ކޮވިޑް ފެތުރުނީ ސްކޫލްތަކުގެ ތެރެއަކުންނޫން ކަމަށާއި، ޕޮޒިޓިވް ކޭސްތަކަކީ ސުކޫލުން ބޭރާ ގުޅުންހުރި ކޭސްތަކެއް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒުލާ ރަފީގު ވިދާޅުވީ މި ދުވަސްވަރު ކޮވިޑް ކޭސްތައް އިތުރުވި ނަމަވެސް ސުކޫލުތައް އަލުން ބަންދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި މުރައްރިސުން ޕޮޒިޓިވް ވި ނަމަވެސް ސުކޫލުތަކަކީ ކޮވިޑުން ރައްކާތެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައި އަދި އެފިޔަވަޅުތަކާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ތަންތަން ކަމަށް ނަޒުލާ ވަނީ ފާހަގަކުރައްވާފައެވެ.
" ސުކޫލުތަކުން ދަނީ ގައިޑްލައިންތަކަށް ވަރަށް ރަނގަޅަށް އަމަލު ކުރަމުން. ސްކޫލްތައް އަލުން ބަންދު ކުރުމުގެ ވިސްނުމެއް ނެތް" ނަޒުލާ ވިދާޅުވިއެވެ.
މި މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވާއިރު، އަމީނިއްޔާ ސްކޫލާއި ގާޒީ ސުކޫލުގެ ޓީޗަރަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަމީނިއްޔާ ސްކޫލްގެ ގުރޭޑް ތިނެއްގެ ދަރިވަރަކާއި ޖަމާލުއްދީން ސްކޫލްގެ ގުރޭޑް ނުވައެއްގެ ދަރިވަރެއްގެ އިތުރުން ބިލަބޮންގް ސްކޫލްގައި ކިޔަވަމުން އަންނަ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ސްކޫލްގެ މާހައުލުގެ ބޭރުންވެސް މުދައްރިސުންނާއި ދަރިވަރުން ސުކޫލް ގައިޑްލައިން ފޮލޯކުރުމަށް ޑރ. ނަޒުލާ ރޭ ވިދާޅުވީ އިލްތިމާސްކުރައްވާފައެވެ.
ކޮވިޑްއާ ގުޅިގެން ސްކޫލްތައް އެންމެ ފުރަތަމަ ބަންދުކުރީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެއަށްފަހު އާންމުކޮށް ސްކޫލްތައް ހުޅުވާލީ ޖުލައި އެކެއްގައެވެ. މާލޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފެށީ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެންނެވެ.
advertisment
ހިޔާލު