ޕްރީސްކޫލުތައް ފިޔަވައި އެހެން ދަރިވަރުންނަށް ސްކޫލު ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތް: އެޑިއުކޭޝަން މިނިސްޓަރު

ކޮވިޑް 19 ގެ ކޭސްތައް އާދަޔާ ޚިލާފަށް އިތުރުވަމުންދާއިރު، ޕްރީސްކޫލުތައް ފިޔަވައި އެހެން ދަރިވަރުންނަށް ސްކޫލު ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ދުވަހު ނޫސް " މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ހޯދަމުން އަންނަ ކަމަށާއި އެ މިނިސްޓްރީން އަމަލުކުރަމުން ގެންދާނީ އެ އެޖެންސީގެ އިރުޝާދުތަަކަށް ކަމަށެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ބެލެނިވެރިންނާއި ސޯޝަލްމީޑިއާގައި ބައެއް މީހުން ދަނީ ސްކޫލްތައް ބަންދުކުރަން ގޮވާލަމުންނެވެ. ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު، ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނަށް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ސްކޫލުތަކުން ބަލި ފެތުރިފައި ނުވާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރަށް ކައިރިން މޮނީޓާ ކުރަމުން އަންނަކަމަށެވެ. އަދި މިހާލަތުގައި އެންމެ އިސްކަމެއް ދެނީ ވެސް ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތަކާމެދު އެޗްޕީއޭގެ ރުހުން ލިބިފައިވާ ކަމަށާއި، އެޗްޕީއޭގެ އިރުޝާދުތަކަށް ތަބާވެ ބަލި ކޮންޓްރޯލް ކުރުމަށް އެންމެހާ ބޭފުޅުން މަސައްކަތްކޮށްދެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޮނުވުމަކީ ހުރިހާ ދަރިވަރުންނަށް ވެސް އެންމެ ރަނގަޅުގޮތް ކަމަށާއި، ސިއްހީ މާހިރުން އިރުޝާދު ދީފިނަމަ ސްކޫލްތައް ބަންދުކުރައްވާނެ ކަމަށެވެ.

ކޮވިޑްއާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ކިޔަވާ ކުދިންނަށެވެ. ހުސްވި އަހަރުގެ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ސްކޫލް ބަންދުކުރި ގޮތަށް ހުރިހާ ކުދިންނަށް ސްކޫލް ހުޅުވީ ހުސްވި ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުއެވެ. ހުސްވި އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ގުރޭޑް ހަތަކުން ފެށިގެން މަތީގެ ދަރިވަރުނަށް މާލޭގެ ސްކޫލްތަކުގައި ކިޔަވައި ދޭން ފެށިއިރު، އަތޮޅުތަކުގެ ސްކޫލްތަކުގައި، ގުރޭޑް އެކަކުން ފެށިގެން މަތީ ގުރޭޑްތަކުގެ ކުދިންނަށް އައީ ކިޔަވައިދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *