ސޭފަރ އިންޓަނެޓު ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތެއް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ބައިނަލްއަޤުވާމީ ސޭފަރ އިންޓަނެޓު ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ޚާއްޞަ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިހިނގާ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޓުވިޓަރ މެދުވެރިކޮށް ހުޅުވައިލާފައިވާއިރު އެ މިނިސްޓްރީން ބުނީ މިއަހަރަށް ކަނޑައަޅާފައިވާ ތީމް އަކީ 'އިންޓަރނެޓްގެ ރައްކާތެރިކަން' ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ކުރެހުންތައް ހުށަހަޅަން ޖެހެނީ އެ މިނިސްޓްރީގެ ޓްވީޓްގައިވާ އޮންލައިން ފޯމު މެދުވެރިކޮށްކަމަށާއި، އެ ފޯމިގައި އެ ބައިވެރިއެއްގެ ފުރިހަމަ ނަމާއި، އައިޑީ ކާޑް ނަމްބަރ، އުފަން ތާރީޙް، ގުޅޭނެ ނަމްބަރު، މިހާރު ދިރިއުޅޭ އެޑްރެސްގެ އިތުރުން މިހާރު ކިޔަވަމުންދާ ސްކޫލާއި ކުލާސްގެ މައުލޫމާތު ފުރުމަށްވަނީ އަންގާފައެވެ. އެގޮތުން ފުރާ އެއްވެސް މައުލޫމާތަކީ ސައްޙަ ނޫން މައުލޫމާތަކަށް ވެއްޖެނަމަ އެބައިވެރިއެއްގެ ކުރެހުން ޑިސްކޮލިފައިކުރުމުގެ އިޙްތިޔާރު މިނިސްޓްރީ އަށް އޮވެއެވެ. 1 ޖެނުއަރީ 2021 އަށް އަހަރު ފުރޭކަމަށް ބަލައިގެން މި މުބާރާތަށް އެކުލަވާލާފައިވާ އުމުރުފުރާ ތަކަކީ 7 އަހަރުން ދަށް، 7 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރާގެ އިތުރުން 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އެއްވެސް މުވައްޒިފެއްގެ ސީދާ ބެލުމުގެ ދަށުގައިވާ އާއިލާގެ މެމްބަރަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

މި މުބާރާތުގެ ވަނަވަނައަށް ދާ ފަރާތްތަކަށް ދޭ އިނާމުތައް އަދި ހާމަކޮށްފައި ނުވިނަމަވެސް މުބާރާތުގައި ހުށަހެޅޭ ކުރެހުންތަށް މިނިސްޓްރީން ކަނޑައަޅައި ފަނޑިޔާރުންގެ ޕެނަލްއަކުން ޖަޖުކުރުމަށްފަހު ކޮންމެ އުމުރުފުރާއަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވާ އިނާމުދިނުމަށް ހަމަޖެހިފާކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ކުރެހުމުގެ މުބާރާތަށް ބައިވެރިންގެ ކުރެހުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ފެބްރުއަރީ 4 ވާ ބުރާސްފަތި ދުވަހުގެ 16:00 ކަމަށާއި މުބާރާތުން ވަނަވަނައަށް ދާ ފަރާތްތަށް އިއުލާން ކުރާނީ 2021 ފެބްރުއަރީ 9 ވަނަ ދުވަހުކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *