ކަނޑުތަކަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށް ބ. އަތޮޅު ގޮއިދޫ ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ ކެމްޕޭނުގެ ދަށުން އެއްކުރި ލައްކައަކަށްވުރެ ގިނަ ޕްލާސްޓިކް ހުސްފުޅި ރިސައިކަލް ކުރަން ޕާލޭ ޖަމިއްޔާއާ ހަވާލުކޮށްފިއެވެ.
ގޮއިދޫން އުކާލާ ހުސްފުޅިއާއި އެރަށަށް ލައްގާ ހުސްފުޅި އެއްކޮށްގެން ރީސައިކަލް ކުރަން ފޮނުވުމުގެ މަސައްކަތް އެ ސްކޫލުން ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ގޮއިދޫ ސްކޫލްގެ ދަރިވަރުން ވަނީ ހުސްވި އަހަރުގެ ތެރޭގައި5221 ކިލޯގެ ޕްލާސްޓިކް ފުޅި އެއްކޮށްފައެވެ. އެއީ ފުޅީގެ އަދަދަށް ބަލާއިރު، 139،507 ފުޅިއެވެ.
ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙަންމަދު ނިޒާމް ވިދާޅުވީ ހުސްވި އަހަރު އެއްކުރި ހުސްފުޅިތައް ކޮވިޑްއާ ގުޅިގެން އެރަށުން ބޭރުނުކުރެވި ގިނަދުވަސްތަކެއް ވި ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުރިހާ ފުޅިތަކެއް ރީސައިކަލް ކުރަން އަމިއްލަ ޖަމިއްޔާއެއްކަމުގައިވާ ޕާލޭއާ ހަވާލުކުރެވޭނެ ކަމަށެވެ. މާލެއާ ހަމައަށް އެ ތަކެތި ފޮނުވައި ދިނުމުގައި ޕާމްބީޗް ރިސޯޓުން ވަނީ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާދީފައެވެ.
" ކޮވިޑްއާ ގުޅިގެން އެއްކުރި ފުޅިތައް ޖަންބޯބޭގްތަކުގައި ބަހައްޓަން ޖެހުނީ ސްކޫލްގެ ގޯތިތެރޭގައި. ބޮޑުބައެއް ފޮނުވާލެވިއްޖެ ބާކީ ހުރި ޖަންބޯބޭގްތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މާލެއަށް ފޮނުވާލެވޭނެ" ނިޒާމް ވިދާޅުވިއެވެ.
ކަނޑުތަކަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށާއި ގޮއިދޫން ޕްލާސްޓިކް މަދުކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނަކީ ދަރިވަރުންގެ މެދުގައި ވާދަކުރެވޭ ގޮތަށް ކުރިއަށް ގެންދާ ބޮޑު ހަރަކާތެކެވެ.
ނިޒާމް ވިދާޅުވީ ފާއިތުވި އަހަރު ހަނދާނީ ލިޔުން ދޭން ކަނޑައެޅި ޓާގެޓަކީ 2000 ފުޅި ކަމަށާއި، އެ ޓާގެޓް 40 ކުދިން ހާޞިލް ކޮށްފައިވާ ކަމަށެވެ.
" އަހަރުން އަހަރަށް ޓާގެޓް ބޮޑުކުރަމުން މި ދަނީ އެވަރުންވެސް ޓާގެޓަށް މަސައްކަތްކުރާ ކުދިން ދަނީ އިތުރުވަމުން" ނިޒާމް ވިދާޅުވިއެވެ.
ގައިދޫ ސްކޫލްގެ މި ކެމްޕޭނާއެކު އެރަށުން ހުސްފުޅީގެ ޑިމާންޑްވެސް ވަނީ ބޮޑުވެފައެވެ. ދަރިވަރުންނަށް ހުސްފުޅި އެއްކުރުމުގެ ވާދަވެރިކަމުގައި ބެލެނިވެރިންވެސް ދަނީ ބައިވެރިވަމުންނެވެ.
ނިޒާމް ވިދާޅުވި ގޮތުގައި އެއްކުރާ ފުޅިތަކުގެ ތެރޭގައި ގިނައީ އެރަށަށް ލައްގާ ޕްލާސްޓިކް ހުސްފުޅިއެވެ. އެރަށުގައި މިހާރު ކުރިއަށް ގެންދާ ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫއާއެކު ކުރިއަށް އޮތްތަނުގައި އެއްކުރާ ހުސްފުޅީގެ އަދަދަށް ބަދަލުއަންނާނެއެވެ.
advertisment
ހިޔާލު