ގުރޭޑް10 ގެ ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާއިންދޭ ނަމޫނާ އިމްތިޙާން އަންނަ ފެބުރުއަރީގައި ބާއްވަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ނިންމައި އެކަން ސްކޫލްތަކަށް އަންގައިފިއެވެ.
ޑީޕީއީއިން ސްކޫލްތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މި އިމްތިޙާން ބާއްވަން ނިންމާފައި ވަނީ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހާއި 22 ވަނަ ދުވަހު ކަމަށެވެ.
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 ގެ އާ ސިލަބަހަށް ގެނެވުނު ބަދަލާއެކު ގްރޭޑް 10 ނިންމާ ދަރިވަރުންނަށް "ދިވެހިބަސް އަދި އިސްލާމީ ތަރުބިއްޔަތު" މި ދެ މާއްދާއިން ފުރަތަމަ ފަހަރަށް އެސް.އެސް.ސީ އިމްތިޙާނު ދެވޭ އަހަރު ކަމަށް ވާތީ، ގުރޭޑް 10ގެ ދަރިވަރުންގެ ފުރަތަމަ ޓާމުގެ އިމްތިޙާން ތައްޔާރު ކުރުމަށް ކަނޑައެޅި ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އެކަން ކުރެވިފައި ނުވަނީ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގެ އުޞޫލަށް ގެނެވުނު ބަދަލާ ގުޅިގެން ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ޑީޕީއީން މިހާރު ނިންމާފައި ވަނީ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހާއި 22 ވަނަ ދުވަހު އިމްތިޙާނު ބާއްވާށެވެ. 21 ވަނަ ދުވަހުގެ ހެންދުނު 9:00 ގައި އޮންނާނީ އިސްލާމީ ތަރުބިއްޔަތު ކަރުދާސް ދޭއް ގެ އިމްތިހާނެއެވެ. މި އިމްތިހާނުގެ ދިގުމިނަކީ 120 މިނިޓެވެ. އެދުވަހުގެ މެންދުރުފަހު ދޭއް، ޖަހާއިރު އޮންނާނީ އިސްލާމީ ތަރުބިއްޔަތު ކަރުދާސް އެކެއްގެ އިމްތިޙާނެވެ. މި އިމްތިޙާނުގެ ދިގުމިނަކީ 90 މިނިޓެވެ. 22 ވަނަ ދުވަހު ހެނުނު 9:00 ގައި އޮންނާނީ ދިވެހިބަސް ކަރުދާސް އެކެކެވެ. އެއީ 120 މިނިޓްގެ އިމްތިޙާނެކެވެ. އެދުވަހުގެ މެންދުރުފަހު ދޭއް، ޖަހާއިރު އޮންނާނީ ދިވެހިބަސް ކަރުދާސް ދޭއް،ގެ އިމްތިޙާނެވެ. މިއީވެސް 120 މިނިޓްގެ އިމްތިޙާނެކެވެ.
advertisment
ހިޔާލު