ބިލެތްފަހި ސުކޫލުގެ ގްރޭޑް 10 ގައި ބައޮލޮޖީ ކިޔަވަމުންދާ ދަރިވަރުން ށ އަތޮޅު މަދަރުސާ އަށް އިތުރު ތަޖުރިބާ ހޯދުމަށްޓަކައި ފީލްޑް ޓްރިޕެއް ގޮސްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ށ.ކަނޑިތީމަށް ކުރި ދަތުރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ބިލެތްފަހި ސްކޫލުގެ ލީޑިންގ ޓީޗަރ އިސްމާއީލް ޝަރީފް ވިދާޅުވީ އެ ސުކޫލަށް ކުރެވުނު ތަޖުރިބާގެ ދަތުރަކީ ކުރިއަށް އޮތް އައިޖީސީއީ އިމްތިހާނަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ބިލެތްފަހި ސްކޫލުގައި ފަހިވެފައި ނެތް ބައެއްކަހަލަ ބައޮލޮޖިކަލް އެކްސްޕެރިމަންޓްތައް ކުރުމުގެ މަގުޞަދުގައި ކުރެވުނު ދަތުރެއްކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބެންނެތް ވަރަށް ގިނަ ވަޞީލަތްތައް ބޭނުންކުރުމުގެ ތަނަވަސް ފުރުޞަތެއް ށ.އަތޮޅު މަދަރުސާއިން ދެއްވި. ދަރިވަރުން ވެސް ވަރަށް ރަނގަޅަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފާ އަމިއްލަ އަށް ގިނަ ކަންތަކެއް ތަޖުރިބާ ކުރި. އުއްމީދުކުރަނީ ކުރިއަށް އޮތް އިމްތިހާންގައި މި ދަތުރުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ ރަނގަޅު ނަތީޖާއެއް ކުދިންގެ ފަރާތުން ފެނިގެންދާނެކަމަށް." އިސްމާއީލް ޝަރީފް ފާހަގަކުރެއްވިއެވެ.

ކަނޑިތީމަށް ކުރި ދަތުރުގައި ބޮޑު އެހީތެރިކަމެއް ލިބިފައިވާތީ ބިލެތްފަހި ސްކޫލުގެ ޕްރިންސިޕަލް އަޒްލީނާ ގާސިމް، އަދި ލީޑިންގ ޓީޗަރ އަލީ ފައިސަލް އާއި ބެލެނިވެރިންނަށާއި ށ.އަތޮޅު މަދަރުސާއިން އެ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ފައިސަލް އާއި، ލީޑީންގ ޓީޗަރުންނާއި ހުރިހާ މުދައްރިސުންނަށް އިސްމާއީލް ޝަރީފް ވަނީ ޝުކުރުދަންނަވާފައެވެ.

އިމްތިހާންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި އެކި ސްކޫލުތަކުގެ މުދައްރިސުން ގެނެސް ބިލެތްފަހި ސްކޫލުގައި ގްރޭޑް 10 ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންދަން ރާވާމުން އަންނަކަމަށް ވެސް އެސްކޫލުން މައުލޫމާތުދެއެވެ.
advertisment
ހިޔާލު