ޕްރައިމަރީ އެޑިއުކޭޝަންގެ ދާއިރާއިން ޑިގްރީ ފެންވަރަށް މުދައްރިސުން ތަމްރީނު ކުރުމަށް ޤައުމީ ޔުނިވަރސިޓީން ޚާއްޞަ ސްކޮލަރޝިޕްތަކެއް އިއުލާންކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ ސްކޮލަރޝިޕް ގެ މައިގަނޑު މަޤްޞަދަކީ މި ވަގުތަށް ޤައުމަށް ބޭނުންވާ ކޯސްތަކަށް އިޢުލާނުކުރުމުން އެދާއިރާއަކަށް ދަރިވަރުން ނުލިބޭ ޚާއްޞަ ދާއިރާތަކުން މީހުން ބިނާ ކުރުމެވެ. މިގޮތުން 2021 ވަނަ އަހަރަށް ޚާއްޞަކުރެވޭ ދާއިރާތަކަކީ ފަށާ ތަޢުލީމުގެ މުދައްރިސްކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން ވެލްޑިންގ އާއި އެއަރ ކަންޑިޝަނިންގ އާއި މެރިޓައިމް ދާއިރާ ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ. މި ސްކޮލަރޝިޕް ދެވޭނީ އަންޑަރގްރެޖުއޭޓް އަދި ސަބްޑިގްރީ (ސެޓްފިކެޓް/ އެޑްވާންސްޑް ސެޓިފިކެޓް/ޑިޕްލޮމާ) ލެވެލްގެ ކޯސްތަކުގައި ކިޔެވުމަށެވެ.
މި ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން ބެޗްލަރ އޮފް ޕްރައިމަރީ އެޑިއުކޭޝަންގެ ދައިރާއިން 30 ދަރިވަރަކަށް ފުރުޞަތު ދޭން ކަނޑައަޅާފައިވާއިރު، ފުރުޞަތު ދޭން އިއުލާން ކޮށްފައި ވަނީ ކަނޑައަޅާފައިވާ 60 ރަށެއްގެ ސްކޫލަކުން ކުރިމަތިލާ ދަރިވަރުންނަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ސެޓްފިކެޓް ލެވެލް ތިނަކަށް އެއަރކޮންޑިޝަނިން އާއި ވެލްޑިންގ ކޯސް ފުރިހަމަ ކުރުމަށް މިއަދު ވަނީ ހުޅުވާލާފައެވެ.
ޚާއްޞަ އިނާޔަތްތަކެއް މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ވަނީ ކަނޑައަޅާފައެވެ. އެ އިނާޔަތްތަކުގެ ތެރޭގައި ކިޔަވާ ކޯހުގެ ޓިއުޝަން ފީއާއި، ކޮންމެ މަހަކު އެލަވަންސެއްގެ ގޮތުގައި 5000 ރުފިޔާއާއި ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5000ރުފިޔާގެ އެހީއަކާއި، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި 5000ރުފިޔާ ދޭން ވަނީ ކަނޑާއަޅާފައެވެ.
މި ސްކޮލަރޝިޕްގެ ކޯސްތަކަށް ދަރިވަރުން ހޮވާނީ ކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރަށް ނުވަތަ އެކެޑެމިކް މެރިޓަށް ބަލައިގެންނެވެ. އަދި ސްކޮލަރޝިޕަށް ކުރިމަތިލާ ކޯހާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައި ނުވުމާއި، އާމްދަނީ ލިބޭ، ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާނުކުރުން ވެސް ޝަރުޠެއްގެ ގޮތިގައި ވަނީ ހިމަނާފައެވެ.
ކޯސް ނިމުމުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ، ކިޔެވުން މެދުކަނޑާލައިފިނަމަ، ނުވަތަ ކިޔަވާ މާއްދާތައް ކަނޑައެޅިފައިވާ މާއްދާތަކަށް ވުރެ މަދުކޮށްފިނަމަ، ސްކޮލަރޝިޕް ގެ ފައިސާ ދިނުން ހުއްޓާލުމާއި، ކިޔަވާ ކޯހުގެ މާއްދާތަކަށް ހާޒިރުވުން 80 އިންސައްތައަށް ވުރެ މަދުވެއްޖެނަމަ، ސްކޮލަރޝިޕް ދިނުން ހުއްޓައިލާނެ ކަމަށްވެސް މި ސްކޮލަރޝިޕްގެ އާންމު އުޞޫލުގައި ވުނެފައިވެއެވެ. އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔެވުމަށް އެއްބަސްވުމާއި، ކިޔެވުމަށް އެހެން ސްކޮލަރޝިޕް އެއް ލިބިފައި ނުވުމާއި، ސްކޮލަރޝިޕަށް އެދޭ ކޯހުގެ ކިޔެވުން ފެށުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ކިޔެވުން ފެށުމަށް ހުރަހެއް ނެތުމުގެ އިތުރުން މުދައްރިސުންނަށް އަމާޒުކުރެވޭ ރަށްތަކުގެ ވަޒަންވެރިއެއް ކަމަށް ވާންޖެހޭނެ ކަމަށް އެމްއެންޔޫއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
މި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
advertisment
ހިޔާލު