އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުން "އަޙްމަދިއްޔާ 1982″ގެ ނަމުގައި އޮންލައިން ނޫހެއް ނެރެން ފަށައިފިއެވެ.
މިއަދުން ފެށިގެން މިނޫސް ނެރެމުންދާއިރު، ރަސްމީކޮށް މި ނޫސް ލޯންޗްކޮށްފައި ވަނީ ހުސްވި އަހަރުގެ ތެރޭގައެވެ. މިއީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ސްކޫލަކުން ނެރެންފެށި އޮންލައިން ފުރަތަމަ ނޫހެވެ.
ވެބްސައިޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރ އަދި ނޫހުގެ އެޑިޓަރ މުޙައްމަދު ވަޖީހު ވިދާޅުވީ އޮންލައިން ނޫސް ނެރުމުގެ މަސައްކަތް ކުރަންފެށީ މިދިޔަ އަހަރުން ފެށިގެންކަމަށާއި ކާމިޔާބުކަމާއެކު ނޫހުގެ މަސައްކަތް ނިންމާ އާއްމު ކުރެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަމަށެވެ.
ދަރިވަރުންނާއި ބެލެނިވެރިން ވެސް ބެލުމަށް ސްކޫލާ ގުޅޭ ގިނަ މައުލޫމާތުތަކާއެކީ އެއްވެބްސައިޓަކުން ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ މިނޫހުގައި ސްކޫލުގައި ހިންގާ ތަފާތު ހަރަކާތްތައް ގެނެސްދިނުމުގެ އިތުރުން ދަރިވަރުންނަށް ވެސް ލިޔުމުގެ ފުރުޞަތުތަކެއް އޮވެއެވެ. އަދި ސްކޫލުން އަންގަން ޖެހޭ ޚާއްސަ އެންގުންތައް މި ނޫހުގެ ނޯޓިސް ބޯޑް މެދުވެރިކޮށް އޮންލައިންކޮށް ބަލައިލެވޭނެކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.
" މި ނޫހުން ގެނެސްދޭނީ އަހުމަދިއްޔާ ސްކޫލްގެ ތެރޭގައި ހިނގާ ކަންތައްތައްތަކާއި ހަރަކާތްތައް" ވަހީޖު ވިދާޅުވިއެވެ.
އޮންލައިން ނޫހާ ބެހޭ ގޮތުން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެފައިވަނީ އެއީ ވަރަށް މަތިވެރި މަޤްޞަދެއްގައި ނެރޭ، އެހައިމެ މުހިންމު ނޫހެއްކަމަށާއި މި ނޫހުގެ ޒަރީޢާއިން، ބެލެނިވެރިންނާއި ސްކޫލާއި ދެމެދު މަޢުލޫމާތުގެ ” ބުރިޖެއް ” އެޅިގެން ދާނެކަމަށެވެ. އަދި އެ ބުރިޖުގެ ސަބަބުން، އެކިކަންކަން ސާފުކުރައްވަން، ބެލެނިވެރިން ސްކޫލަށް ގުޅުއްވަން، ހޭދަކުރައްވާ ވަގުތާއި ހޭދައަށް ތަސައްލީއެއް ލިބި، ސްކޫލުގައި އެދުވަހަކު ހިނގަމުންދާ ޙަރަކާތްތަކާއި ކަންކަމުގެ މަޢުލޫމާތު ސާފުކޮށް އޮޅުން ފިލަމުން އަންނާނެކަމަށާއި އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޚަބަރުތަކާއި، ކިއެވުމުގެ ޙަރަކާތްތައް ހިނގަމުންދާ ގޮތާއި، ދަރިވަރުންނަށް ހިންގޭ ޙަރަކާތްތަކާއި، ދަރިވަރުން ބައިވެރިވާ ޤައުމީ މުބާރާތްތަކާއިބެހޭ، އެންމެހައި މަޢުލޫމާތާއި، ޚަބަރު، މަޢުލޫމާތާއި، ރިޕޯޓާއި ޢާންމު ދެންނެވުންފަދަ، މަޢުލޫމާތުތައް މި ނޫހުގައި ހިމެނޭ ބައިތަކުން ސާފުވެގެން ދާނެކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ސްކޫލްގެ އަދަބީ ޙަރަކާތް ތަކުގައި ބައިވެރިވާ ދަރިވަރުންގެ ޝުޢޫރާއި، ޚިޔާލާއި، މަޒްމޫނުފަދަ، ލިޔުންތައް، ސްކޫލް ކުދިންނަށް ޚާއްސަ ކޮލަމް ތަކުގައި ޝާޢިއުކުރުމުގެ ފުރުސަތު، ދަރިވަރުންނަށްވެސް ލިބިގެންދިއުމުން އެފަންނަށް ކުދިން ޝައުގު ހުންނަ ދަރިވަރުންނަށް ސްކޫލު މާޙައުލުން ހުޅުވިގެން އެދަނީ ފަހި ފުރުސަތެއް ކަމަށް ޕްރިންސިޕަލް ފާހަގަކުރައްވާފައިވެއެވެ.
advertisment
ހިޔާލު