ހަމްޝާ އަށް ޓަކައި ކުލާސް ކުދިން ތެލަސީމިއާ ދުވަސް ފާހަގަ ކުރާތާ 4 އަހަރު

ކޮންމެ އަހަރަކު ވެސް "ހަމްޝާސް" ދުވަހުގެ ގޮތުގައި ތެލަސީމިއާ ދުވަސް ބިލެތްފަހީ ސްކޫލުގައި ފާހަގަކުރަނީ، އެ ސްކޫލުގައި ހުރި ހަމައެކަނި ތެލަސީމިއާ ދަރިވަރު ހަމްޝާ ހުސައިން ނިޔާޒުގެ ހިތްވަރަށް ސާބަސް ދެމުންނެވެ. އޭނާގެ ކުލާސް ކުދިން އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތެއް ކޮންމެ އަހަރަކު ވެސް ބާއްވައެވެ. މިއީ އެ ހަރަކާތް އެ ސްކޫލުގައި ކުރިއަށް ގެންދާތާ ހަތަރު ވަނަ އަހަރެވެ.

ތެލަސީމިއާ ދުވަހުގެ ކޭކު ފަޅައި ދިނީ ހަމްޝާއެވެ. އެއާއެކު ކުލާސްކުދިންނާއި މުޅި ސްކޫލުން އޭނާއަށް ކީ ހޫނު މަރުހަބާއެކެވެ. އެކުވެރިން ތިބީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ކާޑުތައް ހިފައިގެންނެވެ. ކޮންމެ ކާޑަކުން ވެސް ބުނެދިނީ އެހެން ކުދިންގެ ހިތުގައި އޭނާއަށްޓައި އޮތް ލޯތްބެވެ. ހަމްޝާގެ ހިތްވަރުގަދަ ކަމެވެ. ތެލަސީމިއާ ދުވަސް ބުނުމުން ހަނދާން ވަނީ ހަމްޝާގެ މަތިން ކަމެވެ.

ބިލެތްފަހީ ސްކޫލުގައި ތެލަސީމިއާ ދުވަސް ފާހަގަ ކުރަން ހިންގި ހަރަކާތްތަކުގައި މި ފަހަރު އިސްނެގީ

ހަމްޝާ މި އަހަރު ކިޔަވަމުންދާ ގުރޭޑް 9ގެ ދަރިވަރުންނެވެ. އެ ދަރިވަރުންނާ ބައިވެރިވީ ހެލްތް އެންޑް ފިޓްނަސް ކްލަބުގެ ދަރިވަރުންނާއި މުޅި ސްކޫލެވެ. ތެލަސީމިއާއަށް ހޭލުންތެރި ކުރުވުމުގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަނީ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ. މި ފަހަރު އެ ދުވަސް ދިމާވީ ސްކޫލުގެ ބޮޑު ޗުއްޓީއާއެވެ.

ބިލެތްފަހީ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ޝަރީފު ދަރިވަރު ނޫހަށް ވިދާޅުވީ، ހަމްޝާއަކީ އެ ސްކޫލުގައި ހުރި ހަމައެކަނި ތެލަސީމިއާ ދަރިވަރު ކަމަށާއި އެއީ އެ ސްކޫލުގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުން ވެސް ލޯބިވާ ދަރިވަރެއް ކަމަށެވެ. އަދި އެއީ ކިޔެވުމުގެ އިތުރުން ފްރިފެކްޓް ބޯޑުގެ ވެސް މެމްބަރެއް ކަމަށާއި އެ ސްކޫލުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވެ ކާމިޔާބު ވެސް ހޯދަމުންދާ ދަރިވަރެއް ކަމަށެވެ.

" ހަމްޝާއަކީ ވަރަށް ހިތްވަރުގަދަ ދަރިވަރެއް. ކިޔެވުމާ އެއްވަރަށް އިސްނަގައިގެން ކަންތައްތައް ކުރުމަށް ސަމާލުކަން ދޭ އަޚްލާޤު ރަނގަޅު ދަރިވަރެއް. އެހެންވެ ހުރިހާ ސްޓާފުން ވެސް އޭނާ ދެކެ ވަރަށް ލޯބިވާނެ" އިސްމާއިލް ވިދާޅުވިއެވެ.

ޤުރުއާން ކިޔެވުމާއި ވާހަކަ ދެއްކުމަކީ ހަމްޝާގެ އެންމެ މުހިންމު ފަންނެވެ.

ބިލެތްފަހީ ސްކޫލުގެ ޕްރައިމަރީ ޓީޗަރު، ހަމްޝާގެ މަންމަ އާއިޝަތު ސަލްމާ ބުނީ ބިލެތްފަހީ ސްކޫލަށް ހަމްޝާ ބަދަލުވީ ރަށުގައި ހުރެގެން ލޭއަޅަން ފަސޭހަވުމުންނެވެ. ހަމްޝާ ކުރިން ކިޔަވަމުން އައީ އޭނާގެ ބައްޕަގެ ރަށުގައެވެ. ލޭ އަޅާ ކޮންމެ ފަހަރަކު އޭރު ދާން ޖެހެނީ ކުޅުދުއްފުއްޓަށެވެ. އެހެންވެ މަންމަގެ ރަށް ބިލެތްފައްސަށް މީގެ ހަތަރު އަހަރު ކުރިން ބަދަލުވީއެވެ. ބިލެތްފަހީ ސިއްޙީމަރުކަޒުން ލޭ އެޅޭގޮތް ވުމަކީ އެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ސަލްމާ ބުންޏެވެ.

މިހާރު ވެސް ކޮންމެ 15 ދުވަހުން ހަމްޝާ ގަޔަށް ލޭ އަޅަން ޖެހެއެވެ. މަދު ފަހަރެއްގައި ނޫނީ ލޭ ނުލިބިގެން ރަށުން ބޭރުން މީހަކު ގެންނަން ނުޖެހޭ ކަމަށް ސަލްމާ ބުންޏެވެ.

ހަމްޝާއަކީ ބިލެތްފަހީގައި ވެސް ހުރި ހަމައެކަނި ލޭ އަޅާ ކުއްޖާއެވެ.

ސަލްމާ ބުނީ، ލޭއަޅާ ދުވަސްވަރު ބައެއް ފަހަރަށް އެލާޖިކްވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ވެސް ހިތްވަރު ކޮށްފައި ހުރިހާ ހަރަކާތެއްގައި ބައިވެރިވާނެ ކަމަށެވެ.

" ވަރުބަލިވާތީ ކުޅިވަރު ކުޅުމުގައި އަމަލީ ގޮތުން ނޫޅެވޭ. ބެންޗްގައި ނަމަވެސް އިންނަން ބޭނުންވާނެ" ސަލްމާ ކިޔައިދިނެވެ.

އޭލެވެލްއަށްފަހު ހަމްޝާ ބޭނުން ވަނީ ޓޮކްޓަރަކަށް ވުމެވެ.

" އެންމެ ކުޑައިރުއްސުރެ ތެލަސީމިއާއަށް ޚާއްޞަ ޑޮކްޓަރަކަށް ވުމަކީ ހުވަފެނެއް. އަބަދުވެސް އެ ވާހަކަ ދައްކާނެ. އެކަން ކުރަން ފަސޭހަ ނުވެދާނެތީ އެހެން ރޮނގަކުން ކުރިއަށް ދާ ވާހަކަ ބުންޏަސް އެއްބަހެއް ނުވޭ"

ސަލްމާ ބުނީ، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވެސް ލިބެނީ އެއްބާރުލުން ކަމަށާއި ހުރިހާ އެންމެންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމުގެ ސަބަބުން ހަމްޝާ ހުންނަނީ އުފަލުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *