ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރަން ތައުލީމީ ފަންޑުން 15 ސޮކްލަރޝިފް ދެނީ

ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރަން ތައުލީމީ ފަންޑުން 15 ސޮކްލަރޝިފް ދޭން ނިންމައި އެ ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ގައުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން އެ ޔުނިވަރސިޓީން ވަނީ ފަށާތައުލީމުގެ މުދައްރިސުން ތަމްރީނު ކުރުމަށް ފަސްދޮޅަސް ރަށަކަށް އަމާޒުކޮށް 30 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައެވެ. އެޑިއުކޭޝަން ފަންޑުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި ސްކޮލަރޝިޕްވެސް ކުރިއަށް ގެންދާނީ ގައުމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ.
ޚާއްޞަ އިނާޔަތްތަކެއް މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ވަނީ ކަނޑައަޅާފައެވެ. އެ އިނާޔަތްތަކުގެ ތެރޭގައި ކިޔަވާ ކޯހުގެ ޓިއުޝަން ފީއާއި، ކޮންމެ މަހަކު އެލަވަންސެއްގެ ގޮތުގައި 5000 ރުފިޔާއާއި ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5000ރުފިޔާގެ އެހީއަކާއި، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި 5000ރުފިޔާ ދޭން ވަނީ ކަނޑާއަޅާފައެވެ.

މި ސްކޮލަރޝިޕްގެ ކޯސްތަކަށް ދަރިވަރުން ހޮވާނީ ކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރަށް ނުވަތަ އެކެޑެމިކް މެރިޓަށް ބަލައިގެންނެވެ. އަދި ސްކޮލަރޝިޕަށް ކުރިމަތިލާ ކޯހާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައި ނުވުމާއި، އާމްދަނީ ލިބޭ، ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާނުކުރުން ވެސް ޝަރުޠެއްގެ ގޮތިގައި ވަނީ ހިމަނާފައެވެ.

ކޯސް ނިމުމުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ، ކިޔެވުން މެދުކަނޑާލައިފިނަމަ، ނުވަތަ ކިޔަވާ މާއްދާތައް ކަނޑައެޅިފައިވާ މާއްދާތަކަށް ވުރެ މަދުކޮށްފިނަމަ، ސްކޮލަރޝިޕް ގެ ފައިސާ ދިނުން ހުއްޓާލުމާއި، ކިޔަވާ ކޯހުގެ މާއްދާތަކަށް ހާޒިރުވުން 80 އިންސައްތައަށް ވުރެ މަދުވެއްޖެނަމަ، ސްކޮލަރޝިޕް ދިނުން ހުއްޓައިލާނެ ކަމަށްވެސް މި ސްކޮލަރޝިޕްގެ އާންމު އުޞޫލުގައި ވުނެފައިވެއެވެ. އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔެވުމަށް އެއްބަސްވުމާއި، ކިޔެވުމަށް އެހެން ސްކޮލަރޝިޕް އެއް ލިބިފައި ނުވުމާއި، ސްކޮލަރޝިޕަށް އެދޭ ކޯހުގެ ކިޔެވުން ފެށުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ކިޔެވުން ފެށުމަށް ހުރަހެއް ނެތުމުގެ އިތުރުން މުދައްރިސުންނަށް އަމާޒުކުރެވޭ ރަށްތަކުގެ ވަޒަންވެރިއެއް ކަމަށް ވާންޖެހޭނެ ކަމަށް އެމްއެންޔޫއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *