ފުރަތަމަ ޓާމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ކުދިންނަށް ހުރަރު ދަސްކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ދ. ރިނބިދޫ ކައުންސިލުން ފަށައިފިއެވެ.
ރިނބިދޫގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ފަސް ދުވަހުގެ ތެރޭގައި 20 ގަޑިއިރު ހުނަރު ދަސްކުރުމުގައި ކުދިން ވަގުތު ހޭދަކުރާނެއެވެ. ރިނބިދޫ ޒުވާނުންގެ ޖަމިއްޔާއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދާ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމުގެ ތެރެއިން ދަސްކޮށްދެނީ މަސްވެރިކަމާއި ގަހަނާ ހެދުމެވެ. ރަންރިހީގެ މަސައްކަތްތަކަށް ރިނބިދޫ މަޝްހޫރުވެފައިވާއިރު، ފަސް ދުވަހުގެ ތެރޭ 15 ގަޑިރު މަސްވެރިކަމުގައި، ފަސް ގަޑިއިރު، ގަހަނާހެދުމުގެ އަމަލީ މަސައްކަތުގައި ކުދިން ބައިވެރިވާނެއެވެ.
ރިނބިދޫ ކައުންސިލްގެ ރައީސް ހާޠިމް އިބްރާހިމް ވިދާޅުވީ ޗުއްޓީ ތެރޭގައި މަސައްކަތެއް ދަސްކޮށްލަން ބޭނުންވާ ކުދިން އެބަތިބި ކަމަށާއި އެފަދަ ކުދިންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމެއް ފެށީ ކުދިންގެ ހުނަރު ތަރައްގީކޮށްދީ އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
ހަފްތާ ބަންދުގައި ފެށި މި ޕްރޮގްރާމުގައި ގްރޫޕްތަކަށް ބަހާލައިގެން ގުރޫޕެއްގައި ހަތަރުކުދިން ހިމެނޭ ގޮތަށެވެ. މޫސުމަށް ބަލާފައި މަސްވެރިކަމާ ގުޅޭ މައުލޫމާތާއި އަމަލީ ގޮތުން އެ މަސައްކަތް ކުރާގޮތް މި ގެންދަނީ ހެނދުނާއި ހަވީރުއެވެ. ހާޠިމް ވިދާޅުވީ ސްކޫލްގައިވެސް މިފަދަ މައުލޫމާތު ދޭ ކަމަށާއި ކުދިންނަށް ފުރުޞަތު ނުލިބެނީ އަމަލީ ގޮތުން އެ މަސައްކަތް ކުރަން ކަމަށެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން ކުދިންނަށް ދަސްކޮށް ދޭނީ ކަންވާރަށް ބުޅި ލެއްވުމާއި، ވަދު އެޅުމާއި، މަސްވެރިކަމުގެ އާލަތްތަކުގެ ބޭނުމާއި އެއަށް ކިޔާ ނަންތައް ދަސްކޮށަ ދިނުމަށް ކަމަށެވެ.
" ތަކެއްޗާއި ތަންތަނަށް ކިތާނެ ނަންތައްވެސް ދަސްމިވަނީ އަމަލީ ގޮތުން އެކަންތައް ކުދިންލައްވައި ކުރުވައިގެން. އޭރުން ފަސޭހައިން އެ ނަންތައް ހަނދާނުގައި ހުންނާނީ" ހާޠިމް ވިދާޅުވިއެވެ.
ރިނބިދޫގައި ދިރިއުޅޭ ކުދިންގެ އިތުރުން ރަށުން ބޭރުން އަންނަ ކުދިންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ޚާއްޞަ ޕެކޭޖެއްގެ ތެރެއިން އެފަދަ ކުދިންނާއި މައިންބަފައިންނަށް ތިބެވޭނެ އިންތިޒާމާއި ކެއިންބުއިމުގެ ކަންތައްތަކުގައި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު