މިދިޔަ އަހަރު އޭލެވެލް އިމްތިޙާނުން އެއްވަނަ ހޯދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އައިޝަތު ޖަނާން އަޙްމަދުގެ ކިޔެވުމުގެ ހުރިހާ ވެސް އެއްޗަކީ އަމިއްލައަށް ތައްޔާރު ކުރާ ކުރު ނޯޓު ތަކެވެ. އޭލެވެލް އިމްތިޙާން ނިންމާލިއިރު އޭނާ ކިޔަވަން އިންނަ ކޮޓަރީގެ އެއް ބިތް އެކީހެން ފުރިފައި އޮތީ ތަތްކޮށްފައި ހުރި ކުރު ނޯޓު ތަކުންނެވެ. ކިޔެވުމުގައި އޭނާގެ "ސްޓައިލް"އަކީ އެއީއެވެ. ނޭނގޭ އެއްޗިއްސަށް ބޮޑަށް ފޯކަސްކޮށް، އަމިއްލައަށް ކުރު ނޯޓު ހެދުމެވެ.
" ނޯޓުތައް އަބަދުމެ ފެންނަން ހުރުމުން ސިކުނޑީގައި ހަރުލައްވަން ފަސޭހަވޭ" ކިޔެވުމުގައި ނޯޓްސް ފެންނަ ހުންނަން ޖެހޭ ސަބަބު ޖަނާން ކިޔައިދިނެވެ.
ސްކޫލުގައި ކިޔަވައިދޭ ޓީޗަރުންނާއި ޓިއުޝަން ޓީޗަރު ދޭ ނޯޓް ތަކުގެ އިތުރުން އެކުގައި އުޅޭ ކުދިން ނަގާފައި ހުންނަ ނޯޓު ތަކަށް ބަލައިގެން ވެސް ޖަނާން އަމިއްލައަށް ނޯޓްސް ތައްޔާރު ކުރެއެވެ. އަދި ވެބްސައިޓްތައް ބަލައިގެން އިތުރު މައުލޫމާތު ހޯދައި އޭގެ މައްޗަށް ވެސް ކުރު ނޯޓު ތައްޔާރު ކުރެއެވެ. ކިޔުމުގެ ހުރިހާ ކަމެއް ބަރޯސާ ވަނީ އޭނާ އަމިއްލައަށް ތައްޔާރު ކުރާ އެ ކުރު ނޯޓު ތަކުގެ މައްޗަށެވެ.

ދިހަ މާއްދާ ކިޔަވަމުން، ޖަނާން މަސައްކަތް ކުރީ އޯލެވެލްއިން އެއްވަނަ ހޯދާށެވެ. ނަމަވެސް ދިވެއްސާއި އިސްލާމުން ބޭނުންވި ނަތީޖާއާ ހަމައަށް ނުދެވި ލިބުނީ ހަތަރު ވަނައެވެ. ދިވެއްސާއި އިސްލާމްފިޔަވައި ހަތް މާއްދާއިން އޭ ސްޓަރ ލިބުނެއެވެ. އާޓްއިންނާއި އިސްލާމުން އޭ އެއް ލިބުނުއިރު ދިވެހިން ލިބުނީ ބީއެކެވެ.
އާޓާއި ޓްރެވަލް އެންޑް ޓޫރިޒަމްގައި ބައިވެރިވީ އަމިއްލަ ގޮތުންނެވެ. ދެ އަހަރު ދުވަހުގެ އާޓް ސިލަބަސް، ހަ މަސްދުވަހުން ކިޔަވައިގެން އޭ އެއް ހޯދިއެވެ. ޓްރެވަލް އެންޑް ޓޫރިޒަމްގެ ސިލަބަސް ތިން މަސްދުވަހުގެ ތެރޭގައި ޑަބަލް ޓިއުޝަން ނަގައިގެން ނިންމައި އެއިން އޭ ސްޓަރ ހޯދިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަށް އުއްމީދުކޮށްގެން މަސައްކަތް ކުރަމުން އައި ޖަނާނަށް އޯލެވެލްގައި ދިވެހިން ލިބުނު ނަތީޖާއިން ހުއްޓުން އެރިނަމަވެސް އޭލެވެލްއާ ކުރިމަތިލީ، ވަރަށް ވަރުގަދަ އަޒުމަކާއި އުއްމީދެއް އޮވެގެންނެވެ.
އޯލެވެލްގައި ދަށްވި ދިވެހި މާއްދާއަށް ވަރަށް ބޮޑު ސަމާލުކަމެއް ޖާނާން ދިނެވެ. އެހެން މާއްދާއަކަށް ދުވަހަކު ނުކުރާ މަސައްކަތް ކުރިއެވެ.
" ދިވެއްސަށް މާ ބޮޑަށް ފޯކަސްކުރެވުނީމާ އެހެން މާއްދާތަކުން ދަށްވެދާނެ ކަމުގެ އިހުސާސް ވެސް ކުރެވުނު ފަހަރު އައި" ޖަނާން ބުންޏެވެ.
" އެކި ޓީޗަރުންގެ ފީޑްބެކް ހޯދަމުން ދިވެހިން ކުރިހޯދަމުން ދިޔައީ. ލިޔުންތައް ލިޔެފައި، ޓީޗަރަކު ލައްވައި މާކު ކޮށްފައި އެހެން ޓީޗަރަކަށް ވެސް އެބަދެން މާކް ކުރަން. އެއް ޕޭޕަރަކަށް، ދެ ޓީޗަރަކު މާކުރާ ގޮތުގެ ތަފާތު ދެނަގަނެ ކުރިއަށް ދާން ގަދައަޅައި މަސައްކަތް ކުރީ"
އޭލެވެލްގެ ނަތީޖާ ލިބުނުއިރު، އެކައުންޓާއި ދިވެހިން ޖަނާނަށް ލިބުނީ އޭ އެކެވެ. އެވަރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕެއް ނުލިބެއެވެ. އެހެންވެ އެ ދެ މާއްދާއިން އޭ ސްޓަރއެއް ލިބޭނެ ކަމުގެ އުއްމީދުގައި އަލުން ޗެކު ކުރަން ހުށައެޅިއެވެ.
އަލުން ޗެކު ކުރަން އެދުނު ދެ މާއްދާގެ ނަތީޖާ ލިބުނުކަން ޖަނާނަށް އެނގުނީ އުމްރާގެ އަޅުކަމަށް، މައްކާއަށް ގޮސް ހުއްޓައެވެ. އެ ޚަބަރު ލިބުނުއިރު އޭނާ ހުރީ ހަރަމްފުޅުގެ ތެރޭގައެވެ. އޭރު ކުރިމަތިން ފެންނަން ހުރީ ހަރަމްފުޅެވެ.
" ވަރަށް ތަފާތު އާދަޔާ ޚިލާފު އިހުސާސެއް ކުރެވުނީ. ﷲއާ ވަކީލުކޮށް، ކެނޑިނޭޅި ކުރަމުން އައި ދުޢާ އިޖާބަ ކުރެއްވި ކަމުގެ އިހުސާސްވި. އަދި އޭރު ކުރިމަތިން ކައުބާ ފެންނަން ހުރީމާ ވަކިން ބޮޑަށް އުފާވި" ޖަނާން ބުންޏެވެ.

ޖަނާންއަކީ ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރެކެވެ. އޯލެވެލްއަށްވުރެ އޭލެވެލްގައި ބައިވެރިވި ހަރަކާތްތައް އަދި މާ ގިނައެވެ. ސާނަވީގެ ކިޔެވިއިރު ޖަނާންއަކީ ހުރަވީ ސްކޫލުގެ ކެޕްޓަނެވެ. މަތީ ސާނަވީ ވިލާއިން ނިންމިއިރު ހައުސް ކެޕްޓަނެއްގެ ޒިންމާ އަދާކުރިއެވެ.
ކުޑައިރުއްސުރެ އާޓަށް ޝައުޤު ހުންނާތީ އަބަދުވެސް ކުރަހައި އުޅެއެވެ. މާއްދާއެއްގެ ގޮތުގައި ސްކޫލުގެ ތެރެއިން އާޓް ކިޔެވުމުގެ ފުރުޞަތު ޖަނާނަށް ނުލިބެއެވެ. އެހެންވެ އޯލެވެލްގައި އާޓް ހަދަން ޖެހުނީ އަމިއްލަ ގޮތުންނެވެ. ކުރެހުމަށް އޮތް ޝައުޤުވެރިކަމާއެކު ދާދި ފަހަކާ ޖެހެންދެން މޯލްޑިވިއަން އާޓް ސްޓޫޑިއޯގައި އޭނާ މަސައްކަތް ކުރިއެވެ. ކާބިޔާބަކަށް މިހާތަނަށް ލިބުނީ އެމްއެމްއޭއިން ބޭއްވި ކުރެހުމުގެ މުބާރާތަކުން އެއްވަނައެވެ.

ގުދުރަތީ މަންޒަރުތަކަށް އިސްކަންދީގެން ކުރަހަމުންދާ ޖަނާން، މިހާރު ތައްޔާރު ވަމުން ދަނީ "އަންވެލިން ވިޝަން 24″ ގައި އޭނާގެ ކުރެހުމުގެ ހުނަރު ދައްކާށެވެ.

ޖާނާން ބުނީ، އޭނާގެ ކާމިޔާބީގެ ސިއްރަކީ މައިންބަފައިންނާއި ކިޔަވައިދެއްވި ހުރިހާ މުދައްރިސުން ކޮށްދިން މަސައްކަތްތަކެވެ. އަދި ކާމިޔާބަށް އެދިގެން އޭނާ ކުރަމުން އައި ދުޢާގެ ނަތީޖާ ކަމަށެވެ. އެހެންވެ މަންމައާއި ބައްޕަ އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ މެނޭޖްމަންޓާއި ހުރިހާ ޓީޗަރުންނަށް އޭނާގެ އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެކެވެ.

" މަންމައާއި ބައްޕަގެ ފަރާތުން އަބަދުވެސް ހިތްވަރު ލިބެނީ. ކޮންމެ ކަމެއްގައި ވެސް އަބަދު ވެސް އެންމެ ކައިރީގައި ތިބޭނެ. ހިތްވަރު ދޭނެ. އެއީ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރަން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް " ޖަނާން ބުންޏެވެ.

ރަނގަޅު ނަތީޖާއަކަށް އެދިގެން މަސައްކަތް ކުރާ ދަރިވަރުންނަށް ޖަނާން ދޭ ނަސޭހަތްތައް ގިނައެވެ: އަމިއްލައަށް ކިޔަވަން އިސްކަން ދޭށެވެ. އޭގެ މާނައަކީ ގުރޫޕް ސްޓަޑީ ނުހެދުމެއް ނޫނެވެ. ޓީޗަރުންދޭ ނޯޓު ތަކާއި ޓެކްސްޓް ފޮތްތަކުންނާއި ޓިއުޝަން ޓީޗަރު ދޭ ނޯޓްސްތަކުގެ އިތުރުން އެހެން ކުދިންގެ ފޮތްތަކުން ވިޔަސް ހުރިހާ އެއްޗެއް ކޮންބައިންކޮށްފައި މުހިންމު ކަންތައްތައް ފާހަގަކޮށް އަމިއްލައަށް ކުރު ނޯޓު ލިޔާށެވެ. ސްކޯ ނުކުރެވުނީ ކޮންކޮން ސުވާލަކުންތޯ ބަލައި، އެ ސުވާލުތަކުގެ ރަނގަޅު ޖަވާބު، މަތިން މާކްސް ހޯދި ކުދިން ކައިރިން އެހުން މުހިންމެވެ. ބޮޑާވެގެން އެކުއްޖާގެ ޖަވާބަށް ނުބަލަން ނުހުންނާށެވެ. އަބަދުވެސް އެހެން ކުއްޖަކަށް ކިޔާ ދޭން، އޮޅުންފިލުގައި ދެވޭތޯ ބަލާށެއެވެ. އޭރުން އަމިއްލަ ސިކުނޑީގައި އެކަން ހަރުލައްވަން ފަސޭހަ ވާނެއެވެ.

އޭލެވެލްގައި ކިޔެވުމަށް ފޯކަސް ކުރިއަސް، އިތުރު ހަރަކާތްތަކުގައި ބައިވުން މުހިންމެވެ. އޭލެވެލްއަކީ ކޮލެޖް ޔުނިވަރސިޓީއަށް ދަރިވަރުން ތައްޔާރުކުރާ ތަނަކަށްވާއިރު، އިތުރު ހަރަކާތްތަކުގައި އުޅުމަކީ އެއީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން ކަންތައްތަކަށް ލޯ ހުޅުވި ލީޑަރޝިޕް ހުނަރު ދަސްވެގެންދާނެއެވެ.
advertisment
ހިޔާލު