ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަނީ

ބިދޭސީ މުއްދަރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދުމުގެ މަސައްކަތް ސްކޫލްތަކުން އިއުލާން ކުރަންފަށައިފިއެވެ.

ބިދޭސީ މުދައްރިސުން ކިޔަވައި ދެމުންދާ މާއްދާތަކަށް ދިވެހިން މުދައްރިސުން ހޯދަން މީގެ ކުރިންވެސް ސްކޫލްތަކުން ދިޔައީ އިއުލާން ކުރަމުންނެވެ. އަށާރަ ސްކޫލަކުން މުދައްރިސުން ހޯދަން އިއުލާން ކޮށްފައިވާއިރު، އޭގެ ތެރޭގައި މާލޭގެ ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނެއެވެ.

މުދައްރިސުން ހޯދަން ކުރި އިއުލާންތަކުގައިވާ ގޮތުން މުސާރާއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000ރުފިޔާއާއި 10600 ރުފިޔާއާ ދެމެދެމެވެ. މީގެ އިތުރުން ސަރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާއާއި ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާގެ އިތުރަށް އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސްވެސް ދޭނެ ކަމަށް ބުނެފައިވެއެވެ.

މުސާރައިގެ މައްސަލައިގައި ދިވެހި މުދައްރިސުން ވަޒީފާގައި ދެމިނުތިބޭ މައްސަލަ ބޮޑުވެފައިވާއިރު، މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރަމުންނެވެ.

މިއަހަރު ތައާރަފުކުރި ތައުލީމުގެ ބިލާއެކު ސްކޫލްތަކުގައި ކިޔަވައިދެވޭނީ ލައިސަންސް ލިބިފައިވާ މުދައްރިސުންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *