލޫގެ ލީޑިންގ ޓީޗަރު ޝިފާނާ އަހުމަދު ވިދާޅުވީ، ކެންސަރު ބަލީގައި އުޅެމުން ކިޔެވުމަށް ޚާއްޞަ ސަމާލުކަން ސުނާ ދިން ކަމަށާއި ފުރަތަމަ ފަހަރަށް ޑިގްރީއަށް ކިޔަވަން ކުރި މަސައްކަތް ކުރިއަށް ނުގެންދެވުމުން ދެވަނަ ފަހަރަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރި ކަމަށެވެ.
" ބަލީގެ ހާލަތުގެ ގޮތުން ކުރިއަށް ނުގެންދެވިގެން އެމްއެންޔޫއިން ފެށި ޑިގްރީ ކޯސް ހުއްޓާލީ. އޭގެ ފަހުން ހިތްވަރު ކޮށްފައި ބަލީގެ ވޭނުގައި އުޅެމުން، ސްކޫލުގައި ބުރަކޮށް މަސައްކަތް ކުރަމުން ޑިގްރީ ޙާޞިލްކުރީ" ޝިފާނާ ވިދާޅުވިއެވެ.
ތިން އަހަރުގެ ބެޗްލަރ އޮފް ޓީޗިންގ، ޕްރައިމަރީ އެންޑް މިޑްލް ސްކޫލް ކޯސް މަންދު ކޮލެޖުން މިދިޔަ އަހަރު ނިންމައި، ސުނާ މިސް ދަސްވެނިވީ މި އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.
ޝިފާނާ ވިދާޅުވީ، ކިޔަވައިދިނުމަށް ތައްޔާރުވާން ވަރަށް ގިނަ ވަގުތު ސުނާ މިސް ހޭދަކުރާ ކަމަށާއި ކުލާހަށް ވަންނަން ބޭނުންވާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
" ވަރަށް ގިނަ ވަގުތު ކުދިންނާއެކު ސްކޫލުގައި ހޭދަކުރަން ބޭނުންވާ ވާހަކަ އަބަދުވެސް ބުނޭ. ކުދިންނަށް ރަނގަޅު ބަދަލެއް ގެންނަން އަބަދުވެސް މަސައްކަތްކުރާނީ. ވަރަށް އިޚްލާސްތެރިކަމާއެކު ވަރަށް ގަޔާވެގެން މަސައްކަތް ކުރާނީ ވެސް" ޝިފާނާ ވިދާޅުވިއެވެ.
" ބަލިވެ އުޅުނު އިރުވެސް ވަރަށް ހިތްވަރުކުރާނެ. ހުރިހާ އެންމެންނާ ވެސް ގުޅޭ އަބަދު ވެސް ހުންނާނީ ހިނިތުންވެލާފައި"
ސުނާ މިސްގެ ވަކިވުމަކީ ދަރަނބޫދޫ ސްކޫލާއި އެރަށް ލިބުނު ހަމަހިމޭން ކަމެކެވެ. ސުނާ މިސް އާމެދު ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ ހިތުގައި ވަނީ ލޯތްބާއި އިޙްތިރާމެވެ. ސުނާ މިސް ގެ މަޑުމައިތިރި މިޒާޖާއި ހިތްހެޔޮކަމަކީ، މުވައްޒަފުންނާއި ބެލެނިވެރިން އަދި ދަރިވަރުން އަބަދުވެސް ފާހަގަކުރެއެވެ. ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިންނާއި ދަރިވަރުން ޤަބޫލުކުރަނީ ސްކޫލުން ގެއްލިގެން އެދިޔައީ އަގުނުކުރެވޭ ވަރުގެ އަގުހުރި ދަރިއެއް ކަމެއެވެ. ސްކޫލުގެ މާޙައުލުގައި ހޭދަވާ ކޮންމެ ވަގުތަކީ ސުނާގެ މަތިން ހަނދާން އައުވެ އައުވެ ހުންނާނެ ވަގުތެކެވެ.
advertisment
ހިޔާލު