ހިންމަފުށި ސްކޫލުގެ 30 ވަނަ އަހަރީ ދުވަސް އެ ސުކޫލްގައި ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.
އަހަރީ ދުވަހުގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ސުކޫލުގެ ލީޑީން ޓީޗަރ މަރްޔަމް އިނާޝާ ވިދާޅުވީ އަހަރީ ދުވަހަކީ 23 ޖެނުއަރީ 2020 ވީ ހޮނިހިރު ދުވަސް ނަމަވެސް އެދުވަހުގައި ވެސް ހަރަކާތްތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ފަތިހު ސުކޫލު ހުރިހާ މުވައްޒަފުން ބައިވެރިވެގެން ޚާއްސަ ހިނގާލުމެއް ބާއްވާ ރަށުގެ އަތިރިމައްޗާއި ގޮނޑުދޮށް ސަރަހައްދުން ޕްލާސްޓިކް ހޮވާ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެދުވަހުގެ އެއްވެލުން ނިންމާލުމުގެ ގޮތުން ހުރިހާ މުވައްޒަފުން އެކީ ހެނދުނުގެ ނާސްތާ ކުރުމުގެ އިވެންޓެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މިކަންކަމުގެ އިތުރުން މިއަދު ވެސް ވަނީ ސުކޫލުގައި އަހަރީ ދުވަހުގެ މުނާސަބަތުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހެނދުނު ޚާއްސަ އެސެމްބްލީއެއް ބާއްވާފައިވާއިރު އެސެމްބްލީގެ ތެރެއިން ސްކޫލުގެ ތާރީހް ދަރިވަރުންނަށް ކިޔައިދީ، ސްކޫލަށް ހިދުމަތްކުރަމުން އަންނަ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އަދި ހަދިޔާ އަރުވާފައިކަމަށް އިނާޝާ ވިދާޅުވިއެވެ. މިއަދުގެ އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުރީގެ ހިންމަފުށި މަދަރުސާގެ ނާޒިރު އަދި މިހާރު ހިންމަފުށި ކައުންސިލްގެ ޑިރެކްޓަރ ޙުސެއިން އަބްދުލް ރަޙްމާނެވެ.
ސްކޫލު ދަރިވަރުންނަށް ހިންގުނު ހަރަކާތްތަކުގެ ތެރޭގައި ކީ ސްޓޭޖް 1، 2 އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ޕޯސްޓަރ ކުރެހާ ހުށަހެޅުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފާއިރު ގްރޭޑް 7 ން މަތީގެ ދަރިވަރުން ވަނީ ސްކޫލާ ގުޅޭގޮތުން ފޮތެއް ތައްޔާރުކޮށް ލައިބްރަރީ އަށް ހަދިޔާ ކޮށްފައެވެ. އެގޮތުން އެފޮތުގައި ދަރިވަރުން ސްކޫލާއި ދޭތެރޭ ދެކޭގޮތާއި، ސްކޫލުގެ ރަނގަޅު ކަންތައްތަކާއި، މުސްތަގްބަލްގައި ސްކޫލާ ދޭތެރޭ ދެކޭ ހުވަފެންތަކަކީ ކޮބައިކަން ވަރަށް ފުރިހަމަ އަށް ބަޔާންކޮށްފައިވާކަމަށް އިނާޝާ ވިދާޅުވިއެވެ. ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދާތީ އެންމެ ބޭނުންވި މިންވަރަށް އަހަރީ ދުވަސް ފާހަގަ ނުކުރެވުނަމަވެސް ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެޗް ޕީ އޭ ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް ސުކޫލުން މައުލޫމާތުދެއެވެ. އަދި ދުވަހުގެ ހަރަކާތްތައް ފުރިހަމަ ގޮތުގައި ނިންމާލުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހިންމަފުށި ސުކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު