މާދަމާ އަކީ އަނެއްކާވެސް ދިވެހި ރާއްޖޭގެ ތައުލީމީ ހަޔާތަށް ބޮޑު ދުވަހެކެވެ. އާއަހަރަށް ސްކޫލުތައް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ގާތްގަނޑަކަށްހެން ނިމިފައިވާއިރު މިހާރު އުފެދޭ ސުވާލަކީ ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި ކުދިން ތިބީ ކޮރޯނާ ވައިރަސްގެ ނުރައްކަލުން އަރައިގަނެފައިތޯ ނުވަތަ ނޫންތޯއެވެ. މިދިޔަ އަހަރުގެ ބޮޑުބައި ގޭގައި ހޭދަ ކުރުމަށްފަހު މާދަމާ ދަރިވަރުން ސްކޫލުތަކަށް ނިކުންނަ އިރު އެކުދިން ތިބީ ނަފްސާނީގޮތުންނާއި އެހެންގޮތުން ވެސް ތައްޔާރީގައިތޯ އެއީވެސް އުފެދޭ ސުވާލެކެވެ. އެނގެނީ އެއްކަމެކެވެ. ހަމަ ޔަގީނުންވެސް ކޮވިޑް ނަވާރައިން ރައްކާތެރިވެވޭނެ ގޮތްތަށް ނޭނގޭ ދަރިވަރުންނާއި ބެލެނިވެރިން މިހާރު ނުތިބޭނެކަމެވެ. ހަގީގަތުގައި ދިވެހިން ތިބީ ކޮވިޑަށް ވަރަށް ބޮޑަށް ހޭލުންތެރިވެފައެވެ.
ދަރިވަރުންގެ ފަރާތުން ވައިރަސް ފެތުރިދާނެތޯ؟
ކޮރޯނާ ވައިރަސް ބޮޑަށް ފެތުރެނީ ކޮން އުމުރުފުރާއިގެ ކުދިންގެ ފަރާތުންކަން އިނގިރޭސި ވިލާތުގައި ހެދި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ޕްރައިމެރީ ކްލާސް ތަކުގެ ކުދިންނަށް ވުރެ ބޮޑަށް ވައިރަސް ފެތުރެނީ ސެކަންޑްރީ ކްލާސްތަކުގެ ދަރިވަރުންގެ ކިބައިންނެވެ. ފުރާވަރު އުމުރުގެ ކުދިންގެ ކިބައިން އެއްކުއްޖެއްގެ ހަށިގަނޑުން އަނެއް ކުއްޖަކަށް ވައިރަސް ވާސިލްވާ މިންވަރު އިތުރުވުމަކީ އަޅުގަނޑުމެން ދިވެހިން ވެސް އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވީ ކަމެކެވެ. ދިވެހިރާއްޖޭގައި ކޮވިޑް ނަވާރައިގެ ހާލަތު މިވަގުތައް ކޮންޓްރޯލް ކުރެވެމުން އައި ނަމަވެސް ސްކޫލްތައް ހުޅުވި ބެލެނިވެރިންނާއި ދަރިވަރުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ އަނެއްކާ ވެސް ކޮވިޑްގެ ދެވަނަ ރާޅެއް ނެގުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
ކޮވިޑް ހުއްޓުވުމަށް ސްކޫލްތަކުގެ ދައުރު ބޮޑު
ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ސްކޫލުތާކާއި، ބެލެނިވެރިން ސަމާލުކަން ދީފި ނަމަ ކޮރޯނާ ވައިރަސް އިތުރަށް ފެތުރުނަ ނުދިޔުމަށް އެއީ ބާރަކަށް ވެގެންދާނެއެވެ. އެންމެ ކުއްޖެއް ފަރުވާ ކުޑަ ކޮށްލުމުގެ ސަބަބުން ވެސް އަޅުގަނޑުމެން ހީނުކުރާކަހަލަ ނަތީޖާއެއް ނިކުމެދާނެއެވެ. ބަލީގެޒާތުން ފަރުވާކުޑަ ކޮށްލެވޭ އެންމެ ކަމެއްގެ ސަބަބުންވެސް އޮންނަނީ ގިނަ ބަޔަކަށް އޭގެ އަސަރުކޮށްފައެވެ. ސްކޫލުތެރޭގައި އަދި ބޭރުގައި ވެސް ގައިދުރުކަން އިސްކުރުމާއި މާސްކު އެޅުމާއި ގިނަގިނައިން އަތް ދޮވުމަކީ ތިމާ އާއި އަނެކާގެ ރައްކާތެރިކަމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅެވެ. އަޅުގަނޑުމެން ފަރުވާ ކުޑަ ކޮށްލައިގެން ހިތި ނަތީޖާއެއް ނިކުމެއްޖެ ނަމަ އަނެއްކާވެސް އަޅުގަނޑުމެންގެ ދަރީންގެ ތައުލީމީ ހަޔާތުން ގެއްލިގެންދާނީ އެތައް ދުވަހެކެވެ. އެކަންވެގެންދާނީ ކުދިންގެ މުސްތަގްބަލަށްވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަކަށެވެ. ނޭނގި ތިއްބާ އެއްފަހަރު އެ ތަޖުރިބާ އަޅުގަނޑުމެންނަށް ކުރެވިއްޖެއެވެ. އަނެއްކާ ދެވަނަ ފަހަރަށް އެކަން ތަޖުރިބާ ނުކުރަމާތޯއެވެ. ސްކޫލުތަކާއި ދަރިވަރުންނާއި ބެލެނިވެރިން ހުށިޔާރުވެ އިރުޝާދުތަކަށް ބޯލަނބައިފިނަމަ މިއީ ވެސް ދިވެހިންނަށް ނުވާނެކަމެއް ނޫނެވެ.
ގެއްލުނުދުވަސްތައް ހޯދުމަށް ދެގުނަ މަސައްކަތް ކުރަންޖެހޭ
ދިވެހި ރާއްޖެއިން ވެސް ކޮރޯނާ ވައިރަސް ފެނި ފުރަބަންދުގައި ގިނަ ދުވަސްތަކެއް ގޭގައި ތިބުމަށްފަހު މިދިޔަ އަހަރުވެސް ކޮންމެވެސް މިންވަރަކަށް ކުދިން ސްކޫލުތަކަށް ގޮސްފައިވެއެވެ. ނަމަވެސް އޭރު ގިނަ ކުދިންނަށް ތިބީ ކިޔެވޭފަދަ ހާލަތަކަށްވުރެ ބޮޑަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުކޮށްފައެވެ. ގޭގައި ތިބެން ޖެހުމުން ގިނަވަގުތު ކަންފަތުގައި ޖެހެނީ ކޮންމެވެސް ކަހަލަ ބިރުވެރި ޚަބަރުތަކެކެވެ. އޮންލައިންކޮށް ކްލާސްތައް ނެގި ނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުދިންނަކަށް ނުހިފެއެވެ. އިންޓަރނެޓްގެ ދަތިކަމާއި ކުދިންނަށް ކިޔެވޭނެ ރަނގަޅު މާހައުލެއް ގިނަ ގޭގޭގައި ގާއިމްވެފައި ނެތުމަކީ ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށްބޮޑު ހުރަހަކަށް ވެގެންދިޔައެވެ. މީގެ އިތުރުން ކުދިން ތިބީ ކޮން ސްޓޭޖެއްގައިތޯ މޮނިޓަރކޮށް ބަލާ ވިލަރެސް ކުރެވޭނެ ގޮތެއް ނެތުމަކީ ވެސް މުދައްރިސުންނަށް ވެސް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން މިދިޔަ އަހަރު ފެށި ދިރާސީ އަހަރުގެ ކިޔެވުން މިއަހަރު ނިންމަން ޖެހިފައިވުމުން މިދިޔަ އަހަރު ކުރަން ޖެހުނު މަސައްކަތާއި މިއަހަރަށް ހުރިކަންކަމާއި އެކީ މިއޮތީ ދެގުނަ ވެފައެވެ. އެހެންކަމުން ކާމިޔާބު ދިރާސީ އަހަރެއް ނިންމާލުމަށްޓަކައި ހުރިހާ އެންމެންގެ އެއްބާރުލުމަށް ވެސް މިއޮތީ ނުހަނު ބޭނުންވެފައެވެ. މިއީ ނުވާނެކަމެއް ނޫނެވެ. އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ އިންޝާ ﷲ ކޮވިޑް ނަވާރައާ އެކީ ވެސް މީ ދިވެހިންނަށް ކާމިޔާބު އަހަރަކަށް ހެދިދާނެއެވެ.
advertisment
ހިޔާލު