ޔުނިސެފުން 420 ލެޕްޓޮޕާއި، 2700 ދިވެހި ވާހަކަ ފޮތް ހަދިޔާކޮށްފި

ޔުނިސެފްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 420 ލެޕްޓޮޕާއި، ދިވެހި ކިއުމަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި ދިވެހި ވާހަކަފޮތް އަދި ސްކޫލްތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓް ހަދިޔާކޮށްފިއެވެ.

މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. މުނީރް އޭ. ސަފީލްދީންއެވެ. އަދި މި ތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މިތަކެތި ހަދިޔާ ކުރެވުނީ ކޯވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިއުމަށާއި، އަންނަ 2021ވަނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނޭ 420 ލެޕްޓޮޕަކީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން- ޖީޕީއީގެ ފަންޑުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ހިލޭއެހީގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. ރާއްޖެ ޖީޕީއީގެ މެންބަރު ގައުމަކަށްވީ 2019ވަނަ އަހަރުއެވެ.

ސްކޫލްތަކުގައި ބޭނުން ކުރުމަށް މިއަދު ހަދިޔާ ކުރެވުނު ޑިސްއިންފެކްޓެންޓްއަކީ ޔޫއެސްއެއިޑްގެ އެހީގައި ޔުނިސެފުން ހަދިޔާ ކުރި ތަކެއްޗެވެ.

މީގެ އިތުރުން ޔުނިސެފުން މިއަދު 2726 ދިވެހި ވާހަކަފޮތް ހަދިޔާކުރެއްވި އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް ވިދާޅުވީ މިއަދު ހަދިޔާކުރެވުނު ތަކެތީގެ ސަބަބުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޑރ މުނީރްގެ ވާހަކަފުޅުގައި ވަނީ ކޯވިޑް19ގެ އާލަމީވަބާގެ ތެރޭގައިވެސް ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރި މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ.

މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް ޔުނިސެފްގެ އެހީތެރިކަން އަބަދުވެސް ގިނަ ގޮތްގޮތުން ލިބޭކަން ފާހަގަކުރައްވައި، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް އޭ. ސަފީލްދީން އަދި ޔުނިސެފްގެ ޓީމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޔުނިސެފާއި ތަޢުލީމީ ދާއިރާއާއި ދެމެދުވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާ މިގޮތުގައި އަބަދުވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އޮތްކަންވެސް ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *