ރ.މީދޫ އުއްމީދު ސްޕޯރޓްސް އެކެޑެމީ ރަސްމީކޮށް ހުޅުވައިފި

ރ.މީދޫ އުއްމީދު ޖަމްޢިއްޔާގެ ފަރާތުން އެރަށުގެ ކުޑަކުދިންނަށް ސްޕޯރޓްސް އެކަޑަމީއެއް ހުޅުވާލާ އެކަޑަމީގެ ކުޅިވަރު ހަރަކާތްތައް އިއްޔެ ފަށައިފިއެވެ.

މީދޫ އުއްމީދު ޖަމްޢިއްޔާގެ ސީދާ ބެލުމުގެ ދަށުން ހިންގާ އުއްމީދު ސްޕޯރޓްސް އެކެޑެމީ އާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ފަވާޒް ވިދާޅުވީ ސްޕޯރޓްސް އެކެޑެމީގެ މަގްސަދަކީ ރ.މީދޫގެ ކުދިންގެ މެދުގައި ކުޅިވަރު އަޚުލާގު ދަމަހައްޓާ ދިރުވާ އާލާކުރުމާއި ކުދިންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ފުރިހަމަ ޞިއްހަތެއްގައި ހެދިބޮޑުވާ ޖީލެއް ބިނާކުރުން ކަމަށެވެ.

ސްޕޯރޓްސް އެކެޑެމީ ކުރިއަށް ދާނީ އެކި އުމުރުފުރާގެ ކުދިން ގުރޫޕްތަކަށް ބަހާލައިގެންކަމަށާއި، އެއީ 7 އަހަރުން ދަށް، 10 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެންކަމަށް ފަވާޒް ވިދާޅުވިއެވެ. ކުޅިވަރުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފަވާޒް އިތުރަށް ވިދާޅުވި އެކެޑެމީގެ ތެރެއިން ފިރިހެން ކުދިންނަށް ފުޓްބޯޅަ، ވޮލީބޯޅަ، ފުޓްސަލް، ބެޑްމިންޓަން، ސްވިމިންގ ފަދަ ކުޅިވަރުތައް ކުރިއަށް ގެންދާއިރު އަންހެންކުދިންނަށްވެސް ވޮލީ ބޯޅަ، ބެޑްމިންޓަން އަދި ސްވިމިންގ އިތުރުން ނެޓްބޯޅަ، ހޭންޑް ބޯޅައިގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކޮށްދޭނެކަމަށެވެ. އެކެޑެމީގެ ހުރިހާ ކުޅިވަރެއްގައި ވެސް ހަރަކާތްތެރިވާނީ އެކުޅިވަރަކަށް ތަމްރީނުވެފައި ތިބި މީދޫގެ ކޯޗުންކަމަށާއި އެކެޑެމީގައި 58 އަންހެން ކުދިންނާއި 80 ފިރިހެން ކުދިންބައިވެރިވެ ޖުމްލަ 138 ބައިވެރިން ހިމެނޭކަމަށް ފަވާޒް ފާހަގަކުރެއްވިއެވެ. މީދޫގެ ފުޓްސެލް ދަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ކުޅިވަރުތައް ފައްޓަވައިދެއްވާ އުއްމީދު ސްޕޯޓްސް އެކެޑެމީ ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ ނ.ހޮޅުދޫ މައިޔޫޓައިލް ސްޕޯޓްސް އެކެޑެމީގެ ޗެއަރަން މޫސާ އިބްރާހީމް އަދި ރ.މީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާރޖް ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޝުހާދުއެވެ.

މީދޫ އުއްމީދު ޖަމްޢިއްޔާ އަކީ އެރަށުގައި ކުރެވޭ އިޖްތިމާއި މަސައްކަތްތަކާއި އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއްކަން ފާހަގަކުރެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *