އައިދާން ހޯދީ ފާއިތުވި ތޭރަ އަހަރުގެ ތެރޭގައި ޗައިނާގެ ބެއިޖިންގެ ކެނޭޑިއަން އިންޓަނޭޝަނަލް ސްކޫލް ދަރިވަރަކު ހޯދި އެންމެ ރަނގަޅު ނަތީޖާ

ފާއިތުވި ތޭރަ އަހަރުގެ ތެރޭގައި ކެނޭޑިއަން އިންޓަނޭޝަނަލް ސްކޫލް އޮފް ބެއިޖިންގ  (ސީއައިއެސްބީ) އިން އެންމެ މަތިން ފާސްވި ދަރިވަރަކަށް ދިވެހިރާއްޖޭގެ މުޙައްމަދު އައިދާން ޝަމީމް ހޮވިއްޖެއެވެ.

ކެނެޑިއަން އިންޓަނޭޝަނަލް ސްކޫލް އޮފް ބެއިޖިން (ސީއައިއެސްބީ) އަކީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އެޑިއުކޭޝަނާއި ކެނެޑާ ސަރުކާރާއި ކެނެޑާގެ ނިއު ބްރަންސްވިކް، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން ގުޅިގެން 2005 ވަނަ އަހަރު އުފެއްދި ސްކޫލެކެވެ. ސީއައިއެސްބީ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ކެނެޑިއަން (ނިއު ބްރަންސްވިކް) ކަރިކިއުލަމާއި އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ތިން ޕްރޮގްރާމް–އައިބީ ޑިޕްލޮމާ ޕްރޮގްރާމް (ޑީޕީ)، މިޑްލް އިޔާސް ޕްރޮގްރާމް (އެމްވައިޕީ) އަދި ޕްރައިމަރީ އިޔާސް ޕްރޮގްރާމް (ޕީވައިޕީ) ހިންގާ ބެއިޖިންގެ އެންމެ މަތީފަންތީގެ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ.

2024 ވަނަ އަހަރުސީއައިއެސްބީގެ ދަސްވެނިވި ކުލާހުގެ ވެލެޑިކްޓޯރިއަންގެ މަގާމަށް އައިދާން ހޮވިފައިވާއިރު، މިއީ އޭނާގެ ތައުލީމީ ފެންވަރާއި، މަތީ ސާނަވީ ދަތުރުގައި ވެސް އޭނާ ދެއްކި މޮޅު ކަން ފާހަގަކޮށްދޭ ޝަރަފެކެވެ. ފާއިތުވި ތިން އަހަރު ވެސް ކްލާހުގެ އެއްވަނަހޯދި އައިދަން ވަނީ އެކި މާއްދާތަކުން އެންމެ މަތީ ތައުލީމީ ކާމިޔާބީތައް ދައްކައިދީ، އޭނާގެ ކޯހޯޓްގެ އެއްވަނަ ހޯދައި، ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރުމުގެ ޝަރަފު ހޯދާފަ އެވެ.  ސޯޅަ ގައުމެގެއް ދަރިވަރުންގެ ތެރެއިން ޖީޕީއޭ އެވްރެޖް 4.65 ހޯދައިގެން އޭނާ ވަނީ ކެނެޑާގެ ގަވަރުނަރު ޖެނެރަލުންގެ ލޯ މެޑަލް ހާޞިލްކޮށްފައެވެ.  ސީއައިއެސްބެއިޖިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މި ފަޚުރުވެރި އެވޯޑް އައިދާންއާ ހަވާލުކޮށް ދެއްވީ ނިއު ބްރަންސްވިކް ކެނެޑާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް ރަޔަން ޑޮނާގީއެވެ. މި ރަސްމިއްޔާތުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކެނެޑާގެ ތިންވަނަ ގަވަރުނަރ ޖެނެރަލް ލޯޑް ޑަފެރިން 1873 ވަނަ އަހަރު ތަޢާރަފު ކުރި މި އެވޯޑް ދެނީ ހައިސްކޫލަކުން އެންމެ މަތީ އެވްރެޖާއެކު ދަސްވެނިވާ ދަރިވަރެއްގެ އިތުރުން އެޕްރޫވްޑް ކޮލެޖް ނުވަތަ ޔުނިވަރސިޓީ ޕްރޮގްރާމްތަކުން އެންމެ މަތިން ހޯދާ ދަރިވަރުންނަށެވެ.

ގަވަރުނަރ ޖެނެރަލްގެ މެޑަލް މިހާރު ދެނީ ތަފާތު ހަތަރު ދަރަޖައަކުންނެވެ. އެއީ، ސެކަންޑަރީ ސްކޫލް ފެންވަރުގައި ދޭ ބްރޯންޒް މެޑަލާއި ޕޯސްޓް ސެކަންޑަރީ، ޑިޕްލޮމާ ލެވެލްގައި ދޭ ކޮލެޖިއޭޓް ބްރޯންޒް މެޑަލާއި އަންޑަގްރެޖުއޭޓް ލެވެލްގައި ދޭ ރިހި މެޑަލްގެ އިތުރުން ގްރެޖުއޭޓް ލެވެލްއިން ދޭ ގޯލްޑް މެޑަލެއެވެ. ގަވަރުނަރު ޖެނެރަލްގެ ފަރާތުން މެޑަލް ހަވާލުކުރައްވަނީ، ދަރިވަރު ބައިވެރިވާ ތައުލީމީ މަރުކަޒުތަކުންނެވެ. އެންމެ މަތިން ޖީޕީއޭ ސްކޯ ހޯދާ ދަރިވަރަށް ގަވަރުނަރު ޖެނެރަލް ސޮއިކުރައްވާފައިވާ ސެޓްފިކެޓެއް ވެސް ދެއެވެ.

އައިދާން ވަނީ، މި އެވޯޑްގެ އިތުރުން، ކެމިސްޓްރީން އެކްސެލެންސް، އެކްސެލެންސް އިން ތިއަރީ އޮފް ނޮލެޖް، އެކްސެލެންސް އިން އެކްސްޓެންޑެޑް އެސްސޭ، އެކްސެލެންސް އިން ސައިކޮލޮޖީ، އެކްސެލެންސް އިން ބަޔޮލޮޖީ،  މުޅި ކުލާހުގެ އެންމެ މަތީ އެކަޑަމިކް އެވްރެޖް ސެޓްފިކެޓް އަދި ފްރެންޗް އޭބީ އިނިޝިއޯއިން އެކްސެލެންސްގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ.

މިއަހަރު އައިދާން ހޯދި ކާމިޔާބީތަކުގެ ސަބަބުން، ޝަރަފުވެރި ގިނަ ޔުނިވާސިޓީތަކުގައި ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވުމުފެ ފުރުޞަތު ފަހިވިއެވެ. އޭގެތެރޭގައި ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޮންޓޯ ހިމެނޭ އިރު، އެ ޔުނިވާސިޓީގެ ޖުމްލަ ސްކޮލަޝިޕްގެ އަދަދު 2.5 މިލިއަނަށް ވުރެ ގިނަ އެވެ. މީގެ އިތުރުން ޕެންސިލްވޭނިއާގެ ލެހައި ޔުނިވާސިޓީން 60،000 ޑޮލަރުގެ ސްކޮލަޝިޕާއި ނިއުކާސަލް ޔުނިވާސިޓީ އާއި ސައިޕްރަސްގެ ޔުނިވާސިޓީ އޮފް ނިކޮސިއާ (20 ޕަސެންޓް ސްކޮލަޝިޕް ފަންޑިންއާއެކު) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީން ވެސް އައިދާން އަށް އޮފާތައް ވަނީ ލިބިފަ އެވެ. މެޑިސިން ކިޔެވުމުގެ ވިސްނުން ގެންގުޅުއްވާ އަދި ޑޮކްޓަރަކަށް ވުމަށް އެދޭ އިރު، ސިއްހީ ދާއިރާއިން މުސްތަގުބަލަކަށް އޭނާ ވެފައިވާ އަޒުމް ދައްކުވައިދެ އެވެ.

އައިދާން "ދަރިވަރު" ނޫހަށް ކިޔައިދިން ގޮތުގައި މެޑިސިން ދާއިރާއިން މެލޭޝިޔާގައި ކިޔަވަން އޭނާ ނިންމާފައިވާ ކަމަށާއި ކާމިޔާބީގެ ސިއްރަކީ ކިޔެވުމާ އެއްވަރަށް އަޚްލާޤަށް ދިން ސަމާލުކަމެވެ.

" ކާމިޔާބީގެ ސިއްރަކީ، ކިޔަވެމަށް ޚާއްޞަ އިސްކަމެއް ދިނުމާއެކު ޑިސިޕްލިންއަށް ދިން އަހައްމިއްޔަތު" ޗައިނާގައި މިހާރު ދިރިއުޅެމުންދާ އައިދާން ބުންޏެވެ.

ސީއައިއެސްބީގައި އައިދާން ކިޔަވަން ފެށީ ނުވަ ގުރޭޑުންނެވެ. ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސީއައިއެސްބީގެ މުދައްރިސުން އެނާއަށް ދިން އެއްބާރުލުމާއި ބެހެއްޓި ގާތްކަމަކީ ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް އައިދާން ބުންޏެވެ.

ކިޔެވުމަށް ޚާއްޞަ އިސްކަމެއް ދިން ނަމަވެސް ކުޅިވަރުގެ ހަރަކާތްތަކުގައި ވެސް އައިދާން އައީ ބައިވެރިވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *