ފުވައްމުލަކުގައި މޫދަށް އެރިއުޅެނިކޮށް ގެނބުނު ކުއްޖާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ

ފުވައްމުލަކުގައި މޫދަށް އެރިއުޅެނިކޮށް ގެނބުނު ކުއްޖާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ފުވައްމުލަކު ސްކޫލްގެ ގުރޭޑް 10ގައި ކިޔަވަމުންދާ 17 އަހަރުގެ ފައުޒަން ޙަސަން މަރުވީ، އޭނާއާއެކު މޫދަށް އެރުނު އިތުރު ކުދިންތަކެއް ގެނބެން ފެށުމާއެކު އެމީހުން ސަލާމާތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެންނެވެ. އެކުދިން ސަލާމަތް ކުރުމުގެ ތެރޭގައި ފައުޒަން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވީރު 16:47 ގައެވެ. އޭނާ ފެނުނީ 17:50 ހާއިރު، މާނޭރެ ސަރަހައްދު މޫދުއަޑިންނެވެ. އޭރު އޭނާގެ ހާލު ސީރިއަސްވުމުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މާ ގިނަ އިރެއް ނުވަނީސް ވަނީ މަރުވެފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ގެނައިއިރުވެސް ހާލުސް ސީރިއަސްކަމަށާއި، މާ ގިނަ އިރެއް ނުވަނީސް މަރުވެފައިވާ ކަމަށެވެ.

އާންމުކޮށް ތަފާތު ރާޅުތަކެއް ނަގާ އެ ސަރަހައްދަށް މޫދަށް އެރުނު ދެ ކުއްޖަކު ސަލާމަތްކޮށްފައި އެނބުރި އެއްގަމާ ދިމާލަށް މިސްރާބު ޖެހިވަގުތު އައި ރާޅެއްގެ ދަށުވެގެން ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ.
ފުވައްމުލަކު ސްކޫލުން ބުނީ ފައުޒަންއަކީ ބަސްއަހާ އަޚުލާގު ރަނގަޅު ދަރިވަރެއް ކަމަށާއި، އެ ދަރިވަރުގެ ވަކިވުމާއެކު ހިތާމައިގައި މުޅި ސްކޫލް ބައިވެރިވާ ކަމަށެވެ.

"މި ސްކޫލްގެ ގްރޭޑް 10 އެއްގެ ދަރިވަރު އަޙުމަދު ފައުޒަން މޫދަށް ގެނބިގެން ނިޔާވި ޚަބަރު އެހީ ވަރަށް ފުން ހިތާމަޔާއި އެކުގައެވެ.ގެއްލިގެން އެދިޔައީ ސްކޫލަށް ވަރަށް ބޭނުންތެރި ވަރަށް ރަނގަޅު ދަރިވަރެކެވެ." އެ ސްކޫލްގެ ފޭސްބުކުގައި ލިޔެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *