ސްކޫލް ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ " ފަރުކޮއި" ޕޮރޮގްރާމް ފުޅާކޮށް މިއަހަރު ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޕާލޭގެ އެއަރ ކެމްޕޭން ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވިގޮތުގައި، ފަރުކޮއި ޕްރޮގްރާމް ހިންގުމުގެ ކުރިން ގިނަ ކުދިންނަކީ ރާއްޖޭގެ ފަރުތަކުގެ ރީތިކަން ތަޖުރިބާ ކުރެވިފައިވާ ކުދިން ނޫން ކަމަށާއި، ތިމާވެއްޓަށް ދެވޭ ސަމާލުކަން އިތުރުކުރެވޭނީ ދިވެހިރާއްޖޭގެ މޫދުތައް އެކުދިން އަމިއްލައަށް ތަޖުރިބާ ކުރެވި ފަރުތައް ފެނިގެންނެވެ. އަދި ދިރުންހުރި ތަކެތީގެ ބޭނުންތަކާއި އެކަތި އަނެކެއްޗާ އޮންނަ ގުޅުން ދެނެގަނެވިގެންނެވެ. އެ ގޮތުން ހުރިހާ ދަރިވަރުންނަށް ފަރުތައް ދެއްކުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ " ފަރުކޮއި" ފްރޮގްރާމަކީ ތިމާވެއްޓަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި، މިއަހަރު އެ ޕްރޮގްރާމް އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައެވެ.
" އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮގްރާމުގެ ދަށުން ތިމާވެށީގެ ޗެމްޕިއަނުންނާއި ކަނޑުތަކުގެ ދިރުމަށް ޝައުގުހުންނަ ދަރިންތަކެއް އުފެދިގެން ދިއުން" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޕާލޭ އެއަރ ޗެލެންޖްގެ ސަބަބުން ރާއްޖެއިން ޕްލާސްޓިކް މަދުކުރަން ކުރާ މަސައްކަތަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށެވެ.
ބޭނުންކުރެވޭ ޕްލާސްޓިކް ވެއްޓަށް ދިއުން ހިފެހެއްޓުމުގެ އިތުރުން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވުމުގައާއި އަޅުގަނޑުމެންގެ ދިރިއުޅުމުގައި އުފެއްދުންތެރިކަމުގައި ޕްލާސްޓިކް ބޭނުން ނުކޮށް އީޖާދީ ފަރުމާތަކަށް ދިއުމަށް އެ ހަރަކާތުން ބާރުއަޅާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ ސްކޫލެއްގައިވެސް މީހުން އެއްވާ ކޮންމެ ތަނެއްގައިވެސް ޕްލާސްޓިކް ޖަމާކުރާނެ ތަންތަން ގާއިމްކޮށް ރަށާ އަވަށުތެރެއަށް އުކާލެވޭ ޕްލާސްޓިކު، ކަނޑުތަކަށް ދިޔަނުދޭން މަސައްކަތް ކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ މި ރަސްމިއްޔާތުގައި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
advertisment
ހިޔާލު