ކުރިނބީ ރައްޔިތުންގެ ހިތްއަތުލި އިންޑިޔާގެ ޤުރުއާން މުދައްރިސް

17 އަހަރަށްފަހު، އެހެން ސްކޫލަކަށް ބަދަލުވުމަކީ މުޅި ރަށަށް ލިބުނު ހިތާމައެއް

" އެހާ ގިނަ ދުވަސްވީމާ އަޅުގަނޑުމެންނަކަށް އިހުސާސެއް ވެސް ނުކުރެވޭ އެއީ ބިދޭސީ މުދައްރިސެއް ކަމެއް. ރަށުގެ ރައްޔިތުންނާއި ސްކޫލާއި އަދި ދަރިވަރުންނާއެކު އޮންނަނީ ވަރަށް ގާތް ގުޅުމެއް. ސްކޫލުގެ މުދައްރިސުންގެ ތެރޭގައި ވެސް ގިނައީ އޭނާގެ ދަރިވަރުން" 17 އަހަރު ކުރިނބީ ސްކޫލުގެ ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އއ. މާޅޮހު ސްކޫލަށް ބަދަލުވި އަލްހާފިޒު މުޙައްމަދު ރަފީޤު އާލަމްގެ ޚިދުމަތް، ކުރިނބީ ސްކޫލުން ފާހަގަ ކުރަނީ ޝުކުރުވެރިކަމާ އެކުގައި ކަމަށް ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ހުސައިން ނާޒިމް ވިދާޅުވިއެވެ.

17 އަހަރު ވަންދެން ޤުރުއާން މުދައްރިސެއްގެ ގޮތުގައި ކުރިނބީގައި މަސައްކަތް ކުރުމަށްފަހު، އއ. މޮޅޮހު ސްކޫލަށް ބަދަލުވީ، ބިދޭސީން ތިބި ވަޒީފާތަކަށް ދިވެހިން ހޯދަން ކުރި އިޢުލާނާ ގުޅިގެން ޤުރުއާން ކިޔަވައިދޭނެ ދިވެހި ޓީޗަރަކު އެ ސްކޫލަށް ލިބުމުންނެވެ.

އއ. މާޅޮހު ސްކޫލަށް ރަފީޤު ބަދަލުކުރީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.

" ވަރަށް ދެރަވި ކުރިނބީ ރައްޔިތުން ދޫކޮށްލާފައި ދާންޖެހުނީމާ" މިދިޔަ ބުރާސްފަތި ދުވަހު މާޅޮހަށް ބަދަލުވި ރަފީޤު ބުންޏެވެ.

ރަފީޤަށް އަލްވަދާއު ކިޔަން ނުކުތީ ކުރިނބީ ސްކޫލުގެ ހުރިހާ ދަރިވަރުންނާއި ރަށުގެ ރައްޔިތުންނެވެ. އޭނާއަށް އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު މެހުމާންދާރީއާއި ކުލުނާއި ލޯބި ހިފައިގެން އެހެން ރަށަކަށް ދިއުމަކީ އެއީ ރަފީޤަށް ވެސް ލިބުނު ހިތްދަތި ކަމެކެވެ.

" ދާންޖެހުނީމާ ދެރަވި. ވަކި ޢުމުރެއް ނެތް، ކުދިބޮޑު އެންމެން އެ ދިން އަޅާލުމާއި ކުލުނާއި ލޯބި މަތިން އަބަދު ވެސް ހަނދާން ހުންނާނެ"

17 އަހަރުގައި ހާފިޒަކަށްވި ރަފީޤު، ރާއްޖެއައީ 1997ގައި، ހދ. ވައިކަރަދޫގައި އަމިއްލަ ފަރާތަކުން ހިންގަމުން އައި ސުލައިމާނީ ސްކޫލަށެވެ. އެ ސްކޫލުގައި ފަސް އަހަރެއްހާ ދުވަހު މަސައްކަތް ކުރިއެވެ. އޭގެ ފަހުން ތިން އަހަރެއްހާ ދުވަހު ކުޅުދުއްފުށީގައި އަމިއްލަ މީހަކު ހިންގި ޓިއުޝަން ސެންޓަރެއްގައި ޤުރުއާން ކިޔަވައިދިނެވެ. އޭގެ ފަހުން ދެ އަހަރެއްހާ ދުވަހު އިންޑިޔާގައި އުޅުމަށްފަހު ދެވަނަ ފަހަރަށް ރާއްޖެ އައީ ޤުރުއާން މުދައްރިސެއްގެ ވަޒީފާ ކުރިނބީ ސްކޫލުން ހަމަޖެހުމުންނެވެ. އެއީ 2007 ވަނަ އަހަރުއެވެ. ފާއިތުވީ 17 އަހަރުގެ ތެރޭގައި، ޤުރުއާން މުދައްރިސެއްގެ ގޮތުން އޭނާ ވަނީ ސްކޫލަށާއި އެ ރަށަށް ބޮޑު ޚިދުމަތެއް ކޮށްފައެވެ.

" ކުދިންނަށް ކިޔަވާދީފައި އެ ދުވަސްވަރު ބޮޑެތި މީހުންނަށް ރޭގަނޑު ޤުރުއާން ކުލާސްތަކެއް ވެސް ކުރިއަށް ގެންދިޔައިން" ރަފީޤުގެ މަސައްކަތް ކުރިނބީގައި ފަށައިގަންއިރު އެހާ ފަސޭހައެއް ވެސް ނޫނެވެ. އޭރުގެ ހާލަތު ވެސް ތަފާތެވެ. އެއިރާ މިހާރުގެ ތަފާތަށް ބަލާއިރު، ޤުރުއާން ކިޔެވުމަށް ބެލެނިވެރިންނާއި ދަރިވަރުން ދޭ އިސްކަމާއި ކުރާ މަސައްކަތް ބޮޑުކަމަށް އޭނާ ފާހަގަ ކުރިއެވެ.

ނާޒިމް ވިދާޅުވީ، އެ ސްކޫލުގެ މުވައްޒަފުންގެ ތެރޭގައި ވެސް ގިނައީ ރަފީޤުގެ ދަރިވަރުންނެވެ.

" ވަރަށް މަދުވާނެ ރަފީޤު، ސަރ ޤުރުއާން ކިޔަވައި ނުދޭ މުދައްރިސެއް ވެސް މުވައްޒަފެއް ވެސް. " ނާޒިމް ވިދާޅުވިއެވެ.

ރަފީޤުގެ އާއިލާ ދިރިއުޅެނީ އިންޑިޔާގައެވެ. ދެ ކުދިން ތިބިއިރު، ދޮށި ދަރިފުޅު ކިޔަވަނީ ގުރޭޑް 12ގައެވެ. ހަގު ދަރިފުޅު ކިޔަވަނީ ގުރޭޑް 6ގައެވެ.

ރަފީޤު ބުނީ، އެހާ ގިނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރެވުނީ ވެސް ދިވެހިންގެ ހިތްހެޔޮކަމާއި މެހުމާންދާރީގެ ސަބަބުންނެވެ.

" އަމިއްލަ ފަސްގަޑުން ވެސް ނުލިބޭ ލޯބި ރާއްޖެއިން ލިބުނީ. އެއީ މިހާ ގިނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރަން ލިބުނު ހިތްވަރަކީ، ލިބުނު ހިތްހަމަޖެހުމަކީ" 52 އަހަރުގެ ރަފީޤު ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *