ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް

ކޮވިޑްއާ ގުޅިގެން ދިރާސީ އަހަރުގެ ތައުލީމީ ކަލަންޑަރަށް ގެނައި ބަދަލާއެކު، މިއަހަރުގެ ފުރަޔަމަ ޓާމުގެ ކިޔެވުން ނިންމައި، ރިޕޯޓް ފޯމް ދީ، ދަރިވަރުންނަށް މިއަދުން ފެށިގެން ޗުއްޓީ ފެށިއްޖެއެވެ.
ހުރިހާ ސްކޫލެއްގައިވެސް ފޯމް ދިނީ މީމިސް މެދުވެރިކޮށެވެ. ރިޕޯޓްފޯމް ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އޮންލައިކޮށެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުއެވެ. ޖޫން 24އާ ހަމައަށް ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދާނެއެވެ. އެއަށްފަހު ބޮޑު ޗުއްޓީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ދާނެއެވެ.
އެހެން އަހަރުތަކާ ޚިލާފަށް އަންނަ އަހަރުގެ ދިރާސީ ކަލަންޑަރު ފަށާނީ އޮގަސްޓް ދިހަ ވަނަ ދުވަހުއެވެ. ދިރާސީ އަހަރު މި އަހަރު ފެށީ ޖެނުއަރީ 12ގައެވެ.

ކޮވިޑްގެ ކުރިން އެކުލަވާލި ދިރާސީ ކަލަންޑަރުގައި ބުނާގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ދެވަނަ ޓާމު ފަށަން އޮތީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އަހަރީ ޗުއްޓީ ދޭން އޮތީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.
ދިރާސީ ކަލަންޑަރަށް ބަދަލުތައް ގެނައުމުން ފުރަތަމަ ޓާމުގައި 198 ދުވަހު ކިޔަވައިދެވޭނެއެވެ. ދެ ވަނަ ޓާމުގައި ކިޔަވައިދޭނީ 113 ދުވަހުއެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ކުދިންނަށް ޗުއްޓީ ދިން ނަމަވެސް ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް މި ދުވަސްތަކުގައި ކިޔެވުން ކުރިއަށް ގެންދަން ބައެއް ސްކޫލްތަކުން ނިންމާފައެވެ. އެއީ އަންނަ އަހަރު މެއި އެޕްރީލް މަހުގެ ތެރޭގައި ގުރޭޑް ދިހައެއްގެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަންޖެހޭނެތީއެވެ. ބައެއް ސްކޫލްތަކުން ދަނީ މިހާރުވެސް އެ ކުދިންނަށް އޮންލައިން ކުލާސްތައް ބާއްވަމުންނެވެ.

ކޮވިޑްއާ ގުޅިގެން މާލޭގެ ސްކޫލްތައް ފިޔަވައި އެހެން ހުރިހާ ސްކޫލްތަކެއްގެ ހުރިހާ ގުރޭޑްތަކަށް ވަނީ ކިޔަވައިދޭން ފަށާފައެވެ. މާލޭގެ ސްކޫލްތަކުގައި ސްކޫލަށް ގެންގޮސްގެން ކިޔަވައިދެމުން ގެންދިޔައީ ގުރޭޑް ހަޔަކުން މަތީގެ ގުރޭޑް ތަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *